މާލޭގެ މަޝްހޫރު ގަރާޖެއް ހިންގަމުން އައި ހަސަން ގާސިމް (ހަސަންފުޅު) އަކީ ހިތްހެޔޮ ދީނީ ކަންކަމަށް ލޯބި ކުރި މީހެއް ކަމަށް ވިދާޅުވެ، ދީނީ އިލްމްވެރިޔާ ޝައިހް އަލީ ޒާހިރު ބިން ސައީދު ގާސިމް ހަސަންފުޅަށް ތައުރީފް ކުރައްވައިފިއެވެ.

އަލީ ޒާހިރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަސަންފުޅާ ބައްދަލުވި ބައެއް ދުވަސް ދުވަހު ހިތަށް ހިތްހަމަޖެހުން ގެނުވާ ފަދަ ވާހަކަތައް ހިއްސާކޮށްފައިވާ ކަމަށެވެ.

"ﷲ މަރްހޫމްގެ ފާފަ ފުއްސަވައި ހެޔޮ ރަހްމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް ލައްވާށި. އާމީން،" އަލީ ޒާހިރު ވިދާޅުވިއެވެ.

މާލެ އަށް އުފަން އުމުރުން 76 އަހަރުގެ ހަސަންފުޅު ނިޔާވީ ރޭގެ ވަގުތެއްގައެވެ.

ހެންވޭރުގެ ހަނިގޯޅިއެއްގައި "ވޮންޑަ ވޯކްޝޮޕް" ނަމުގައި ހިންގަމުން އައި ގަރާޖަށް މިހާރު 47 އަހަރުވީ އިރު، ހަސަންފުޅަކީ އެ ގަރާޖުގައި މަސައްކަތް ކުރަމުން އައި އެތަނުގެ ވެރިޔާއެވެ. އެކަމަކު، އުމުރުން ދުވަސްވެ ގައިބާރު ދެރަވީ ވަރަކަށް އޭނާ ކުރާ މަސައްކަތް ވަރަށް ބޮޑަށް މަދުވިއެވެ.

އެންމެ ފުރަތަމަ ގަރާޖު ހުޅުވައިގެން ހަސަންފުޅު އަމިއްލަ އަށް މަސައްކަތް ކުރީ ބައިސްކަލު މަރާމާތު ކުރުމުގެ ހިދުމަތް ދޭށެވެ. އެކަމަކު ދިވެހިން ބައިސްކަލްތައް ގެންގުޅުން ނިމުމަކަށް ގެނެސް ސައިކަލް ގެންގުޅެން ފެށުމުން ހަސަންފުޅުގެ ގަރާޖުން ސައިކަލަށް ޖެހޭ މައްސަލަތައް ހައްލުކޮށްދޭ ތަނަކަށް ހެދިއެވެ. އެންމެ ގިނަ ބަޔަކަށް މިތަން މަޝްހޫރުވެގެން ގޮސްފައި ވަނީ ވެސް ސައިކަލަށް ހާއްސަ ގަރާޖެއްގެ ގޮތުގައެވެ.

މީގެއިތުރުން ސައިކަލަށް ވައި ޖަހައި ދިނުމާއި ލޯގަނޑު ބަދަލުކޮށް ދިނުމާއި، މި ނޫނަސް، ކުދި ކުދި ހިދުމަތްތައް ހަސަންފުޅުގެ ގަރާޖުން ހިލޭކޮށްދެއެވެ.

މާލޭގައި މި ގަރާޖު ހުޅުވީއްސުރެ ހަސަންފުޅު ގަރާޖުގައި މަސައްކަތް ކުރަމުން އައިއިރު، ފަހުން އައިސް ގައިބާރު ދޫވެ އެއްޗެހި އުފުލުމުގައި އުނދަގޫތައް ދިމާވާތީ ބިދޭސީންނަށް މުސާރަ ދީގެން ގަރާޖުގައި އެމީހުން ގެންގުޅެން ފެށިއެވެ. އެކަމަކު ކޮންމެ ދުވަހަކު ހެން، ކުދި ކުދި މަސައްކަތްތަކުގައި އޭނާ ދިޔައީ ބައިވެރިވެ ބިދޭސީންނަށް އެހީތެރިވަމުންނެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ހަސަންފުޅަކީ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަަައްޒަ

    ތީވަރަށް ހެޔޮ މީހެއް // މަރުހޫމަށް ސުވަރުގޭ މަތިވެރި ނިއުމަތް ދެއްވާށި’

    11
  2. ތ

    ހަސަންފުޅުގެ އުމުރުގެ ކުރީ ކޮޅާ ފަހަކު ކޮޅު ވަރަށް ތަފާތު ކުރިން ކުރެވުނު ކަންކަން އިސްލާހުކޮށް އިސްލާހުގެ މަގަށް ރުޖާއަވި އެއީ މުސްލިމުން ނަގަންޖެހޭ ފިލާވަޅެއް އަބަދުވެސް ތައުބާ ވާންވީ ހަސްފުޅަކީ މިސްކިތް ފޮޅާ ސަާފުކުރުމުގެ މަސައްކަތް އަދި ދިއްލީ މިސްކިތުގެ ކަންކަމުގައި ދީލަތި ފަރާތްތަކުގެ އެހީގައި ކަަންކަން ކުރި މީހެއް އެންމެ ކުރިން އުޅުނީ ސަލާހަށްދިން މިސްކިތް ފޮޅާ ސާފުކުރާން މަރުހޫމަށް ހޮޔޮ ރަޙުމަތް ލައްވާށި އާމީން

    11
  3. އަޚް

    އާމީން

  4. ޙަބޭ

    ހަސަންފުޅު އަކީ ސަޅި މީހެއް. އެހިއްވަރު ކޮންމެމީހެއްގައިގަ ނުހުންނާނެ. ނުފެނި ހުރެފަ، މީގެ މަސްތަކެއްކުރިން ފެނުނު އިރު ހިނގާއުޅުނީ އަސާއެއްގެ އެހީގައި، ސުވާލުކޮށްލުމުން ވަރައް ދެރަވެފަ ބުނީ މީ ކޮއްކޯއޭ މީ ޒުވާނަކު ސައިކަލުންޖެއްސުމުން ވަރައްގިނަދުވަހު އެނދުގަ އޮވެފައޭ މި ތެދުވީ، ސައިކަލުން ޖެއްސުމުން އެއްފައިގެއުކުޅުވަޅުންބިންދައިގެންދިޔައީމަ، ޒުވާނާ މަޑުވެސް ނުކޮށް ފިލީކަމަށް، އެވޭނުގަ ހުއްޓާ ހަސަންފުޅު އަހަރެމެންނާ ވަކިވެ މި ދިޔައީ