މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް މާލެ ރައްޔިތުންނަށް އެކަށޭނަ ޚިދުމަތެއް ދެވޭނީ ބަޖެޓާއި ބާރުތައް ސަރުކާރުން ސިޓީ ކައުންސިލަށް ދޫކޮށްލައިގެން ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މާލެ ސިޓީގެ ރައީސްގެ މަގާމު ޝިފާ ކާމިޔާބު ކުރެއްވި ފަހުން، ފުރަތަމަ ފަހަރަށް މީޑިއާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޝިފާ ވަނީ އެމްޑީޕީއިން އަބަދުވެސް ގަބޫލު ކުރާ ފަލްސަފާއަކީ "ފެޑެރަލް ލާމަރުކަޒީ ނިޒާމެއް" ކަމަށް ވިދާޅުވެފައެވެ.

ކްލަބް ހައުސްގައި "ވަގުތު" އިން ކުރިއަށް ގެންދިޔަ "ހަވާސް" ޕްރޮގްރާމްގައި މިހާރު އޮތް ކައުންސިލްއާ މެދު ދެކޭ ގޮތާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ޝިފާގެ ވާހަކަ ފުރަތަމަ ވެސް ފެށީ އެމްޑީޕީގެ ފަލްސަފާތަކާއި ގުޅޭ ގޮތުންނެވެ.

ޝިފާ ވެސް ގަބޫލުކުރައްވާ އެ ފަލްސަފާއަކީ ބާރުގަދަ ސިޓީ ކައުންސިލްތަކެއް އުފައްދައި ޕްރޮވިންސް އުސޫލުން އެ ކައުންސިލްތަކަށް ބަޖެޓް ދޫކުރެވިގެން، އެ ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނާއި ވީހާ ވެސް ގާތުން ޚިދުމަތް ދެވުމެވެ.

"ދެ ބަޖެޓެއް އޮތުން އެއީ އަޅުގަނޑު ދުވަހަކު ވެސް ތާއީދު ކުރި ކަމެއް ނޫން،" ޕްލޭނިން މިނިސްޓްރީގެ ބަޖެޓްގެ ތެރެއިން މާލޭގެ ކަންކަން ކުރެވޭ ގޮތަށް އޮތް އޮތުމާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ޝިފާ ވިދާޅުވިއެވެ.

ޝިފާ ދެން ވިދާޅުވަނީ މުއިއްޒަށް ވެސް މާލެ ސިޓީގެ ރައްޔިތުންނަށް ޚިދުމަތް ދެވޭނީ މާލޭގެ ރައްޔިތުންނާއި މޭޔަރު ވެސް ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ އިޚްތިޔާރުތަކާއި ބާރުތައް ސަރުކާރުން ދޫކޮށްލައިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ޝިފާ ވެސް މީގެ އެއް ހައްލެއްގެ ގޮތުގައި ދެއްކެވީ ލާމަރުކަޒީ ނިޒާމު ހިންގޭނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށެވެ. މަޖިލީހުގައި ވަޒީރުން ތިއްބެވުމުން ވަޒީރުން ޖަވާބުދާރީކުރެވޭނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝިފާއަކީ މާލެ ސިޓީގެ ފުރަތަމަ އަންހެން މޭޔަރެވެ. އަދި ފުރަތަމަ އަންހެން ޑެޕިއުޓީ މޭޔަރަކީ ވެސް ޝިފާއެވެ. އެހެންވިޔަސް އެމްޑީޕީގެ ޕްރައިމަރީގައި ނާކާމިޔާބުވެ، މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރެއްވީ އަނަސް އަބްދުލް ސައްތާރެވެ. ޑރ. މުއިއްޒާ ވާދަކުރައްވައިގެން އަނަސް ވަނީ ބޮޑު ތަފާތަކުން ނާކާމިޔާބުވެފައެވެ.