ރާއްޖޭގައި ތިންވަނަ ސިޔާސީ ފިކުރެއް ގާއިމް ކުރުމަށް މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފައްދަން އިލެކްޝަން ކޮމިޝަނުން ހުއްދަދީފީއެވެ.

އެމްއެންޕީއަކީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ރިޓަޔާޑް) އިސްވެ އުފައްދާވާ ޕާޓީއެކެވެ. ޕާޓީގެ ރައީސަކީ ނާޒިމެވެ.

އެ ދެބޭފުޅުންގެ އިތުރުން އެމްއެންޕީގައި ދެން ހިމެނެނީ ނާޒިމްއާ އާއިލީ ގުޅުމެއް އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) ވެސް އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ފެށިއިރު ބައިވެރިވިއެވެ. ނަމަވެސް ދެބޭފުޅުން ވަނީ އެޕާޓީ އާ ދުރަށް ދިޔަކަން އިއުލާންކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

އެމްއެންޕީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބޭއްވި ހުކުރު ދުވަހުއެވެ. ގިޔާސުއްދީން ސްކޫލުގައި ކުރިއަށް ދިޔަ ޖަލްސާގައި ޕާޓީގެ ނައިބް ރައީސުންނާއި އެކްޒެކްޓިން ކޮމިޓީ ވަނީ އިންތިހާބުކޮށްފައެވެ. ޕާޓީގެ ދިދަ، ނިޝަން އަދި ލޯގޯވެސް ވަނީ ފާސްކޮށްފައެވެ. އެމްއެންޕީގެ އިސް މަގާމުތަކަށް ކުރީގެ ބައެއް މިނިސްޓަރުން ވަނީ އިންތިހާބުވެވަޑައިގެންފައެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއަކީވެސް އެ ޕާޓީގެ އިސް އެކްސްކޯގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.

އީސީގެ ރައީސް ފުއާދު ތައުފީގް "ވަގުތު"އަށް މިއަދު ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ އޮންނަ އުސޫލާ އެއްގޮތަށް ކަމަށް އެ ޖަލްސާ އޮބްޒާވްކުރި އީސީގެ އޮފިޝަލުން އަންގާފައިވާ ކަމަށެވެ. އެހެންވެ އެ ޕާޓީ އުފައްދަން ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ޕާޓީއަށް ރަސްމީކޮށް އަންގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާހަކަ ދައްކަވަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އެމްއެންޕީން އަމާޒު ހިފާފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށެވެ. ނަމަވެސް ޕާޓީން ނެރެނީ ކޮން ކެނޑިޑޭޓެއް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވީ އެ ޕާޓީއަކީ "އެކަކު ވަށާ އެނބުރޭނެ" ޕާޓީއެއް ނޫން ކަމަށެވެ. ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ރައްޔިތުންނަށް "ފުދުންތެރި" ދިރިއުޅެއް ހޯދައި ދިނުމަކީ އެ ޕާޓީގެ އެންމެ މުހިއްމު އެއް އަމާޒެވެ. ރާއްޖޭގައި ތިބި ބޭރުގައުމުތަކުގެ ސިފައިން ބާލުވާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްއެންޕީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން އެޕާޓީއަށް ހަމަކުރުމެވެ. އަދި 2023 ކާމިޔާބުކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެޕާޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާޒިމް މ.މުރާލިގެ

    އަމިއްލަ އެދުމުން ފޯވެފައިވާ މުވައްސިސުން ތީގައި ތިބީ، ތިކަމުން ރައްޔިތަކަށް ކުރާނެ ރާހަތެއް ނޯންނާނެ، ވެރިކަން ލިބިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޮޅެއްތީ...!

    4
    4