މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިނުމަށް ބޭރުގެ ފިއްތުންތައް އެމަނިކުފާނަށް ކުރިމަތިވި ކަމަށް މިއަދު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އުތުރުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ނިލަންދޫ އަށް ވަޑައިގެން އެރަށު ނަރުދަމާގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭރުގެ ފަރާތްތަކުން މީގެ ކުރިން ވެސް ދިވެހި ރާއްޖެއަށް ފިއްތުންތައް ކުރިމަތި ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތިވަނީ ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނާތީ ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ބައެއް ކަހަކަ މުދާ ގައުމުތަކަށް އެކްސްޕޯޓު ކުރުމުގައި ރާއްޖެއަށް ލިބުނު އިނާޔަތްތައް ވެސް ހުއްޓާލާފައިވާ ކަމަށް ރައީސް ހާމަ ކުރެއްވިއެވެ. އެގޮތުން ދަޅު މަސް އެކްސްޕޯޓު ކުރުމުގައި ދޭން އެއްބަސްވި އިނާޔަތްތައް ވެސް ވަނީ ހުއްޓާލާފައި ކަމަށް ވިދާޅުވިއެވެ. އަދި އެ އިނާޔަތްތައް ކަނޑާލަން ވަކާލާތު ކުރީ ކޮން ބައެއްތޯ ރައީސް ސުވާލު އުފެއްދިއެވެ.

ރައީސް ވިދާޅުވީ ޑިމޮކްރެސީ ރާއްޖޭގައި އަށަގަންނަވަން ޖެހޭ ކަމަށް ބުނެ ވެސް އެފަދަ ޕްރެޝަރުަތައް ކުރިމަތި ކުރުވާާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނަމަ އެއީ ޑިމޮކްރެސީ ނެތުން ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

"މިހާރު މި ހިނގާ ކަންކަމުގެ ތެރޭގައި، ޑިމޮކްރެސީ ނެތިގެން މި ހިނގާ ކަންކަމަކީ ކޮބައިތޯ؟ ޑިމޮކްރެސީ ނެތިގެން ހިނގާ ކަންކަމުގެ ތެރެއިން މި ފަހަކަށް އައިސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، އިވެމުން ދިޔަ އަޑުތަކަކީ، ރައީސް ނަޝީދު އަށް ކުރިމަތި ނުލެވޭ ކަމަށް ވަންޏާ މިތާގައި ޑިމޮކްރެސީއެއް ނެތޭ. ބޭރުގެ ފަރާތްތަކުން ވެސް އަޅުގަނޑަށް މަޖުބޫރު ކުރަމުން ދިޔައީ، އަޅުގަނޑަށް ޕްރެޝަރު ކުރަމުން ދިޔައީ މިކަން މިގޮތައް ކުރަން." ރައީސް ވިދާޅުވިއެވެ.

އިންތިޚާބުގައި ވާދަކުރެވޭނެ ގޮތް ހަދަން މަޖުބޫރުކުރަމުން ދިޔަ ނަމަވެސް އެގޮތަށް ބޯނުލެންބެވީ އެކަމަކީ ގާނޫނީ ގޮތުން ކުރެއްވެން އޮތް ކަމަކަށް ނުވާތީ ކަމަށެވެ. ބަޔަކު ފިއްތުންތައް ކުރިމަތި ކުރިޔަސް އެއީ އަމިއްލަފުޅަށް ނިންމެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެކަން އެ ބޭފުޅުން އެދޭ ގޮތަށް ކުރެވޭތޯ މަގު ކޮށައިދިނީމު. ރައީސް ނަޝީދު ފުރަތަމަ އެދިވަޑައިގަތީ އޭނާގެ ޝަރީއަތް އަވަސްކޮށްދޭން. އެއީ އަންނާނެ ހުކުމަކުން ސަލާމަތްވެގެން ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން." ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެތައް ފަހަރަކު ނަޝީދުގެ ފަރާތްޕުޅުން ފޮނުވި ސިޓީފުޅުތަކާ ގުޅިގެން ކޯޓުގައި އެ މައްސަލަ އަވަސްކޮށްދޭން އެދިވަޑައިގެންނެވި ކަމަށެވެ.

"ހުކުމްތައް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމެއް ނޫން. ހުކުމްތައް ކުރުމަކީ ހުކުމްތައް ބަދަލުކުރުމަކީ އަދި ރައީސުލްޖުމްހޫރިއްޔާ ހިފާ ހައްޔަރުކުރުމާއި ދައުލަތް ނިމުމަކަށް ގެންނަ ހުކުމަކީ ވެސް އަޅުގަނޑުމެންނަށް ފެބުރުއަރީ އެކަކުން ދައްކައި ދީފި، އެއީ ކޯޓުތަކުން ކުރާ ކަމެއް ކަން. ޖާއިޒުކޮށް ކުރިއަސް ނާޖާއިޒުކޮށް ކުރިއަސް އެއީ ކޯޓުތަކުން ކުރާ ކަންތައް،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީގެ ނަމުގައި ދީނަށް ފުރައްސާރަކުރާ މީހުންނަށް، އެމަނިކުފާނުގެ ވެރިކަމެއްގައި ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށާއި އެ އަދަބު ގާނޫނުގެ ތެރެއިން ނުދެވޭ ނަމަ ގާނޫނު ހަދައިގެން ވެސް އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީރުބަހުރު

    ސާަބަހޭ ތި ވެރިންނަކީ ކޮންފިއްތުމެއް ސާބިތުކަމާއި އެކު ކުރިއަށް: މަރުހަބާ މަރުހަބާ

  2. މަކަރު އީޔޫ

    ސާބަސް ރައީސް ޔާމީން ތިޔައީ ގައުމު ފަހުރުވެރިވާ ރައީސް އީޔޫ މަހައްދޭ އަޅުގަނޑުމެންގެ ގައުމަކާ ނުކުޅެވޭނެ .

  3. ޤައުމު

    ޝުކުރިއްޔާ ރައީސް ޔާމީން..ކުރިޔަށް ދިވެހި ޤައުމު!