ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓްތައް ކެންސަލްކޮށް ނުދެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމަވައިފިއެވެ.

ކުރިން ވެސް ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން އެދުމުން ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން އެ އަމުރު ނެރެނުދިނެވެ. އަލުން ހުރިހާ ޕާސްޕޯޓެއް ހިފަހައްޓަން އެދުމުން އަނެއްކާ ވެސް ކްރިމިނަލް ކޯޓާއި ހައި ކޯޓު މަރުހަލާއިން ވެސް ނިންމީ އެ އަމުރު ނެރެ ނުދިނުމަށެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕީޖީގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ނިންމި ނަމަވެސް ޕާސްޕޯޓްތައް ހިފެހެއްޓޭނެ އެހެން ގޮތްތައް ޕީޖީ އޮފީހުން ބަލަމުންދާ ކަމަށެވެ.

"އެ މައްސަލާގައި އިތުރު އެހެން ގާނޫނީ ފަރުވާއެއް އޮތްތޯ އަޅުގަނޑުމެން ބަލާނަން،" ޝަފީއު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްސަލަ ހިނގި ގޮތް

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް އުފުލާފައިވަނިކޮށް، އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު އެ ހުއްދަ ދެއްވީ ހަތަރު މަސް ދުވަހުގެ އެއްބަސްވުމަކަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ.

އެ މުއްދަތު ހަމަވި ފަހުން އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގެން ޝަރީއަތް ގެންދަވަން ނިންމެވިއެވެ. އަޑުބަރޭއަށް ފިޔަވަޅެއް އަޅަން ވެސް ކްރިމިނަލް ކޯޓުން ނުނިންމަވައެވެ. އެ ކަން އެ ގޮތަށް ނުވާނެ ކަމަށް ވިދާޅުވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔައެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތަށް ހާޒިރުވާން އަލީ ވަހީދަށް ނޯޓިސް ދިނެވެ. އެކަމަކު ކޯޓަށް ހާޒިރުނުވުމުން އެ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި އަލީ ވަހީދުގެ މައްޗަށް ދެ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް ސުޕްރީމް ކޯޓުން އިއްވިއެވެ.

ފަހުން ސުޕްރީމް ކޯޓުން ވަނީ އޮންލައިންކޮށް އެ ޝަރީއަތް ނުގެންދެވޭނެ ކަމަށް ވެސް ހުކުމް ކޮށްފައެވެ.

ވިސާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ފުލުހުން ވެސް ގޮސް އަލީ ހައްޔަރުކުރިއެވެ. އިނގިރޭސިވިލާތުގެ ޖަލެއްގައި އަލީ 16 ދުވަހު ހޭދަ ކުރެއްވުމަށް ފަހު މިނިވަންވިއެވެ.

އަލީ ވަހީދުގެ ރައްދު

އަލީ ވަހީދަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ. އަލީ ވިދާޅުވަނީ އޭނާ ފްރޭމް ކުރެއްވީ ކަމަށެވެ. އެއީ ސީދާ ކޮން ބަޔެއް ކަމަށް ވިދާޅުނުވިޔަސް އެމްޑީޕީ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްއާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއަށް ވެސް ފާޑުވިދާޅުވެފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ޚިޔާނާތުގެ ފައިސާ ލިބިވަޑައިގަތް ކަމަށް ވެސް އަލީ ތުހުމަތު ކުރައްވާފައިވެއެވެ. މި ހުރިހާ ވާހަކައެއް އަލީ ވިދާޅުވަނީ ދާދި ފަހުން އޮންލައިންކޮށް ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔަހްޔާ

    ކޮބާ މަހުލޫފްގެ ސަސްޕެންޝަން އުވާލުމާއި އެފް.އޭ.އެމް އަށް ކުރާތުހުމަތުތަކާއި ފާޑުކިޔުންތައް އިތުރުވާއިރަށް އެއްކަލަ ފުރޭމް ކޭސްގެ ހަބަރެއް މީހުންގެ ވިސްނުން އެހެން ދިމާއަކަށް އެނބުރުމުގެ މަގްސަދުގައި

  2. އެއްބަސްވުން

    އުޅެ އުޅެވެސް ސަމީމަށް ޑީލެއް ނެހެދުނު އަލީއާއި އެކު.