މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލާ ހިލާފަށް އިނާމް ދިނުމުގެ ކަންކަން ކުރިއަށް ގެންދާތީ މޯލްޑިވްސް މީޑިއާ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމައިފިއެވެ.

ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ އެވޯޑަށް ކުރިމަތިލި ހަ މީޑިއާއެއްގެ 20 ނޫސްވެރިންގެ ފަރާތުންނެވެ. އެ ނޫސްވެރިންގެ ފަރާތުން ކޯޓުގައި ވާކާލާތު ކުރައްވަނީ މަޝްހޫރު ގާނޫނީ ވަކީލު މަރިޔަމް ޝުނާނާގެ ލޯފާމް ޝުނާނާ އެންޑް ކޯ އެލްއެލްޕީ ލޯގެ ފަރާތުންނެވެ.

ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ފުރަތަމަ އޮންނާނީ ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާގެ އަޑުއެހުމެވެ. އެއީ ދައުވާ ކުރާ ފަރާތުންނާއި ދައުވާ ލިބޭ ފަރާތާ ދެމެދުގައި ވާހަކަ ދައްކައިގެން ގޮތެއް ނިންމުމަށެވެ. އެ ބައްދަލުވުމުގައި ގާޒީއަކު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެ ކޯޓުން އަމަލު ކުރާ އުސޫލުން ނަމަ، މައްސަލަ ޝަރީއަތަށް ފޮނުވާނީ ޑިސްޕިއުޓް މަރުހަލާގައި މަޝްވަރާކޮށްގެން ދެ ފަރާތުން ހައްލަކަށް ނާދެވުނީމައެވެ.

ޑިސްޕިއުޓް މަރުހަލާގައި ގާޒީ ވަނީ މާދަމާރޭ އެވޯޑު ދިނުމަށް ބާއްވާ ހަފްލާ ނުބާއްވާނަންތޯ މީޑިއާ ކައުންސިލްގެ ވަކީލްއާ ސުވާލު ކުރައްވައިފައެވެ. މީޑިއާ ކައުންސިލްގެ ވަކީލް ހަމައެކަނި ވިދާޅުވެފައި ވަނީ ދައުވާ އަށް އިންކާރު ކުރައްވާ ކަމަށެވެ.

އެހެންވެ އެ މައްސަލަ ޝަރީއަތަށް ފޮނުވަން ގާޒީ ނިންމެވީއެވެ.

ނޫސްވެރިކަމުގެ އިނާމް 2020 އާ ގުޅޭ ވަރަށް ގިނަ މައްސަލަތަކެއް ނޫސްވެރިންނާއި މީޑިއާތަކުން ފާހަގަކޮށް މީޑިއާ ކައުންސިލްގެ ސަމާލު ކަމަށް އެކި ގޮތް ގޮތުން ގެނެސްފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވޯޑަށް ކުރިމަތިލި 10 މީޑިއާގެ ތެރެއިން ހަތް މީޑިއާއަކުން ސޮއިކޮށް އެ މައްސަލަ މީޑިއާ ކައުންސިލަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް ކައުންސިލުން ނިންމީ ކުރިއެކޭ އެއްގޮތަށް އިނާމް ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އެ ޕެޓިޝަންގައި ސޮއިކޮށްފައި ވަނީ "ވަގުތު" ގެ އިތުރުން "މިހާރު"، "އަވަސް"، ވަން އޮންލައިން"، "ވޮއިސް"، "މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް"، "ފަހު މިނެޓް"އެވެ.

ގިނަ މީޑިއާތަކުން ފާހަގަ ކުރާ ގޮތުގައި މީޑިއާ ކައުންސިލުން މި މަހުގެ 11 ވަނަ ދުވަހު ދޭން ތައްޔާރުވެފައިވާ ނޫސްވެރިކަމުގެ އެވޯޑުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ 22 ގައި ކައުންސިލުން އާންމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ އުސޫލާ ހިލާފަށެވެ.

ނޫސްވެރިންގެ ކަންބޮޑުވުމަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދީފައި، ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ވަކި ޕެނަލްއަކުން މާކްސް ދިނުމަށް ފަހު، ދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމު ދިނުމަށް ނިންމާފައި ވުމެވެ. ވަކި ފަނޑިޔާރުންގެ ދެ ޕެނަލެއް ނަގަން ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު ޖާގައެއް ނުދޭ ކަމަށް ނޫސްވެރިން ފާހަގަކުރެއެވެ.

މީޑިއާތަކުގެ އިސްވެރިންނާ މަޝްވަރާކުރުމެއް ނެތި ކުރިން ވެސް އިނާމު ދޭން ނިންމާފައި އޮތް އުސޫލުގެ ދަށުން އެކަން ކުރިއަށް ގެންދަން މީޑިއާ ކައުންސިލުން ނިންމާފައިވާތީ ރައްޔިތުންގެ މަޖިލީހާއި މީޑިއާ ކައުންސިލުގެް އިނާމުދޭ ކޮމިޓީގެ މުގައްރިރަށް ވެސް ސީޓިއެއް ފޮނުވާފައިވެއެވެ.

އަދި ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަނީ ހިއްސާކޮށްފައެވެ. ރައީސަށް ފޮނުވި ސިޓީއެއްގައި ވަނީ ގިނަ އަދަދެއްގެ ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރެ، އެ އަށް ހައްލެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ބާއްވާ އިނާމު ދިނުމުގެ ހަފުލާއެއްގައި ރައީސް ބައިވެރިވެވަޑައިގަތުމަކީ ނޫސްވެރިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.