މިނިމަމް ވޭޖު ބޯޑުން އަރުވާފައިވާ ލަފާ އިކޮނަމިކް މިނިސްޓްރީން ދިރާސާ ކުރަމުންދާ ކަމަށާއި ދިރާސާއަށް ފަހު ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް އެންމެ ކުޑަ އުޖުރަ ދޭން ޖެހޭ މިންވަރު ކަނޑައަޅައި އާއްމު ކުރާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނަމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދެވޭނީ 5000 ރުފިޔާ އަދި އެންމެ ބޮޑު އުޖޫރައެއްގެ ގޮތުގައި ދެވޭނީ 8900 ރުފިޔާ ކަމަށް މިނިމަމް ވޭޖް ބޯޑުން ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީއަށް ލަފައަކަށް އެދިފައިވާ ކަމަށެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގެ 59 ވަނަ މާއްދާއާއި 62 ވަނަ މާއްދާގައި ބަޔާން ކުރާ ގޮތުގެ މަތިން ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި ގާނޫނުގައި ބަޔާން ކުރާ ކަންކަމަށް ރިޔާޔަތްކޮށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދާ ގުޅޭ ގޮތުން، އެ ގާނޫނުގެ 59-2 ވަނަ މާއްދާގެ (ށ) ގެ ދަށުން މިނިވަން ވޭޖު އެޑްވައިޒަރީ ބޯޑުން މިނިސްޓްރީ އަށް ލަފާ އަރުވާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށް ބަޔާނުގައި ވެއެވެ.

އެގޮތުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ އަދަދާއި ގުޅޭގޮތުން މިނިމަމް ވޭޖު ބޯޑުން އެ މިނިސްޓްރީއަށް ފޮނުވާފައިވާ ލަފާގައި ބަޔާން ކޮށްފައިވަނީ ޕްރައިވެޓް ސެކްޓަރގައި، ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއަކު 24.04 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5،000 ރުފިޔާ ދިނުމަށް ކަމަށެވެ.

މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއަކު 33.65 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިސްބަތުން، މަހެއްގެ މައްޗަށް 7،000 ރުފިޔާ، ކުދި އަދި މެދުފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް ގަޑިއަކު 42.79 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިސްބަތުން، މަހެއްގެ މައްޗަށް 8،900 ރުފިޔާ ދިނުމަށް ކަމަށެވެ.

އަދި ޕަބްލިކް ސެކްޓަރުގައި، 6 ގަޑިއިރު މަސައްކަތް ކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތް ކުރާ ފަރާތްތަކަށް ގަޑިއަކު 33.65 ރުފިޔާ ދިނުމަށް ލަފައަށް އެދިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ އަދަދާއި ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށްފަހު ފަހުގެ މުއްދަތެއްގައި ލަފައަށް ދިން ކަމަށާއި ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖުރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ކ) ގައި ބަޔާން ކުރާ މުއްދަތު 5 އަހަރު ދުވަހަށް އިތުރު ކުރުމަށް ލަފާ ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިމަމް ވޭޖު ބޯޑުން އަރުވާފައިވާ ލަފާ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އެ މިނިސްޓްރީން ދިރާސާ ކުރަމަށް ފަހު ގޮތެއް ނިންމާނީ ކޮންއިރަކު ކަމެއް ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލަޔާލް

    ތަންކޮޅެއް އަވަސް ކޮށްބަލަ

  2. ހުވަދޫ

    ކޮން ދިރާސާއެއް.ކޮން 5000 އެއް؟ މަޖިލިހުން ނިންމި އަދަދަށް ވުރެވެސް މަދުން ދެވޭތޯ ތި ބައްލަވަނީ.. މަޖިލީހުން ނިންމީ އެންމެ މަދުމިންވަރަކީ، ކުދި ވިޔަފާރި ތަކަށް 5600ރ ވަރު.. ހަގީގަތަކީ އެއީ ހަމަ ބުއްދިން ވިސްނާއިރު ރަހުމެއް ނެތް އަނިޔާވެރި ނިންމުމެއް. ޢެހެނީ ދުވާލަކަށް 200ރ ނުޖެހޭ އޭރަކުންނެއް. ދެން މިހާރު ތިޔަ އުޅުއްވަނީ ދިރާސާއޭ، އޮށްގަލޭ ކިޔާފަ އެވަރުވެސް ނުދީ ފަރުޖައްސަން.. ވެރިކަމެއް ވާ ތިކުރަނީ

    20
  3. އަބުދުﷲ

    އެއްމެ ބޮޑު މުސާރަ ތިން ލައްކަ ރުފިޔާ ދެން ދެލައްކަ ދެން އެއް ލައްކަ ދެން 80 ހާސް ދެން 60 ހާސް ކޮބާ ހަމަހަމަކަން ؟ ކޮބާ އިންސާފު؟ ކޮބާ ލަދު،؟ ޕިޔޯނު ނުލާ އޮފީސް ހިންގޭބާ؟

    23
  4. ޑޮކްޓަރ

    ދިރާކޮށް ނިމޭއިރު ހަމަ ދޭންޖެހޭކަމަށް މިނިމެނީ މިހާރުވެސް މީސްތަކުންނަށް ދެމުންގެންދާ ކުޑައުޖޫރަ! ހެ ހެ ސޭޓުމެން ސަރުކާރުގަ ތިބެނީ ބޭނުމެއްގައޭ ލާހިކެއް ނޫން 1 ރުފިޔާވެސް ބޮޑުވިޔަދޭކަށް، ދިރާގު އުރީދުން މޯބައިލް އިންޓަނެޓް އަގުހެޔޮކުރިހެން ތިކަންވެސް ކުރާނީ ހަރާން 1 އެމްބީ ވެސް އިރުރަށް ލިބުނު ނަމަ!

  5. ބަބޫ

    އަދި މަޖާ ތަންކޮޅަކީ 5000 ރުފިޔާގެ ތެރޭގައި ހުރިހާ އެލަވަންސެއްވެސް ހިމެނޭ. އެހެންވީމަ ބޭސިކް ސެލަރީ 4000 އެލަވަނސް 1000 ކޮންތާކު މިޖެހުނީ.

  6. ތޯލާތޯތާ

    ކުޑައުޖޫރައަކީ އަކީ -/5000 ރުފިޔާ ކަމުގަވާނަމަ އެއްމެ އާދައިގެ ސިވިލްސާރވިސް މަސައްކަތުމީހާގެ ފްލެޓްގެ ކުލި -/8500 ދައްކާނެގޮތަކީ އަރަތެއްނޫންތޯ؟ ތިޔައުޅެނީ 21 ވަނަ ގަރުނުގަތޯ ނުވަތަ 20 ވަނަ ގަރުނުގަތޯ؟ ތިޔަ ހުރިހާ ނަނާހުވަފެން ދެއްކުމުގެ ބޭނުމަކީ ދިވެހިން ގުނބޯހެއްދުން. ކަންކަން ކުރަން ނުކުރޭހާލުގަ ޒިންމާނުވެ ދުރަގަތިބީމަ މަންޒަރު މާރީތިވާނެ. 2023ގެ ސަރުކާރުން މިނިމަމްވޭޖް -/9500ރ އަށް ކަނޑައަޅާނެކަން ޔަގީން. އެމީހުންނަށް އެބައިނގޭ މިރާއްޖެއަށް އިތުރު 10 ބިލިޔަން ޑޮލަރު އާމްދަނީ ޓެކްސްގެ ގޮތުގައި ހޯދޭނެގޮތަކީ ކޮބައިކަން. މިޔަވިޔަސް ތިޔަވެރިންނަކަށް މިރާއްޖެގެ ދައުލަތް އަރަނި ނުކުރެވޭނެ. ބަކީއޮތީ ރިޔާސީ ކެނޑިޑޭޓްހޮވުމަށް 11 މަސްދުވަސް. ވިސްނާފަ ކުރާކަމެއް ކުރުން ބުއްދިވެރި. ތިޔައޮތީ ބޮޑުތާޖެހިފަނޫންތޯ؟ މިކަންނުވޭ އަދި އެކަންނުވޭ ގޮވަގޮވާތިއްބާ 3 އަހަރު ހުސްވީ. ސާބަހޭ ސާބަހޭ!

  7. ޢަދުރޭ

    އެންމެ ބޮޑު އުޖޫރަ އަކަށް ދެވޭނީ 8900 ކަމަށް ވަންޏާ މީހެއްގެ ވަޒީފާގައި އުޅޭނެ ކަމެއް ނެތް . އަމިއްލަޔަށް ކިއްލި ވިއްކިޔަސް މަހަކު 8900 ރުފިޔާ ލިބޭނެ . ސިޔާސީ މީހުންނަށް ޤައުމު ހަވާލް ކޮށްފައި ދެން ތިބި މީހުން ބިޑި ވިއްކާށޭތޯ ތިއަ ކިއަނީ ؟

  8. ލުބާ

    ޢަދި ކިހާ ދުވަހެއް؟

  9. މަ

    ތީނިމޭނެ ދިރާސާ އެއއއއ އް ބާ

  10. ޥަގުބް

    މިއޮއްހާ ދުވަހު ނުކޮށް ދޯ އޮތީ

  11. ދޯ

    ތިޔަ ދިރާސާ ނިމޭނެ ދުވަހެއް ނާންނާނެ ދެން

  12. އިސްޢާފް ސަލީމް

    ދިރާސާގައި ތިއްބާ ވެރިކަން ނިމޭނީ! މަހުގެ ހަމައަގު ، އަގުހެޔޮ އިންޓަނެޓް ، ގެދޮރުވެރިކަން ، ކުނިން އާމުދަނީ ، ވިހާފޮށި ، ކެނޑި އެލަވެންސް ، ހަމަމުސާރަ ، ނޮންލިމިޓް އޯވަޓައިމް ، މަސްޕްލެޓްފޯމުތައް ، ގޭދޮށު މަސްފެކްޓަރީތައް ، ތިލަފުށިބްރިޖް ، ދެވަނަ ރިންގްރޯޑް ، މިނީބަސް ، އައްޑޫ ބްރިޖް މިހެން ކިޔާނޭކަމެއްނެތެވެ.