މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އެވޯޑް ދިނުމަށް ހަދާފައިވާ އުސޫލާއި ގުޅޭ ގޮތުން ނޫސްވެރިންތަކެއް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 09:30 ގައި ބާއްވަން ތާވަލް ކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ދެކޮޅަށް ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ އެވޯޑަށް ކުރިމަތިލި ހަ މީޑިއާއެއްގެ 20 ނޫސްވެރިންގެ ފަރާތުންނެވެ. އެ ނޫސްވެރިންގެ ފަރާތުން ކޯޓުގައި ވާކާލާތު ކުރައްވަނީ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާގެ ލޯފާމް ޝުނާނާ އެންޑް ކޯ އެލްއެލްޕީ ލޯގެ ފަރާތުންނެވެ.

ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ފުރަތަމަ އޮންނާނީ ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާގެ އަޑުއެހުމެވެ. އެއީ ދައުވާ ކުރާ ފަރާތުންނާއި ދައުވާ ލިބޭ ފަރާތާ ދެމެދުގައި ވާހަކަ ދައްކައިގެން ގޮތެއް ނިންމުމަށެވެ. މިއަދު ވަނީ ނޫސްވެރިންގެ ފަރާތުން ހުށަހެޅި މައްސަލައިގައި މަޝްވަރާ ކޮށްގެން ހައްލެއް ހޯދުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އެމަރުހަލާގައި ހައްލެއް ނުލިބުމުން މާދަމާ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ވަނީ ނިންމާފައެވެ.

މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށާއިރު މާދަމާ ރޭ އެވޯޑް ހަފްލާ ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ހަފްލާގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަނީ ދައުވަތު ދީފައެވެ.

ނޫސްވެރިކަމުގެ އިނާމް 2020 އާ ގުޅޭ ވަރަށް ގިނަ މައްސަލަތަކެއް ނޫސްވެރިންނާއި މީޑިއާތަކުން ފާހަގަކޮށް މީޑިއާ ކައުންސިލްގެ ސަމާލު ކަމަށް އެކި ގޮތް ގޮތުން ގެނެސްފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވޯޑަށް ކުރިމަތިލި 10 މީޑިއާގެ ތެރެއިން ހަތް މީޑިއާއަކުން ސޮއިކޮށް އެ މައްސަލަ މީޑިއާ ކައުންސިލަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް ކައުންސިލުން ނިންމީ ކުރިއެކޭ އެއްގޮތަށް އިނާމް ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އެ ޕެޓިޝަންގައި ސޮއިކޮށްފައި ވަނީ "ވަގުތު" ގެ އިތުރުން "މިހާރު"، "އަވަސް"، ވަން އޮންލައިން"، "ވޮއިސް"، "މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް"، "ފަހު މިނެޓް"އެވެ.

ގިނަ މީޑިއާތަކުން ފާހަގަ ކުރާ ގޮތުގައި މީޑިއާ ކައުންސިލުން މި މަހުގެ 11 ވަނަ ދުވަހު ދޭން ތައްޔާރުވެފައިވާ ނޫސްވެރިކަމުގެ އެވޯޑުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ 22 ގައި ކައުންސިލުން އާންމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ އުސޫލާ ހިލާފަށެވެ.

ނޫސްވެރިންގެ ކަންބޮޑުވުމަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދީފައި، ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ވަކި ޕެނަލްއަކުން މާކްސް ދިނުމަށް ފަހު، ދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމު ދިނުމަށް ނިންމާފައި ވުމެވެ. ވަކި ފަނޑިޔާރުންގެ ދެ ޕެނަލެއް ނަގަން ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު ޖާގައެއް ނުދޭ ކަމަށް ނޫސްވެރިން ފާހަގަކުރެއެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަނީ ހިއްސާކޮށްފައެވެ. ރައީސަށް ފޮނުވި ސިޓީއެއްގައި ވަނީ ގިނަ އަދަދެއްގެ ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރެ، އެ އަށް ހައްލެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ބާއްވާ އިނާމު ދިނުމުގެ ހަފުލާއެއްގައި ރައީސް ބައިވެރިވެވަޑައިގަތުމަކީ ނޫސްވެރިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.