ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރަކު މި ވައުދު ފުއްދަން ހޯމް މިނިސްޓްރީން ކުރެވެމުންދާ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެ މަސައްކަތް ވެސް މަޑުޖެހިގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތާއި ގުޅިގެން ކަމަށެވެ.

އެހެން ނަމަވެސް މި އަހަރު ފެށިގެން އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މި އަހަރުގެ ތެރޭގައި އިތުރު 14 ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރު އިތުރު 25 ރަށެއްގައި ޚިދުމަތް ގާއިމް ކުރެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ފާހަގަ ކުރެއްވި ގޮތުގައި، ފުލުހުންގެ ޚިދުމަތް ގާއިމް ނުކުރެވި 61 ރަށް އޮތް އިރު، އެ ހުރިހާ ރަށެއްގައި ވެސް 2023 ގެ ކުރިން ފުލުހުންގެ ޚިދުމަތް ގާއިމް ކުރެވިގެން ދާނެއެވެ. "2023 ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދެވެން ފެށޭނެ. މި އަހަރު 14 ރަށެއް، މި އަންނަ އަހަރު 25 ރަށެއް، 2023 ގައި ބާކީ ހުރި ރަށްރަށް ނިންމައިލެވިދާނެ." އިމްރާން ވިދާޅުވިއެވެ.

މި ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށަން އިތުރު 800 ފުލުހުން ވަޒީފާއަށް ނަގަން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންވިޔަސް އެ ކަން ކުރެވެން އަންނަނީ ދައުލަތުގެ މާލިއްޔަތުގެ ކެރިފޯރުންތެރިކަން ހުރި ވަރަކުން ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މި ވަގުތަށް އަލަށް ހިދުމަތް ފެށޭ ރަށްރަށުގައި ފުލުހުން ހަމަޖައްސަނީ އެހެން ރަށްރަށުގައި ތިބި ފުލުހުންގެ ތެރެއިން ބަޔަކު ގެނެސްގެން ކަމަށެވެ. އެކަމަކު އެ ގޮތަށް ކަންތައް ކުރުމުން ފުލުހުން މަދު ކުރެވޭ ރަށުން ޝަކުވާތައް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުންގެ ޚިދުމަތް ފަށަން ވެސް ތަރުތީބެއް ބަލައިގެން މި ކުރަނީ، ރަށުގެ އާބާދީއާއި ކުށް އޮތް ނިސްބަތާއި، ކައިރި ފުލުހުންގެ ޚިދުމަތް ލިބެން އޮތް ރަށުގެ ދުރުމިނާއި، މި ހުރިހާ ކަމަކަށް ބަލާފައި ތަރުތީބު ކުރެވިގެން މި ދަނީ،" އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާފަ

    ކާޑު އެތެރެކުރުން 2023 ގައި
    މަހަށްދިއުން 2023 ގައި
    ފާޚާނާއަށް ދިއުން 2023 ގައި
    ފަރަށްދިއުން 2023 ގައި
    ދަރުހޮވުން 2023 ގައި
    ކުނިކެހުން 2023 ގައި
    ކުނިނެގުން 2023 ގައި
    ރިޔަސީ އިންތިޙާބު 2023 ގައި

  2. ލޮލް

    މަޖިލީހުގެ މެންބަރުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އެ ލިބޭ އައްޑިހަ ފަސްހާސް ރުފިޔާއިން ބައެއް އަލަށް ނަގާ ފުލުހުންގެ މުސާރައަށް ހަރަދު ކުރަން ރަނގަޅު ކަމަށް ފެނޭ. މަޖިލިސް މެމްބަރަކަށް ތިރީސް ފަސްހާހަކަށް ރުފިޔާއިން ފުދޭނެ ކަމަށް ބެލެވޭ. މަޖިލިސް މެމްބަރަކަށް އުޖޫރައެއްގެ ގޮތުގައި 85ހާސް ރުފިޔާ މާގިނަ. މަޖިލީހުގައި ގިނައީ ރޯނު އެދުރުން.

  3. މުހައްމަދު އަހްމަދު

    ހުރިހާކަމެއް 2023 އަށް. ސަޅި.

  4. ސުޒާނާ

    މަރުތަކުގެ ހަގީގަތްތަށް ހުރި ކަރުދާސް ތަށް ދަށްކަނީ ކޮންދުވަހަކުންބާ !

  5. ޅޮލް

    މިއަށް ކިޔާނީ ޕޮލިސް ސްޓޭޓެއް ނޫންތަ؟