އެއްގަމު އުޅަނދު ދުއްވާ އިރު ދުއްވަން އިންނަ މީހާ، މޯބައިލް ފޯނު އަތުން ހިފައިގެން ދިއުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފިއެވެ.

އެ މިނިސްޓްރީން އެކަން މަނާކޮށްފައިވަނީ މިއަދު އާއްމުކުރި އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގައެވެ.

އެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން އެއްގަމު އުޅަނދު ދުއްވާއިރު ދުއްވަން އިންނަ މީހާ، މޯބައިލް ފޯނާއި އަތުން ހިފައިގެން ބޭނުންކުރާ އެއްވެސް މުއާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ނުވަތަ ހިފައިގެން ދުއްވުމަކީ މަނާކަމެކެވެ.

ހެޑްސެޓް ބޭނުންކުރުމާއި އެހެން މީހެއްގެ އެހީތެރިކަމާއެކު މޯބައިލް ފޯނުން ވާހަކަ ދެއްކުން އެ މާއްދާގެ (ށ) ގައި ވަނީ މަނާކޮށްފައެވެ.

ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ސައިކަލް، ކާރު، ފަދަ ވެހިކަލްތައް ދުއްވާ އިރު، ޑްރައިވަރު ފޯނާ ކުޅެން މައްސަލައަކީ ވަރަށް ބޮޑަށް ފާހަގަކުރެވޭ ބޮޑު މައްސަލައެކެވެ. ހާއްސަކޮށް ކާރުގައި ތިބޭ މީހުން ވަރަށް ގިނަ އިން ފޯނުން ވާހަކަ ދައްކާ ހަދައެވެ.

އޭގެ އިތުރުން ސައިކަލްގައި ދުއްވާފައިދާ އިރު ބައެއް މީހުން ފޯނާ ކުޅެމުން ދިއުމަކީ ވެސް އާންމު ކަމެކެވެ. އަދި ސައިކަލް ފަހަތުގައި އިންނަ މީހާ ބޭނުންކޮށްގެން ފޯނު ސްޕީކަރަށްލައިގެން ވާހަކަ ދައްކަމުން ސައިކަލް ދުއްވުމަކީ ވެސް ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ.

ޓެެކްސީގެ ހިދުމަތްދޭ އުޅަނދުފަހަރުގައި ބޭނުންކުރާ ރޭޑިއޯސެޓް ފަދަ މުއާސަލާތީ ވަސީލަތްތަކާއި، އިމަޖެންސީ ބަރުގޮނު އަޅާފައިދާ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ އުޅަނދާއި އަސްކަރީ އުޅަނދުތަކުގައި މިނިސްޓްރީން ހަމަޖައްސާ ގޮތެއްގެ މަތިން މިނިސްޓްރީން ހުއްދަދޭ މުއާސަލާތީ ވަސީލަތްތައް ބޭނުންކުރެވިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ އަހަރު ތަސްދީގު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ހުދާ

  ވ.ރަނގަޅު ކަމެއް! އަދި މާލެއިން ހުޅުމާލެއަށް ދާންގޮސް ބުރިޖު ނިމޭހިސާބު ލައިޓްގައި އެއަރޕޯޓަށް ދާންބޭނުންވާ ކާރުތައް ތިބޭ ފަޅީގައި އޮވެފައި ހުޅުމާލެ ކޮޅަށް ބައެއް ކާރުތައް ދާ މަސްއަލަވެސް ވަރަށް ބޮޑު ނުރައްކާތެރި ކަމަކަށް ވާތީ މި މަކަރުވެރި އަމަލުވެސް ހުއްޓުވައިދިނުން އެދެން!

  31
  5
 2. ކަލޯ

  ހަހަހަހަހހަހަހަހަހަހަ.... ހަމަ ހިނި އަންނަނީ... ހަހަހަހަ... ތީ ހަމަ ހުސް ބޭކާރު ވާހަކަ. އެއްވެސް ކަމެއް ނުވާނެ. އުޅޭނެ ތި ހުރިހާ ކަމަކުން ސަލާމަތްވެފަ ތިބޭ ބައެއް. އެއްވެސް ފިޔަވަޅެއްވެސް ނޭޅޭނެ. ކޮންމެސް އެހެން ކަމަކާ އުޅޭ

 3. ށުމަން

  ފުލުހުން މުޅިން ހެން ދުވަނީ. ސައިކަލު ދުއްވާ މީހުން ފަހަތުން ލާރި ނެގޭނެ ގޮތް ރާވާ ބަލަމުން. ފިލައިގެން އުޅޭ ބަންގާޅީން ތައް ފަހަތުން ދުވެ ނަގަން ވީނު. ބޮޑު މުސީބާތެއް ކަހަލަ ވެރިކަމެއް މީ!

 4. ާާާޢަލީ

  އަލްޙަމްދު ލިﷲ.. ހާދަ ރަނގަޅު ކަމެކޭ...ޝުކުރިއްޔާ....

 5. މެން

  ކުރިންވެސް މަނާކޮށްފައިވާ ކަމެއް ތަންފީކުރާފަރާތަކައް އެކަން ނުބެލެހެއްޓެނީ

 6. ޚައުންސިލަރ

  ކާރުތޯ ގަވައިދާ ހިލާފައްދުއްވަނީ

 7. އަނހައަނހާ

  ގަވައިދު ހަދަހަދާ ތިބެން ޖެހޭނީ. ފުލުހުން ތިކަން ތަންފީޒުކުރާނީ އެމީހުން ރުޅިއަރާ ނިކަމެތީންގެ މައްޗަށް އެކަނި. މަހުޖަނުންނާއި ރަހުމަތްތެރިން ހަދާނީ ހަދާނެ އެއްޗެއް. ލޮލް.

 8. އަބްދޫ

  މިއީ މޯބައިލް ފޯނު ތައާރަފް ވުމާއެކު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންކަން.

 9. ނުރަބޯ

  ތިޔަ ނިންމުން ރަނގަޅު އެކަމަކު ތިޔަ ހުރިހާކަމެއް ފެންމަތިވަނީ ކެނެރީގޭ ނަސީދު މާލެއަންނާތި ގަންނާކުރައްވާ ބިރުން ކުރާކަންތައްތައް ތީ ދެން މަނާކުރޭ ކެނެރީގެޔާ 1000 ފޫޓު ކައިރީގަ މޯބައިލްފޯނު ބޭނުންކުރުން މަނާކަމަށް އޭރުން ހަމަވާނީ މީދެން ކިހާބޮޑުވެއްޖެ އާފާތެއްތަ؟

 10. އޭއެމް

  ތަންފީޒުނުކުރެވޭއަމުރު ނެރުމައްވުރެ ލަދުވެތިކަމެއްނެތް

 11. ޙަސަން

  ދެން ކިހިނެއަތޯ ޓެކްސީ އެޕްލިކޭޝަންތަށް ބޭނުންކުރާނީ؟

 12. މޭރާ ޚެޔާލް

  މަނާ ކިތައްމެ ކަމެއް ކުރަން ވެސް ހުރި، މިހާރު ވެސް އެބަ ހުރި، އެކަމަކު އެކަންކަން ބެލޭފަދަ ފުލުހުންނެއް މިޤައުމަކު ނެތް، ހަމަ ނެތް. އެހެން ޤައުމު ތަކުގައި ތިގޮތަށް މަނާ ކޮށްފައި ހުންނަ ކަންކަން ބެލޭފަދަ ޤާބިލު ފުލުހުން ތިބޭ، މިޤައުމުގައި އުޅޭ ފުލުހުންނަށް ތިކަމެއް ނުބެލޭނެ.

 13. ޢަހަންމަަ

  ކޮބާ ފެރީތައް ދުއްވާ ކައްޕިންނަށް މަނެލެއް ނުވޭތަ؟ އެތިބެނީ ފޯނުކޮޅުގަ ހުއްޓާ ނުލާ... ފޯނުކޮޅުގަ ނޫނީޔާ ހެޑްސެޓް އަޅުއްވައިގެން ޑިސްކޯގަ... އަދި ފާހަގަ ކުރެވެމުން އެބަދޭ ކުނިނަގަން މަގުމަތީ އުޅުއްވާ ބޭފުޅުން ހެޑްސެޓް އަޅުއްވައިގެން ޑަސްބިން ދަމާ ތަން....