އެއްގަމު އުޅަނދު ދުއްވާ އިރު ދުއްވަން އިންނަ މީހާ އާއި އުޅަނދުގައި ތިބޭ މީހުން ސިނގިރޭޓު ބުއިމާއި ވޭޕް ކުރުން ފަދަ ކަންކަން ކުރުން މަނާކޮށް އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލި ގަވައިދުގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވާއިރު، އުޅަނދު ދުއްވާ މީހާ އާއި އުޅަނދުގައި އިންނަ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ މާނައިގެ ތެރޭގައި ދުންފަތް ހިމެނޭ ނުވަތަ ނުހިމެނޭ ކަންތައްތައްވެސް ހިމެނެއެވެ.

އޭގެ ތެރޭގައި ބިޑި، ސުއްޓާ އަދި އިލެކްޓްރޯނިކް ސިނގިރޭޓްފަދަ ތަކެތި ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމަށް ތައްޔާރުކޮށްފައިވާ ވަސީލަތެއް ބޭނުންކުރުންވެސް ހިމެނެއެވެ. އެއްގަމު އުޅަނދު ދުއްވާއިރު، އޭގެ ވަސީލަތެއް ހިފައިގެން ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.

ސަރުކާރުގެ ގެޒެޓްގައި އާންމުކުރި އެ ގަވައިދުގައިވާ ގޮތުން މީހެއްގެ އެހީއަކާ ނުލައި އިށީނދެގެން ނީނދެވޭ ވަރުގެ ކުޑަކުދިން، A1 އަދި A0 ގިންތީގެ އުޅަނދުގައި އުފުލަންވާނީ، ސޭފްޓީ ކަމަރު ބަނދެގެން، ދުއްވާ މީހާގެ ދެ އަތާއި ދެ ފައި މިނިވަންކަމާއެކު ގެންގުޅެވޭ ގޮތަށެވެ. އަދި އެފަދަ އުޅަނދުގައި މި ނޫންގޮތަކަށް ކުޑަކުދިން އުފުލުމަކީ މަނާކަމެކެވެ. ދެ މީހުންނަށް އެރޭގޮތަށް ހަދާފައި ހުންނަ ދެފުރޮޅުލީ އުޅަނދެއްގައި، މީހެއްގެ އެހީއަކާ ނުލައި އިށީނދެގެން ނުއިނދެވޭވަރުގެ ކުޑަކުދިން ދުއްވަން އިންނަ މީހާގެ ކުރިއަށް އަރުވައިގެން ގެންދަންވާނީ، ދުއްވަން އިންނަ މީހާއަށް އެއްވެސް އުނދަގުލެއް އަދި ހުރަހެއް ނެތި މަގު ފެންނަނަމައެވެ.

ބައިސްކަލުގައި ކުޑަކުދިން އުފުލުމާއި ގިނަ މީހުން ދުއްވުމުގައި އަމަލުކުރާނެ ގޮތް ވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އުމުރުން ހަ އަހަރު ނުފުރޭ ކުޑަކުއްޖަކު، ކުޑަކުދިން އެރުވުމަށް ބައިސްކަލުގައި ހަރުކޮށްފައި ހުންނަ ގޮނޑީގައި ބައިންދައިގެން ދުއްވާ ދުއްވުން ފިޔަވައި، ކުޑަކުދިން ބައިސްކަލުގައި އުފުލުމަކީ މަނާކަމެވެ. އަދި އެކަކަށްވުރެ ގިނަމީހުން އަރައިގެން ދުއްވުމަށް ހާއްސަކޮށް އުފައްދާފައި ހުންނަ ބައިސްކަލުގައި އެ ބައިސްކަލުގައި ހަރުކޮށްފައިވާ ސީޓަށްވުރެ އިތުރަށް މީހުން އަރުވައިގެން ދުއްވުމަކީ މަނާކަމެކެވެ.

ކުޑަކުދިން ބައިންދަން ތައްޔާރުކޮށްފައި ހުންނަ ގޮނޑިތައްވާން ވާނީ ބައިސްކަލުގައި ރަނގަޅަށް ހަރުކޮށްފައިވާ ގޮނޑިތަކަކަށެވެ. އަދި ސޭފްޓީ ކަމަރު ހަރުކޮށްފައި ހުންނަ ޖެހޭނެއެވެ. އެ ގޮނޑިއަކީ، ގޮނޑީގައި އިންނަ ކުއްޖާ ރަނގަޅަށް ނިވާވާވަރަށް ތައްޔާރުކޮށްފައި ހުރި ގޮނޑިއަކަށްވެސް ވާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މއކ

    ބަލަކުރިންވެސް މަނާކަމެއްނުތީ. ނުބެލެހެއްޓެނީ

    15
  2. ބުއްޅަބޭ

    ހޮޓާތަކާއި ކެފޭތަކުގަ ތި ބުއިން ހުއްޓުވިއްޖެތަ؟ ހުސް ގަވައިދު ހަދަނީ...ތަންފީޒެއް ނުކު ރެވޭ...

    22
    1
  3. ޝަރީފް

    ތިޔަ ކަމެއް ނުހުއްޓުވޭނެ. ގޭންގު މީހުންގެ ކަމެއް ތިޔައީ. ފުލުހުން ތިބެނީ އެމީހުންގެ ދަށުވެފަ.

  4. ނަހޫ

    ބޭކާރު ބޭކަރު . ތި ބަލާނެ މީހަކު ނޫލެނެ. ނަމެއްގަ ކޮއްލާކަންކަން.

  5. ހުޗޭ

    ގަވައިދު ހަދަން ތިބޭ މީހުން އަޅެ ފަހެ ލަދެއް ނުގަނޭތަ؟ ބޭކާރު މަސައްކަތެއް ކުރެވޭތީ؟ ހަދާ ގަވައިދު ތަންފީޒެއް ނުކުރެވޭ. ނޫނީ ތަންފީޒުވަނީ ފުލުހުން ރުޅިއަރާ މީހުންގެ މައްޗަށް އެކަނި ރައްޓެހިންނާ މަހުޖަނުންނަކަށް ނޫން.
    ބިދޭސީން ޑުރައިވަރުންނަށް ދަންދެން ސިނިގިރޭޓުވެސް ބޯނެ. ފޯނާވެސް ކުޅޭނެ. ދެކަން ކުރާއިރު ފުލުހަށް ފެންނާނެވެސް ފެންނާނެ. އެކަމު ބޮޑުވިޔަފާރިވެރިޔާގެ ޕިކަޕު ވިއްޔަ. އެހެންވީމާ.....

  6. ޝާހް، ރ.ވާދޫ

    ކޮންއިރަކުތަ ތިކަންކަން ހުއްދައީ؟ ތީ މީގެކުރިންވެސް މަނާކަންތަކެއް ނޫންތަ؟

  7. މަށޯ

    ޖޯކް އޮފް ދަ ޑޭ... ހަހަހަ. މިހާރުވެސް މަނާކުރެވިފަ ހުރި ކަންކަން. ކާކު ކޮންބައެއް ތަންފީޒް ކުރަނީ؟. ރާއްޖޭގައި ވަރަށް ރަނގަޅު ގާނޫނުތަކާއި ގަވައިދުތަކާ އުސޫލުތަށް ހެދިފަ އެބަހުރި. އެކަމަކު އެ ތަންފީޒުކޮށް، އެކަންކަމާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅެއް އަޅާނެ މުއައްސަސާއެއް ނެތީ. ކަމެއް އިސްލާހް ކުރަން، ރަނގަޅުކުރަން މަސައްކަތްކުރާ މީހަކު ނެތް

  8. އިއްބެ

    ބަލަ ތިޔައްވުރެ މާ ރަނގަޅުވާނެ ހެސްކިޔާފަ ސައިލް ދުއްވާ ޕާޓޭންގެ ދުވެލި ކޮންޓްރޯލް ކުރަން އުޅުނީޔާ. ކުޑަ ކުދިން އަރުވައިގެން ދާ މީހުންތަ އިރުއިރުކޮޅާ ފުނޑެނީ