މޯލްޑިވްސް މީޑިއާ ކައުންސިލުން މި އަހަރު ދިނުމަށް ހަމަޖެހިފައިވާ ނޫސްވެރިކަމުގެ އެވޯޑު ހަފްލާ އަށް އެ ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިނުގަތުމަށް ނިންމައި އެކަން އަންގަން ފަށައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ބައެއް މެމްބަރުން ވަނީ ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ، ސަލާން ފޮނުއްވައިފައެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލާ ހިލާފަށް އިނާމް ދިނުމުގެ ކަންކަން ކުރިއަށް ގެންދާތީ މީޑިއާ ކައުންސިލާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ސިވިލް ކޯޓުގައި ވަނީ ފަށައިފައެވެ. ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ އެވޯޑަށް ކުރިމަތިލި ހަ މީޑިއާއެއްގެ 20 ނޫސްވެރިންގެ ފަރާތުންނެވެ.

އެ ނޫސްވެރިންގެ ފަރާތުން ކޯޓުގައި ވާކާލާތު ކުރައްވަނީ މަޝްހޫރު ގާނޫނީ ވަކީލު މަރިޔަމް ޝުނާނާގެ ލޯފާމް ޝުނާނާ އެންޑް ކޯ އެލްއެލްޕީ ލޯގެ ފަރާތުންނެވެ.

ނޫސްވެރިކަމުގެ އިނާމް 2020 އާ ގުޅޭ ވަރަށް ގިނަ މައްސަލަތަކެއް ނޫސްވެރިންނާއި މީޑިއާތަކުން ފާހަގަކޮށް މީޑިއާ ކައުންސިލްގެ ސަމާލު ކަމަށް އެކި ގޮތް ގޮތުން ގެނެސްފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވޯޑަށް ކުރިމަތިލި 10 މީޑިއާގެ ތެރެއިން ހަތް މީޑިއާއަކުން ސޮއިކޮށް އެ މައްސަލަ މީޑިއާ ކައުންސިލަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް ކައުންސިލުން ނިންމީ ކުރިއެކޭ އެއްގޮތަށް އިނާމް ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އެ ޕެޓިޝަންގައި ސޮއިކޮށްފައި ވަނީ "ވަގުތު" ގެ އިތުރުން "މިހާރު"، "އަވަސް"، ވަން އޮންލައިން"، "ވޮއިސް"، "މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް"، "ފަހު މިނެޓް"އެވެ.

ގިނަ މީޑިއާތަކުން ފާހަގަ ކުރާ ގޮތުގައި މީޑިއާ ކައުންސިލުން މި މަހުގެ 11 ވަނަ ދުވަހު ދޭން ތައްޔާރުވެފައިވާ ނޫސްވެރިކަމުގެ އެވޯޑުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ 22 ގައި ކައުންސިލުން އާންމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ އުސޫލާ ހިލާފަށެވެ.

ނޫސްވެރިންގެ ކަންބޮޑުވުމަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދީފައި، ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ވަކި ޕެނަލްއަކުން މާކްސް ދިނުމަށް ފަހު، ދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމު ދިނުމަށް ނިންމާފައި ވުމެވެ. ވަކި ފަނޑިޔާރުންގެ ދެ ޕެނަލެއް ނަގަން ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު ޖާގައެއް ނުދޭ ކަމަށް ނޫސްވެރިން ފާހަގަކުރެއެވެ.

މީޑިއާތަކުގެ އިސްވެރިންނާ މަޝްވަރާކުރުމެއް ނެތި ކުރިން ވެސް އިނާމު ދޭން ނިންމާފައި އޮތް އުސޫލުގެ ދަށުން އެކަން ކުރިއަށް ގެންދަން މީޑިއާ ކައުންސިލުން ނިންމާފައިވާތީ ރައްޔިތުންގެ މަޖިލީހާއި މީޑިއާ ކައުންސިލުގެް އިނާމުދޭ ކޮމިޓީގެ މުގައްރިރަށް ވެސް ސީޓިއެއް ފޮނުވާފައިވެއެވެ.

އަދި ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަނީ ހިއްސާކޮށްފައެވެ. ރައީސަށް ފޮނުވި ސިޓީއެއްގައި ވަނީ ގިނަ އަދަދެއްގެ ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރެ، އެ އަށް ހައްލެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ބާއްވާ އިނާމު ދިނުމުގެ ހަފުލާއެއްގައި ރައީސް ބައިވެރިވެވަޑައިގަތުމަކީ ނޫސްވެރިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. shareef

    ސަލާން ފޮނުވި ބައެއްގެ ނަންވެސް އޮންނަންވާނެދޯ!

  2. އައްޗީޑި

    ބަލަ ސަލާން ނުބުނެ، އިސްތިއުފާދީފައި ގެޔަށް ދާން ނުކެރުނިއްޔޯ؟އެއީ ނު ގަޓުހުރިމީހުންގެ ގޮތަކީ؟ ތިއީ މީހުންގެލޮލުގައި އަޅުވާ އަނދުނެއް