ދާދި ފަހުން ޖަލުގައި ނިޔާވި މ. މަލަސް/ ކ. މާލެ އިސްމާއީލް ޝަބީން (46 އަހަރު) އަށް ބޭސްފަރުވާ ދިނުމުގައި އިހުމާލެއް ފެންނަން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އެ މަރަކީ އެއްވެސް ފަރާތެއްގެ އިހުމާލެއް އޮވެގެން ނޫނީ ޒިންމާއެއް އަދާނުކޮށްގެން ހިނގި މަރެއް ކަމުގައި އެއްވެސް އިދާރާއެއްގެ ރިޕޯޓްގައި ފާޙަގަ ކޮށްފައި ނެތް ކަމަށެވެ.

މި މައްސަލާގައި ކަރެކްޝަންސް ސާވިސަސްއާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ވެސް ރިޕޯޓެއް ތައްޔާރުކުރި ކަމަށް އިމްރާން ވިދާޅުވިއެވެ. އެއީ ދެ މުއައްސަސާއިން ވަކިން ތައްޔާރު ކުރި ދެ ރިޕޯޓެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

އެހެންވިޔަސް ޖަލުގައި ބޭސްފަރުވާ ދިނުމުގެ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ޖަލުގެ ސިއްޚީ މަރުކަޒަށް ދާދި ފަހުން ވެސް ދެ ސްޕެޝަލިސްޓް ޑޮކްޓަރުން ގެނެސްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އިތުރު ޑޮކްޓަރުން ގެނައުމަށް މި ދަނީ މަސައްކަތް ކުރަމުން. މާފުށީ ހެލްތު ސެންޓަރު އިތުރަށް ތަރައްގީކޮށް، މާފުށީ މަރުކަޒުން ފަރުވާތަކެއް ދިނުމަށް،" އިމްރާން ވިދާޅުވިއެވެ.

ޝަބީން ޖަލުގައި ނިޔާވީ ޑޮކްޓަރަށް ދައްކަން ތަކުރާރުކޮށް އެދުމުން ވެސް އެ ކަން ނުކޮށްދީ ލަސްވެގެން ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޝަބީން ނިޔާވީ ނޭވާ ލުމުގައި އުނދަގޫތަކެއް ހުރެގެން އެ ރޭ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ގެންދިޔައީ ހަކުރު ބައްޔަށް ބޭސް ކުރަމުން ކަމަށް ކަރެކްޝަންސްއިން ބުނެއެވެ. އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހެކެވެ.