އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ފެބްރުއަރީ 7، 2012 ގައި އޭރުފެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުކޮށް ހުށަހެޅި މައްސަލަ ނުބަލަން އިންތިގާލީ އިންސާފުގެ އޮފީހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމީ އިމްރާނަކީ ދައުލަތުގެ މުއައްސަސާއެއްގައި އެއިރު ހުންނެވި ބޭފުޅަކަށް ނުވާތީ އެ އޮފީހުގެ އިހްތިސާސްގެ ތެރެއަށް އެ މައްސަލަ ނުވަންނަ ކަމަށް ބުނެއެވެ.

ބޮންޑެ ހުށަހެޅުއްވި އެ މައްސަލާގައި ވަނީ ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ފުލުސް އޮފީހުގެ މައި މަރުކަޒުގައި "ބަޣާވާތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް" ރައްޔިތުންނަށް އިމްރާން ގޮވާލަމުން ގެންދާ ވީޑިއޯއެއް ޔޫޓިއުބްގައި ދައުރުވަމުންދާ ކަމަށެވެ.

ނަޝީދުގެ ވެރިކަން "ބަޣާވާތަކުން ވައްޓާލުމުގައި" އިމްރާން ބައިވެރިވެފައިވާ މިންވަރު ބަލައި އޭނާއަށް ހައްގު އަދަބު ދިނުމަށް ވެސް ބޮންޑެ ހުށަހެޅުއްވި މައްސަލާގައި ލިޔުއްވާފައިވެއެވެ. އެ ޔޫޓިއުބް ވީޑިއޯ ވެސް ބޮންޑެ އިންތިގާލީ އިންސާފުގެ އޮފީހަށް ވަނީ ޚިއްސާ ކުރައްވައިފައެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް ފެބްރުއަރީ 7، 2012 ގެ މައްސަލައެއް ހުށަހެޅިގެން ދިޔައިރު އެމްޑީޕީ އިސްވެ އުފައްދާފައި އޮތް މި ސަރުކާރުގެ ބައިވެރިންގެ ތެރޭގައި އޭރު އިދިކޮޅު ހަރަކާތުގައި އިސްކޮށް ތިއްބެވި ބޭފުޅުން ހިމެނެއެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގައި އަދާލަތު ޕާޓީގެ ބޭފުޅުން ތިއްބަވައެވެ. މި ގޮތުން އިމްރާނަކީ ވެސް މި ސަރުކާރުގެ ހޯމް މިނިސްޓަރެވެ.

އިމްރާންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއި އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަކީ ވެސް އޭރު އިދިކޮޅު ފަރާތްތަކުގެ މުޒާހަރާގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންނެވެ.

ނަޝީދުގެ ވެރިކަން އެ ދުވަހު ނިމުމަކަށް އައީ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގި ހަމަނުޖެހުންތަކަކަށް ފަހު ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

އެއީ "ބަޣާވާތެއް" ކަމަށް ނަޝީދުއާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި ސަޕޯޓަރުން ގަބޫލު ކުރި ނަމަވެސް ނަޝީދު ވެސް ބޭނުންފުޅުވާ ގޮތަށް އެކުލަވާލި ރިޔާސީ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް ތައްޔާރުކުރި ކޯނީ ރިޕޯޓްގައި ބުނެފައިވަނީ ނަޝީދު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ.

އެ އޮފީހުން ބަލަން ހަމަޖެހިފައިވަނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމަޔަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

އިންތިގާލީ އިންސާފު ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢިޔާބު

    މި ވެރިކަމުގެ 5 އަހަރުވެސް ތަހުގީގު ކުރެވޭނެ ދުވަހެއް އަންނާނެ. އެދުވަހަށް ރައްޔިތުން ކެތްތެރި ކަމާއެކު އިންތިޒާރު ކުރާނެ. ހައްޤު ގާއިމު ކުރެވި އަދުލް އިންޞާފު ޤާއިމް ކުރެވި މި 5 އަހަރުގެ އަނިޔާވެރިންނަށް ހައްގު އުގޫބާތް ދެވޭނެ. އެދުވަހަކުން އެހީތެރިވާނެ އެއްވެސް ފަރާތެއް ނުހުންނާނެ. ފުރިހަމަ ބަދަލަކުން ބަދަލު ލިބިގަނެވޭނެ. انشاءالله

  2. މޯޑް

    ދެން ބުނާނެ އެއްޗެއް ނެތް؟

  3. އަބްދޫ

    ބަގާވާތް ކުރީ ނަސީދު .ނަސީދު ލިއުނު ލިއުމުގަ އޮތް ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނަގާ އަމިއްލަޔަށް ގައުމުހިންގުން ދެން އިއުލާން ކުރި ގާނޫނުއަސާސީ ވަނީ ހުއްޓިފާކަމަށް މާނަޔަކީ ގާނޫނުއަސަސީއަށް އަމަލުކުރުން ހުއްޓާލިކަމަށް ނުވަތަ ގާނޫނުއަސާސީ އުވާލިކަމަށް ވީމާ އެކަމްން އިއުލާންކުެއްވުމައެކު ރައީސުލްޖުމްހޫރިއްޔާކަމުން ނަސީދު އެވަނީ ގާނޫނީގޮތުން އޮތަމެޓިކުން ވަކިވެފަ. ސަބަބަކީ ގާނޫނުއަސާސީ ނެތްނަމަ ރައީސްލަޖުމްހުރިއްޔާއަކު ނުހުންނާނެތީ. ރައީސުލް ޖުމްހޫރިއްޔާގެ ނަން ލިޔެފަވަނީ ގާނޫނުއަސަސީގަ ވުމުން .އެ ގާނޫނު ނެތްނަމަ ތައީސަކު ހުންނާނެބާ؟