މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލާ ހިލާފަށް އިނާމް ދިނުމުގެ ކަންކަން ކުރިއަށް ގެންދާތީ މޯލްޑިވްސް މީޑިއާ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ.

އެވޯޑަށް ކުރިމަތިލި ހަ މީޑިއާއެއްގެ 20 ނޫސްވެރިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ މައްސަލަ ބައްލަވާ ގާޒީ އަމިއްލައަށް އިޖުރާއީ ނުކުތާއެއް ނެންގެވުމަށް ފަހުގައެވެ. ސިވިލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަމިއްލަ އަށް މައްސަލަ ބޭރުކޮށްލި އިރު މިއީ އާންމުކޮށް ކޯތުގައި އަމަލު ކުރާ އުސޫލާ ހިލާފު ކަމެކެވެ.

ކޯޓުތަކުގައި މައްސަލަތައް ކުރިއަށްދާ އިރު މައްސަލަ ބައްލަވާ ގާޒީ އަމިއްލައަށް އިޖުރާއީ ނުކުތާ ނަންގަވައިގެން މައްސަލަތައް މީގެކުރިން ބޭރުކުރި ކަން އެނގިފައެއް ނުވެއެވެ.

މި މައްސަލަ ބައްލަވާ ގާޒީ އަމިއްލައަށް އިޖުރާއީ ނުކުތާއެއް ނަގައިގެން މައްސަލަ ބޭރު ކުރި އިރު މި މައްސަލައިގައި މީޑިއާ ކައުންސިލުން ވެސް ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވައިފައެވެ.

ނޫސްވެރިންގެ ފަރާތުން ހުށަހެޅި މި މައްސަލައަށް ރައްދު ދީ މީޑިއާ ކައުންސިލުން ހުށަހެޅި އިޖުރާއީ ނުކުތާއެއް އޮއްވައި އެއަށް ވާހަކަ ވެސް ދައްކާފައެއް ނުވެއެވެ. މީޑިއާ ކައުންސިލުން ނެގި އިޖުރާއީ ނުކުތާގައި ފާހަގަކޮށްފައި ވަނީ ވަކި ނޫސްވެރިންނަށް މައްސަލަ ހުށަނޭޅޭނެ ކަމަށާއި މައްސަލަ ހުށަހެޅޭނީ މީޑިއާތަކަށް ކަމަށެވެ.

ނޫސްވެރިކަމުގެ އިނާމް 2020 އާ ގުޅޭ ވަރަށް ގިނަ މައްސަލަތަކެއް ނޫސްވެރިންނާއި މީޑިއާތަކުން ފާހަގަކޮށް މީޑިއާ ކައުންސިލްގެ ސަމާލު ކަމަށް އެކި ގޮތް ގޮތުން ގެނެސްފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވޯޑަށް ކުރިމަތިލި 10 މީޑިއާގެ ތެރެއިން ހަތް މީޑިއާއަކުން ސޮއިކޮށް އެ މައްސަލަ މީޑިއާ ކައުންސިލަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް ކައުންސިލުން ނިންމީ ކުރިއެކޭ އެއްގޮތަށް އިނާމް ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އެ ޕެޓިޝަންގައި ސޮއިކޮށްފައި ވަނީ "ވަގުތު" ގެ އިތުރުން "މިހާރު"، "އަވަސް"، ވަން އޮންލައިން"، "ވޮއިސް"، "މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް"، "ފަހު މިނެޓް"އެވެ.

ގިނަ މީޑިއާތަކުން ފާހަގަ ކުރާ ގޮތުގައި މީޑިއާ ކައުންސިލުން މި މަހުގެ 11 ވަނަ ދުވަހު ދޭން ތައްޔާރުވެފައިވާ ނޫސްވެރިކަމުގެ އެވޯޑުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ 22 ގައި ކައުންސިލުން އާންމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ އުސޫލާ ހިލާފަށެވެ.

ނޫސްވެރިންގެ ކަންބޮޑުވުމަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދީފައި، ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ވަކި ޕެނަލްއަކުން މާކްސް ދިނުމަށް ފަހު، ދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމު ދިނުމަށް ނިންމާފައި ވުމެވެ. ވަކި ފަނޑިޔާރުންގެ ދެ ޕެނަލެއް ނަގަން ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު ޖާގައެއް ނުދޭ ކަމަށް ނޫސްވެރިން ފާހަގަކުރެއެވެ.

މީޑިއާތަކުގެ އިސްވެރިންނާ މަޝްވަރާކުރުމެއް ނެތި ކުރިން ވެސް އިނާމު ދޭން ނިންމާފައި އޮތް އުސޫލުގެ ދަށުން އެކަން ކުރިއަށް ގެންދަން މީޑިއާ ކައުންސިލުން ނިންމާފައިވާތީ ރައްޔިތުންގެ މަޖިލީހާއި މީޑިއާ ކައުންސިލުގެް އިނާމުދޭ ކޮމިޓީގެ މުގައްރިރަށް ވެސް ސީޓިއެއް ފޮނުވާފައިވެއެވެ.