މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލާ ހިލާފަށް އިނާމް ދިނުމުގެ ކަންކަން ކުރިއަށް ގެންދާތީ މޯލްޑިވްސް މީޑިއާ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލުމުން ދެ ވަނަ ފަހަރަށް އެ މައްސަލަ ކޯޓަށް ވައްދައިފިއެވެ.

އެވޯޑަށް ކުރިމަތިލި ހަ މީޑިއާއެއްގެ 20 ނޫސްވެރިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ މައްސަލަ ބައްލަވާ ގާޒީ އަމިއްލައަށް އިޖުރާއީ ނުކުތާއެއް ނެންގެވުމަށް ފަހުގައެވެ. މި މައްސަލަ ބެއްލެވި ގާޒީ، އަބްދުއް ނާސިރު ޝަފީގު ނެރުއްވި ހުކުމުގައި ވަނީ އަވަސް ނިޔާގެ މައްސަލަތައް ބަލާ ސެކްޝަނަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް ނުލިބޭ ކަމަށެވެ.

އަދި އެ މައްސަލަ ކޯޓުގައި ބާއްވައިގެން އެހެން ސެކްޝަނަކަށް ނުފޮނުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާ ކައުންސިލާ ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލައިގައި އެދިފައި ވަނީ މިރޭ ބާއްވަން ތާވަލްކޮށްފައިވާ ނޫސްވެރިންނަށް އެވޯޑް ދިނުމުގެ ޖަލްސާ ފަހުގެ ތާރީހަކަށް ލަސްކޮށްދިނުމަށް އެދި އަމުރެއް ނެރެދިނުމަށެވެ.

ގިނަ މީޑިއާތަކުން ފާހަގަ ކުރާ ގޮތުގައި މީޑިއާ ކައުންސިލުން މި މަހުގެ 11 ވަނަ ދުވަހު ދޭން ތައްޔާރުވެފައިވާ ނޫސްވެރިކަމުގެ އެވޯޑުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ 22 ގައި ކައުންސިލުން އާންމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ އުސޫލާ ހިލާފަށެވެ.

ނޫސްވެރިންގެ ކަންބޮޑުވުމަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދީފައި، ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ވަކި ޕެނަލްއަކުން މާކްސް ދިނުމަށް ފަހު، ދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމު ދިނުމަށް ނިންމާފައި ވުމެވެ. ވަކި ފަނޑިޔާރުންގެ ދެ ޕެނަލެއް ނަގަން ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު ޖާގައެއް ނުދޭ ކަމަށް ނޫސްވެރިން ފާހަގަކުރެއެވެ.