މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމް 2020 ތެރެއިން ތަހުގީގު ނޫސްވެރިކަމުގެ ދާއިރާގެ އެވޯޑު "ވަގުތު" ގެ މެނޭޖިން އެޑިޓަރު މުހައްމަދު އަޒްހީމް އަޒީޒަށް ލިބިވަޑައިގެންފިއެވެ.

މީޑިއާ ކައުންސިލުން މިރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި އަޒްހީމަށް މި އެވޯޑު ލިބުނީ "ވަގުތު 26" ތަހުގީގު: އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ! މި ނަމުގައި ލިޔުއްވި ތަހުގީގީ ރިޕޯޓަށެވެ.

އައްޑޫ ސިޓީ ހިތަދު އަށް އުފަން އަޒްހީމްގެ މި ލިޔުމަކީ "ވަގުތު" ގެ ނޫސްވެރިން އައްޑު އަށް ކުރި ހޭރިޔާ ދަތުރުގެ ތެރެއިން އޭނާ ލިޔުއްވި ލިޔުމެކެވެ. މި ރިޕޯޓު އާންމުންނާ ހަމައަށް އައީ ތިން މަސް ދުވަހުގެ ބުރަ މަސައްކަތުންނެވެ.

މި ރިޕޯޓްގައި އައްޑޫ ސިޓީގައި ހަރުކަށި ފިކުރުގެ ވިއުގަ އޮޕަރޭޓް ކުރަމުންދާ ގޮތުގެ އެންމެ ފުނަށް ގޮސް އޭގެ ތަފްސީލްތައް އާންމުންނާ ހަމައަށް ތިލަ ކުރެވުނެވެ. އޭގެ ނުރައްކާ އައްޑޫގެ މުޖުތަމައަށް އޮތް ވަރު ދެނެގަނެވި ސަލާމަތީ ބާރުތަކުން ފިޔަވަޅުތައް ވެސް ވަރުގަދަ ކުރިއެވެ.

ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އިން އަޒްހީމްއާ އެންމެ ގާތުން ވާދަކުރީ "އަވަސް" ނޫހުގެ މުހައްމަދު އަފްރާހު އާއި "މިހާރު" ނޫހުގެ އާސިޔަތު މުހައްމަދު ސައީދެވެ. އާސިޔަތު މިހާރު މަސައްކަތް ކުރަނީ "ދައުރު" ނޫހުގައެވެ. އަޒްހީމް ނޫސްވެރިކަމުގެ އިނާމަށް ނޮމިނޭޓުވެފައި ވަނީ މުޅިން އަލަށެވެ.

އަދި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއަކީ މީޑިއާ ކައުންސިލުން މިދިޔަ އަހަރުން ފެށިގެން ދޭން ފެށި އެވޯޑެކެވެ. މިދިޔަ އަހަރު އެވޯޑު ލިބިފައިވަނީ "ސަން" ގެ މުޒައްޔިން ނާޒިމަށެވެ. މުޒައްޔިން މިހާރު މަސައްކަތް ކުރަނީ "ދައުރު" އަށެވެ.

އަސިޔަތަކީ މީޑިއާ ކައުންސިލްގެ އެތައް އެވޯޑެއް ހާސިލްކޮށްފައިވާ ނޫސްވެރިއެކެވެ. އޭގެ ތެރޭގައި ފީޗަ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އިން ހާސިލް ކުރި އެވޯޑުތައް ހިމެނެއެވެ. އަފްރާހް ވަނީ ވިޔަފާރި ދާއިރާ އިން އެވޯޑު ހާސިލްކޮށްފައެވެ.

އަޒްހީމަށް ލިބުނު އިނާމްތަކުގެ ތެރޭގައި:

  • މީޑިއާ ކައުންސިލުން ދޭ ފައިސާގެ އިނާމު: 20،000ރ.
  • އިސްލާމިކް މިނިސްޓްރީން ދޭ ފޮތްތައް
  • އެސްޓީއޯއިން ދޭ ޓީވީ
  • ވޭލް ސަބްމެރީން އިން ދެ ބޭފުޅަކަށް ދަތުރެއް
  • ހަންހާރަ ކެފޭ އިން ދެ ބޭފުޅަކަށް ކެއުން
  • އެމްޑަބްލިއުއެސްސީ އިން ދޭ ފައިސާގެ އިނާމު: 5،000ރ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަރްޙަބާ މަރްޙަބާ
    ސާބަހޭ ދަރިފުޅުމެންނޭ.
    ތިޔައީ ހަމަަޙައްޤު އިނާމެއް.
    އެންމެ އަޕްޑޭޓް ނޫސް. އެންމެ ލޯބިން ކިޔާލަން ބޭނުންވާ ނޫސް . ހިތްވަރާއި އެކު ކުރިއަށް.
    ބޮޑު ކާމިޔާބީއެއް. އުމުރުން ދުވަސްވީ ޤާބިލު ނޫސްތަކަށް ގޮންޖަހާ ލައިފައި .ސިޔާސީ ފިކުރަށްވުރެ ޤައުމިއްޔަތު އިސްކުރާނޫހެއް. ރައްޔިތުން ގެ އިޙްސާސް ތައް ތަފާތު ކުރުމެއްނެތި ހާމަ ކޮށްލަދޭ ހަމައެކަނި ނޫސް. އަދިވެސް އިތުރު ކާމިޔާބާއި ކުރިއެރުން މިންވަރު ކުރައްވާށި އާމީން

    3
    1
  2. ނޫސްކިޔާމީހާ

    މަރުހަބާ އަޒްހީމު ތިޔަކުރައްވާ ބުރަމަސައްކަތައް އަށްސަރިބަހާ ސާބަސް