މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދޭ ނޫސްވެރިކަމުގެ އިނާމުގެ ތެރެއިން މިދިޔަ އަހަރުގެ އިނާމުތައް "ސަންގު ޓީވީ" އާއި "ވަގުތު" އާއި "މިހާރު" އާއި "ރާއްޖެޓީވީ" ގެ ނޫސްވެރިން ހޯދައިފިއެވެ.

ތަފާތު 12 ކެޓަގަރީގެ އެވޯޑަށް 80 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވާއިރު، މިއީ އެމްއެމްސީން އިނާމު ދޭން ފެށި ފަހުން އެންމެ ގިނަ ނޫސްވެރިން ކުރިމަތިލި ފަހަރެވެ. އެކަމަކު ބައެއް ދާއިރާތަކަށް މި ފަހަރު މަދު ނޫސްވެރިން ކުރިމަތިލުމުން އިނާމު ދިނީ ނުވަ ދާއިރާއަކަށެވެ.

އެންމެ ގިނަ އިނާމު ލިބިފައިވަނީ "ސަންގު ޓީވީ" އަށެވެ. އެ ޓީވީން ތިން ދާއިރާއަކުން ދެ ނޫސްވެރިން އިނާމު ހޯދިއެވެ. "ވަގުތު" އާއި "މިހާރު" އަދި "ރާއްޖެ ޓީވީ" އިން ވެސް ދެ ދާއިރާއަކުން އިނާމު ހޯދިއެވެ. އިތުރު މީޑިއާއަކަށް އިނާމު ލިބިފައެއް ނުވެއެވެ.

މީގެ ކުރިން އޮންލައިން/ޕްރިންޓް އަދި ބްރޯޑްކާސްޓިން/ޓީވީ މީީޑިއާތަކަށް ވަކިން އިނާމު ދިން ނަމަވެސް މި އަހަރު އިނާމު ދީފައި ވަނީ އެކީގައެވެ. އަދި ގިނަ އިނާމު ހޯދާފައި ވަނީ ވެސް ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނެވެ.

މީގެ ތެރެއިން އެންމެ ވަރުގަދަ އެއް އިނާމުގެ ގޮތުގައި ފެންނަ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު ލިބުނީ "ވަގުތު" ގެ މުހައްމަދު އަޒްހީމަށެވެ. އެއީ "ވަގުތު 26" ތަހުގީގު: އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ! މި ތަހުގީގީ ރިޕޯޓަށެވެ.

އިނާމު ލިބުނު ނޫސްވެރިން

  • ތަހުގީގީ ނޫސްވެރިކަން: މުހައްމަދު އަޒްހީމް (ވަގުތު)
  • އިޖްތިމާއީ އަދި ތަރައްގީގެ ދާއިރާ: އަމްނާ އިމާދު (ރާއްޖެ ޓީވީ)
  • ސިޔާސީ ދާއިރާ: މާހަތު ހުސައިން ރަޝީދު (ސަންގު ޓީވީ)
  • ޝަރުއީ އަދި ގާނޫނީ ދާއިރާ: ލައިޝާ އަހްމަދު (ރާއްޖެ ޓީވީ)
  • ވިޔަފާރި އަދި އިގްތިސާދީ ދާއިރާ: ފާތިމަތު ޝަނާ މުހައްމަދު (މިހާރު)
  • ކުޅިވަރު ދާއިރާ: މުހައްމަދު ހަމްދޫން (މިހާރު)
  • ފޮޓޯ ޖާނަލިޒަމްގެ ދާއިރާ: އިބްރާހީމް ޝާބިލް (ވަގުތު)
  • ވީޑީއޯ ޖާނަލިޒަމްގެ ދާއިރާ: ހައްވާ މިންހާ (ސަންގު ޓީވީ)
  • ފީޗާ/ރިޕޯޓް ދާއިރާ: މާހަތު ހުސައިން ރަޝީދު (ސަންގު ޓީވީ)

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަރޫ

    ދިޔަރެސް އަށް އެއްވެސް އެވޯޑެއް ނުލިބުނީ ސަރުކާރާ ދެކޮޅަަށް ލިޔާތީތޯ؟

    19
  2. ތަކުރު

    ތިޔައީ ސިޔާސީ އެވޯޑްތަކެއް

    11
  3. ޖުއްބާ

    އޭ، ތީ ވިއްކާ އެއްޗެއްތަ. ނޫނީ ބަހާ އެއްޗެއްތަ؟

    11
  4. ފިތުނައެވޯޑު

    ރާއްޖެ ޓީވީއައްލިބުނީ ފިތުނައުފެއްދުމުގެ ކާމިޔާބު އެވޯޑެއް ތިޔަލިބުނު ކާމިޔާބު އެވޯޑާއެކު ފިތުނައުފެއްދުމައް އިތުރު ހިއްވަރެއްލާނެހެންހީވަނީ

    11
    1