ރާއްޖޭގެ މޫސުން ކުރިއަށް އޮތް ފަސް ދުވަހު ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ މޫސުން ގޯސްވަނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފަކާއި ގުޅިގެން ކަމަށެވެ. ލޯ ޕްރެޝާ ޓްރަފް އުފެދިފައި ވަނީ ރާއްޖޭގެ އުތުރުން އިންޑިއާގެ ހުޅަނގުގައެވެ.

މޫސުން ގޯސްވެ ވައިގަދަވާނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ކަމަށް ލަފާކުރެވެއެވެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން ހޮނިހިރު ދުވަހުގެ ނިޔަލަށް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފައިވެ އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އާއްމުކޮށް ވައިޖެހޭނީ 10 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި ވިލާގަނޑުގައި 20 މޭލާއި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

މޫސުން ގޯސް ދުވަސްތަކުގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ކޮޅިގަނޑުގެ ވަގުތުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ހަަތަރު ފޫޓާ ހަތް ފޫޓުގެ އުސްމިނަކަށެވެ.

މޫސުން ގޯސްވާނެ ކަމަށް ފެންނާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން އަދި ރައްކާތެރިކަމުގެ ފިޔަޅުތައް އަޅައިގެން ނޫނީ ދަތުރުނުކުރުމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފައިވެ އެވެ.