ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ޝަރުއީ ނިޒާމުގެ ތެރެއިން އިިދިކޮޅު ފަރާތްތަކުން ގެންނަން އުޅެ ނާކާމިޔާބުވި ބަޣާވާތުގެ އެންމެ އަޑީގައި ހުރީ ޤާސިމް އިބްރާހިމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރުމާލު 2 ގައި ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ގެންނަން އުޅުނު ބަޣާވާތުގެ އެންމެ އަޑީގައި ހުންނެވީ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް ކަމަށާއި، ގާސިމް ބޭނުންފުޅުވެލައްވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ތަހުތުގައި އިށީންނަވަން ކަމަށެވެ.

"މި ބަޣާވާތުގެ އަޑީގައި ހުންނެވި އެއް ބޭފުޅަކީ ޤާސިމް އިބްރާހީމް. މިފަދަ ފީކަޅާ، ނުރައްކާތެރި ވިސްނުމުގައި ތިއްބަވާ ބޭފުޅުން މިއަދު ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތި ލައްވައިގެން ދިވެހިރާއްޖޭގެ ތަހުތުގައި އިންނަވަން މިއުޅުއްވަނީ، އެ ދަހިވެތިކަމުގައި މި މަސައްކަތް ކުރައްވަނީ" ޝިޔާމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމަށް ފާޑު ވިދާޅުވަމުން ޝިޔާމް ވިދާޅުވީ، ޤައުމުގެ ތަރައްޤީގެ މަސައްކަތްތަކުގައި ވަރަށް އަވަދިނެތި އުޅުއްވަނިކޮށް ފަހަތުން އައިސް ބުރުމާ ކައްޓަކުން ތޮރުފާލި ނަމަވެސް، ތޮރުފިގެން ދިޔައީ ހަންގަނޑުކަމަށާއި، މެޔާއި ހަމައަށް ބުރުމާގެ ކަށި ނުފޯރާ ކަމަށެވެ.

ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ބުރުމާ ކަށިން ދިން ހަމަލާއިން އަދިވެސް ސަލާމަތް ނުވާ ކަމަށާއި، ކުއްލި ނުރައްކަލިގެ ހާލަތުގެ މުއްދަތު އިތުރުކުރަން ޖެހުނީވެސް އެހެންވެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އެކްސްޓެންޑް ކުރަން ޖެހުނީ އެކަމުން އެއްކޮށް އަރައި ނުގަނެވޭތީ. އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ މިއީ އަޅުގަނޑުމެންގެ ޤައުމާއި އަޅުގަނޑުމެންގެ ދީނާއި ކުޅެން އުޅުނު ޣައްދާރުންތަކެއްގެ އަމަލުތަކެއްގެ ސަބަބުން އަޅުގަނޑުމެންނަށް ދިމާވި ކަންތައްތަކެއް" ޝިޔާމް ވިދާޅުވިއެވެ.

މި ނުރައްކާތެރި ހަމަލާއިން ޤައުމާއި، ދީން އަދި އިޤްތިޞާދާއި ޤައުމުގެ ރައްޔިތުންނަށް މިކަމުގެ އަސަރުން ސަލާމަތް ކޮށްދެއްވީ ހިކްމަތްތެރި، ސާބިތު އަދި ކެރޭ ރައީސް ޔާމީންގެ ސަބަބުން ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ، "މާތް ﷲ ގެ ވާގިފުޅާއި އެކު އަޅުގަނޑުމެން މިއަދު މިތިބީ ރަނގަޅު މަގުގައި، ރަނގަޅު ހިސާބުގައި. ސަލާމަތީ ޚިދުމަތްތަކުގެ ބޭފުޅުން އަބަދުވެސް މި ޤައުމާއި ރައްޔިތުން އަދި ދަރިންގެ ދަރިންގެ ދިފާއުގައި އެބޭފުޅުން އެކުރައްވާ މިންނެތް މަސައްކަތްޕުޅުތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." ކަމަށެވެ.

ޤާސިމް އިބްރާހީމްގެ މަސްލަހަތު ހިމެނޭ ކުންފުނިތަކުން ދިވެހި ދައުލަތަށް ސަތޭކަ ނުވަދިހަ އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހިފައިވާކަން ރަސްމީ ލިޔެކިޔުންތަކުން ހާމަވެފައިވާއިރު، ބަޣާވާތް ކޮށްފައިވަނީ މި ފައިސާ ވެސް ބޭނުންކުރައްވައިގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، "އެ ސަތޭކަ ނުވަދިހަ އެތައް މިލިއަން ޑޮލަރުން ދިވެހި ރައްޔިތުންނަށް ފަސްހާސް ހަތްސަތޭކަ އެތައް ހައުސިންގ ޔުނީޓެއް އެޅުނީސް. 85 ބަނދަރު ނިމުނީސް. އެތައް ސްކޫލެއްގެ މަސައްކަތް، އެތައް ރަށެއްގެ ފެނާއ ނަރުދަމާގެ މަސައްކަތް ނިމުނީސް. މި ދައްކަނީ އެތައް ކުދިންނަކަށް ސްޓޫޑެންޓް ލޯނާއި، އެތައް ބަޔަކަށް ވިޔަފާރީގެ ލޯނު ފަދަ އެތައް ހިދުމަތެއް ދޭން ހުރި ފައިސާގެ ވާހަކަ" ކަމަށެވެ.

ޕީޕީއެމް އާއި ރައީސުލްޖުމްހޫރިއްޔާ އަދި ސަލާމަތީ ބާރުތަކާއި ދިވެހި ރައްޔިތުންވެސް ތިބީ މިފަދަ ފަރާތްތަކަށް ފުރުޞަތު ދޭގޮތަށް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހުންވެސް ފެނިގެންދިޔައީ ވަރަށް ސާބިތުކަމާއެކު، ރައީސް ޔާމީންގެ ފަހަތްޕުޅުގައި މި ޤައުމުގެ މުސްތަޤްބަލަށްޓަކައި ވަރަށް ސާބިތުކަމާއެކު ތިއްބެވިކަން ކަމަށް ސިޔާމް ވިދާޅުވިއެވެ،

"ޤާސިމް އިބްރާހިމް ހެއްދެވި ގޮތުން ކިތަށް މީހުންތޯ މިއަދު ޖަލުގައި އެ ތިއްބެވީ؟ ޤާސިމް އިބްރާހިމް އެ ހުންނެވީ ފިނި ކޮޓަރީގައި، ފިނި ތަނެއްގައި ޖަރުމަނުވިލާތުގައި." ބަޣާވާތާއި ގުޅިގެން ހައްޔަރު ކުރެވުނު މީހުންނަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ދެރަވޭ އަޅުގަނޑުމެންގެ ޕާޓީގެ ކުރީގެ ޒައީމް، ކުރީގެ ރައީސް މައުމޫން މިއަދު ޖަލުގައި އޮންނަވަން ޖެހިވަޑައިގަންނަވާތީ. ޤާސިމް އިބްރާހިމް އެ ޒިންމާ ނަންގަވަން ޖެހޭނެ. ކެނެރީގޭ މުހައްމަދު ނަޝީދު އެ ޒިންމާ ނަންގަވަން ޖެހޭނެ." ޝިޔާމް ވިދާޅުވިއެވެ.

މިޤައުމު ފަނާކުރާ ބައެއްގެ އަތްމައްޗަށް ދޫކޮށެއް ނުލައްވާނެ ކަމަށާއި މިއީ ދަރިންނާއި ދަރިންގެ ދަރިންގެ ހައްޤުގައި ސަލާމަތްތެރިކަމާއެކު އެ ކުދިންނަށް މި ޤައުމު ވާސިލް ކޮށްދޭންދިނުމަށް ކޮންމެހެން ކުުރަންޖެހޭ މަސައްކަތެއް ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޕޕމ ޒުވާނުން

    ރަންގަޅު ވާހަކައެއް...ގާސިމް ބޭނުން ވަނީ ވެރިކަން

  2. ރައްޔިތުން

    .ހުސްވެ އަވަދިވާއިރުވެސް ތިކުރާ ތުހުމަތަކަށް ހަމަ ސާބަސް. ޢަނިޔާވެރިކަމުގެ ވިސްނުންހުރި ކޮންމެ މީހަކު ޢަނިޔާވެރިކަން އައިސް ވަށާލާނެ ދުވަހަކަށް އަވަދުވެސް ބަލަލައި ތިބެންވާނެ

  3. ސީނު

    ދެން ތިމާގެ ކިބައިގައި އެމަގާމަށް ކުފޫ ހަމަނުވިނަމަވެސް ވެރިންކުރެވޭނެ ކަމަށް ޤަބޫލުކުރުމަކީ ބޮޑުޖޯކެއް......ހުރިހާދިވެހިންވެސް އެކަން ގަބޫލުކުރާނެ. މީހާމޮޔަވެފައި ނަމަވެސް މުއްސަނދި ވީމަ އެކަމުގެ ފައިދާ ނަގަނީ

  4. ޙައްވަ

    ވެރިކަން ބޭނުން ނުވާ މީހަކީ ހަމައެކަނި ޔާމީނު. ޝިޔާމޫ ކަލޭވެސް ޔާމީނުގެ ޒާތީ ހަސަދައިގެ މެޝީން ހިންގައިދެން ހަވާލު ކުރީދޯ؟

  5. ް. ....މމމމމމމމމމމމމމނނމމނނނނމނނނނނނނނ. ނނބބ. ފޮކައިދު

    މުދާދެއްވަނީމީހާގެއިންތިހާނަކަށް

  6. ބެނޭ

    ސާބަހޭ މެމްޕީ ސިޔާމް. ގާސިމް އަދިވެސް އެއުޅުއްވަނީ މި ގައުމު ހަލަބޮލިކޮށް ރަށްޔިތުން ނިކަމެތިކުރުވަން. އޅުގަނޑުމެން ޒުވާނުންވެސް މިގޮވާލަނީ ގާސިމް ވީހާވެސް އަވަހަށް އަނެއްކާވެސް ހުކުމް ތަންފީޒުކުރަން ބަންދުކޮށްގެން ރާއްޖެ ގެންނަން.

  7. އަން

    ދެބަގާވާތުގެ ވެރި މުނާފިގެއް
    ބޮޑު ވަބާއެއް މިކަމުން ސަލާމަތް ވޭތޯ ދުއާކުރަން