(ހއ. ކެލާ) ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ.އަތޮޅުގެ ރަށްތަކަކީ ޖަމިއްޔާގެ ހަރަކާތްތައް ވަރަށް ފޯރީގައި ކުރަމުން އަންނަ އަތޮޅެކެވެ. މިގޮތުން ހއ. ކެލާގައި ހަރަކާތްތެރިވަމުން އަންނަ "ކެލާ ޔޫތު ފޯރަމް" އަކީ ފާހަގަކޮށްލެވޭ ވަރުގެ ޖަމިއްޔާއެކެވެ.

"ވަގުތު ހޭރިޔާ" އިން ކެލާ އަށް ކުރި ދަތުރުގައި އެރަށުގެ "ކޭވައިއެފް"(ކެލާ ޔޫތު ފޯރަމް)ގެ ހަރަކާތްތައް ފާހަގަވެ އެ ޖަމިއްޔާ އާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މި ދައުރުގެ ރައީސް އާމިރު އުސްމާން އާއި ބައްދަލު ކޮށްލީމެވެ.

ކެލާ ޔޫތު ފޯރަމްގެ ރައީސް އާމިރު

ކެލާ ސްކޫލުގައި މީގެ 28 އަހަރު ކުރިން އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އާމިރު ސްކޫލުގައި އުޅެމުން ޖަމިއްޔާގެ ހަރަކާތްތައް ކުރުމަށް ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ހާއްސަކޮށް، އަބަދު ވެސް ޖަމިއްޔާ ހަރަކާތްތެރިކޮށް ބޭއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއެވެ.

މިގޮތުން ކޭވައިއެފް އިން ކުރަމުން އަންނަ ބައެއް އިޖްތިމާއީ މަސައްކަތްތަކުގެ ތެރޭގައި ކޮންމެ ޗުއްޓީ ދުވަސްވަރަކާއި ދިމާކޮށް ދާއިރާގެ އެންމެ ފުންނާބު އުސް ބޭފުޅުން ގުރުއާން ކިޔަވައިދިނުމަށް ރަށަށް ގެނައުމާއި، ރަށުގައި ފުޓްބޯޅަ، ވޮލީ އަދި ނެޓުބޯޅަ ކުރިއެރުވުމަށް ކޭވައިސީގެ ތެރެއިން ސްޕޯޓްސް އެކަޑަމީ އެއް އުފައްދުން ހިމެނެއެވެ.

ހއ. ކެލައަށް ޚާއްސަ ބެރުގެ ކުޅިވަރު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ގާތްގަނޑަކަށް އަންހެނުންގެ ވޮލީގެ 3 މުބާރާތަކާއި ފިރިހެނުންގެ 4 މުބާރާތެއް މިހާތަނަށް އަޅުގަނޑުމެން ވަނީ ކާމިޔާބުކަމާއި އެކު ނިންމާލާފައި، މީގެ އިތުރުން 11 ގުރުއާން މުބާރާތެއް ވެސް މިހައިތަނަށް އައިއިރު ވަނީ ހިންގިފައި" ޖަމިއްޔާގެ ރައީސް އާމިރު ވިދާޅުވިއެެވެ.

މިކަންކަމުގެ އިތުރުން މި ޖަމިއްޔާ އިން ކުރަމުން އަންނަ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރަށުގައި ސަގާފީ ކުޅިވަރު އާލާކޮށް ދިރުވުމެވެ. މި ކުޅިވަރުތަކުގެ ތެރޭގައި މިހާރު ރާއްޖެއިންނާއި ހާއްސަކޮށް ހއ. އަތޮޅުން ނެތެމުން އަންނަ މަލިކު ދަނޑި ޖެހުމާއި ކުރުފަލި ޖެހުމާއި ބިލެތް ދަފި ނެގުން ހިމެނެއެވެ. ކޭވައިއެފް އިން ވަނީ "ވަގުތު ހޭރިޔާ"ގެ ޓީމަށް ދައްކާލުމަށްޓަކައި މީގެން ބައެއް ކުޅިވަރުތައް ޖަމިއްޔާގެ މެމްބަރުން ލައްވައި ކުޅެވެސް ދީފައެެވެ. ސަގާފީ ކުޅިވަރު ކެލާ އިން ނެތިދާން އުޅޭކަމުގެ މަލަމަތި އަދި ފެންނާކަށް ނެތެވެ. ކޭވައިއެފް އިން އަންނަނީ ކޮންމެ ބޮޑު އީދަކާއި ދިމާކޮށް ކައުންސިލާއި ގުޅިގެން ވަރަށް ފޯރިގަދަކޮށް މި ކުޅިވަރުތައް ކުޅެމުންކަން އުފަލާއި އެކު ފާހަގަކޮށްލަން ޖެހެއެވެ.

ދެހާސް ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް މެދުނުކެނޑި ކެލާގައި ހަރަކާތްތެރިވަމުން އަންނަ ކޭވައިއެފް އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ހަރަކާތްތަކާއި ވާދަވެރިކަމުގެ ސަބަބުން ޖަމިއްޔާގެ ފޯރި އާއި ހަރަކާތްތައް ކުރިއަށް ވުރެން ބޮޑަށް ފަނޑުވަމުން ދިއުންކަމަށް އާމިރު ވިދާޅުވިއެވެ.

"ސިޔާސީ އޮއިވަރާއެކު މިބާވަތުގެ ޖަމިއްޔާތައް ހިންގުމަށް މިވަނީ ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހިފައި. އެންމެ ބޮޑަށް ދަތިވަނީ އަޅުގަނޑުމެން ގޮވާލީމަ ވެސް ކަންކަން ކުރުމުގައި ބައިވެރިވާނެ މީހުން ނުވުން" މީގެ ކުރިން ދެ ދައުރެއްގެ ރައީސްކަން ވެސް ކުރި އާމިރު ވިދާޅުވިއެވެ.

ހއ. ކެލައަށް ޚާއްސަ ބެރުގެ ކުޅިވަރު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޭވައިއެފް އިން މިހާރު ޖަމިއްޔާގެ އާމްދަނީ އިތުރު ކުރުމަށްޓަކައި އެއް ކޮޓަރީގެ ދެ އެޕާޓްމެންޓު ރަށުގައި އަޅައި ނިންމައި، އެތަން ކުއްޔަށް ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. ޖަމިއްޔާގެ މެމްބަރުންގެ އަތުން ފީ އެެއް ނަގައިގެން ޖަމިއްޔާގެ ހަރަކާތްތައް ހިންގުމަަށް ކޭވައިއެފް އިން ހިޔާލެއް ނުކުރެއެވެ. ސަބަބަކީ ޖަމިއްޔާގެ މެމްބަރުން ހުރިހާ ކަމެއްގައި ބައިވެރިވާއިރު އެމީހުންގެ އަތުން އިތުރު ފީއެއް ނެގުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް އެ ޖަމިއްޔާ އަށް ނުފެންނާތީއެެވެ.

ކޭވައިއެފް އިން އެރަށުގެ ކަނޑޫފަލުގައި އެކިކަހަލަ ގަސްތައް ހިމެނޭހެން ޖުމްލަ 1،000 ގަސް އިންދައި ކަނޑޫފަލުގައި އޮންނަ ޗަކަގަނޑުގައި ޕްލެޓުފޯމެއް އެޅުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މި ޗަކަގަނޑަކީ އެރަށުގެ ޒުވާނުންނާއި ޗުއްޓީ އަންނަ މީހުން ވެސް އެރުމަށް ލޯބިކުރާ ކަނޑޫފަލެކެވެ.

ކެލާ ޔޫތު ފޯރަމްގެ ރައީސް އާމިރު

އާމިރު ވިދާޅުވެފައި ވަނީ ސަރުކާރުތަކުގެ ފަރާތުން މިފަދަ މަދަނީ ޖަމިއްޔާތަކަށް އެންމެ އެދެވޭ އެހީތެރިކަމެއް ނުވެވޭ ކަމަށާއި މިފަދަ ޖަމިއްޔާތަކަށް އަހަރަކު ދޭން އިންނަ 10،000 ރުފިޔާ ވެސް މިހާރު ނުލިބޭ ކަމަށެވެ.

'އަޅުގަނޑުމެން ކަހަލަ މަދަނީ ޖަމިއްޔާތަކަށް 10،000 ރުފިޔާ މުޅި އަހަރު ދުވަހަށް ލިބެނީ. އޭގެން ކުޅިވަރު ދިރުވަން ސާމާނު ގަނެފަ ނޯވޭ އެއްޗެއް. ކޮވިޑް އައި ފަހުން މި ފަންޑުކޮޅު ވެސް އަދި ލިބޭގޮތް ނުވެފަ ވަނީ. މިނިސްޓްރީގައި ވެސް އެކި ކަންކަމުގައި ދެންނެވީމައި ލިބެނީ އެކި ޖަވާބުތައް. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ޔޫތު މިނިސްޓްރީ ތެރެއިން ޖަމިއްޔާތަކުން ކުރާ ހުރިހާކަމެއް ވާން، އެހެން މިނިސްޓްރީތަކަށް ނުގޮސް.“ އާމިރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާކު

    ޖެހީ ޖެހީ ކިޔާ ވަރުގަދަ ފުޓްބޯޅަ ޓީމް އެއްވެސް އޮއްނާނެ ކެލާގައި...

  2. ޢާމިރު

    ވަގުތުގެ ބައިވެރިން ތިޔަކުރައްވާ މަދައްކަތައް ފަށްފަށުން ޝުކޔރު ދަންނަވަން.