މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލު ކުރެވި މިހާރު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

"ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން،" ސްޓެލްކޯ އިން ކުރި ޓުވީޓެއްގައިވެއެވެ.

މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑިފައި ވަނީ މިއަދު 12 ޖަހާކަން ހާއިރުއެވެ. އެނގިފައިވާ ގޮތުގައި ހުޅުމާލެ، މާފަންނު، އަދި ގަލޮޅުގެ އެކި ހިސާބުތަކުގައި ވެސް ކަރަންޓު ނެތެވެ.

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ސްކޫލުތަކަށް ކުދިން ގެންދާ ގަޑިއާ ދިމާކޮށެވެ. އެހެންވެ، މާލޭގެ ބައެއް ލިފްޓުތަކުގައި ކުޑަކުދިން ނުނިކުމެވި ތާށިވެގެން އުޅޭ ކަމަށްވެއެވެ.

އެމްއެންޑީއެފް އިން ބުނީ ކަރަންޓު ދިއުމުގެ ސަބަބުން ހަތަރު އިމާރާތެއްގެ ލިފްޓް ހުއްޓުމުގެ ހާދިސާ ހިނގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން އިމާރާތުގެ ލިފްޓް މިހާރު ހުޅުވައިދީފައިވާ އިރު އަނެއް އިމާރާތުގެ ލިފްޓު ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިހާރު ހުޅުވުމުގެ މަސައްކަތް ކުރަނީ "މާލެ ގްރޭންޑް" ލިފްޓެވެ.

އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދިން ލިފްޓުތައް:

  • މާލެ ގްރޭންޑް
  • ކުރީގެ އާލިއާ ސްކޫލް
  • ވެލާނާގެ
  • މާފަންނު މަދަރުސާ ކައިރީގައި ހުންނަ މޯލްޑިވިއަން އިމާރާތް