ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތަށް ފަހު އޮންލައިންކޮށް ޓިކެޓް ވިއްކުން ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

މާދަމާ ރޭ ފަހުގެ ޗެމްޕިއަން ރާއްޖެއާއި މުބާރާތުގެ އެންމެ ގިނަ ފަހަރު ޗެމްޕިއަންކަން ހޯދި އިންޑިއާ ބައްދަލު ކުރާ މެޗަށް ދިވެހިންނަށް ވިއްކި ތިންހާސް ޓިކެޓު ހަތަރު ގަޑިއިރު ނުވަނީސް ވިކި ހުސްވެފައެވެ.

މި ކަން ފާހަގަ ކުރައްވައި މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިން 12،000 މީހުންނަށް ވަދެވޭ ގަލޮޅު ރަސްމީ ދަނޑަށް މިހާރު ވަދެވޭނީ 5،000 މީހުންނަށް ކަމަށެވެ. އެހެންވީ ދަނޑު ބާވެ ހަލާކުވެގެން ގޮސްގެން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އާ ދަނޑެއް އަޅަން ފައިސާ ވަނީ ހަމަޖެހިފައި،" މަހްލޫފް ލިޔުއްވާފައިވެއެވެ.

މަހްލޫފް ދެން ވިދާޅުވީ ސާފް މުބާރާތަށް ފަހު އޮންލައިންކޮށް ޓިކެޓު ވިއްކުން ކަހަލަ ބައެއް ބަދަލު ގެނެސްދޭން މަސައްކަތް ކުރާނެ ކަމަށެވެ.

"ސާފްއަށް ފަހު އޮންލައިންކޮށް ޓިކެޓު ވިއްކުން ކަހަލަ ބައެއް ބަދަލު ގެނެސްދޭން މަސަައްކަތް ކުރާނަން،" މަހްލޫފް ޓްވީޓްގައިވެއެވެ.

މި ފަހަރު ފަސް ގައުމަކުން މުބާރާތުގައި ވާދަކުރާއިރު، ފުރަތަމަ ގެންދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް އަނެއް ޓީމާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލަށް ވާދަކޮށްގެންނެވެ.

ރާއްޖެއިން ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، އިންޑިއާ ކުޅުނު ތިން މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އޮތް ނޭޕާލް ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވެއެވެ. އަދި ނޭޕާލް ބައްދަލު ކުރާ ބަންގްލަދޭޝް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވެއެވެ.

މާދަމާ ކުޅޭ މެޗުތަކުން މޮޅުވާ ޓީމެއް ފައިނަލްއަށް ދަތުރުކުރުމުގެ ފުރުސަތު އޮތުމުން ލީގު ބުރުގެ ފަހު ދެ މެޗުގެ ފޯރި ވަނީ ގަދަވެފައެވެ. މާދަމާ ކުޅޭ ހަތަރު ޓީމަށް ވެސް ފުރުސަތު އޮތް އިރު، ދެން މުބާރާތުގައި ވާދަކުރާ ލަންކާ ޓީމު ވަނީ މުބާރާތުން ކަޓައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްނި

    އާދަނޑު އަޅަންހުރިފައިިސާ ތަކުން ކަލޭ ބޯޅަކުޅެފިން ދެން ކީއްވެހޭ ފައިސާހަމޖެހިފަހުރިއިރު އެ ހިފަހައްތައި ދަނޑު ނާޅައިގެން ތިޔައުޅެނީ

  2. މަހަށްދޭބަލަ

    އޮންލައިން ކޮށް ޓިކެޓް ވިއްކާ ވާހަކަ ވެސް ދައްކަން އެނގުނީ އެއީ މަހޭ އަށް ދޯ އެއީ މަމެންގެ ތެރޭން ނިކުމެފައި ތިބި މިނިސްޓަރުންނަށް ވުމުން އެމެންނަށް އިނގޭނެއޭ ދެން ވާންވީ ގޮތެއް މިހާރުގެ ޑިޖިޓަލް މިނިސްޓަރޭ ކޮބާތޭ ބަލާ އެއޮށްދަނީ ޑިޖިޓަލޭ ކާރުތެރޭގައި އިންނައިރު ވެސް ލޯބޮޑު ކަޅުއައިނު އަޅައިގެން އޭއި ޑިޖިޓަލޭ ތަމެންނަށް ކިއެއްވެތޭ ސާފްގެ ޓިކެޓް ތައްް ޑިޖިޓަލައިޒްޑް ނުުކުރެވުނީ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށްދޭބަލަ...