ސ. ހިތަދޫ، ވަރުދީގޭ، އަހުސަން ބަޝީރު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ގ. ކޯޒީ، އިބްރާހިމް ޝަހުމްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ވަޅިން ހަމަލާދީ އަހުސަން މަރާލާފައި ވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ މެންދަމު 3:20 އެހައިކަންހާއިރު އަލިކިލެގެފާނުމަގާއި މަޖީދީމަގާ ގުޅުނު ކަންމައްޗާވީ ހިސާބުގައި އޭނާ އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހަކެވެ.

މި މައްސަލާގައި ދައުލަތުން ޝަހުމްގެ އިތުރުން މއ. ވީނަސްތަރި، ހަސަން ޝިމާޒަށް ވެސް ދައުވާ އުފުލާފައިވެއެވެ. އެހެންވިޔަސް މަރުގެ އަދަބު ދެވޭ ވަރަށް ކުށް ސާބިތު ވަނީ ޝަހުމްގެ މައްޗަށް ކަމަށް ހައި ކޯޓުން ނިންމިއެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމީ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށެވެ. ދެން ދައުލަތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީއެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ދެން ތިއްބެވީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު ހުސައިން ޝަހީދެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވެސް ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ކަނޑައެޅިއިރު، މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދެ މީހުންގެ މައްޗަށް އަދަބު ކަނޑައަޅައި ހުކުމް އިއްވުމެވެ.

މިއަދުގެ އަޑުއެހުމުގައި ރިޔާސަތުން ހުކުމް އިއްވަމުން ވިދާޅުވީ، އިސްލާމީ ޝަރީއަތުގައިވާ ގޮތުން "އެއްވެސް ޝައްކެއް ނެތް މިންވަރަށް މަރާލި ކަމުގެ ކުށް ސާބިތުވާތީ" އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާ ކަމަށާއި އަދަބު ދެވެން ބަންދުގައި ބެހެއްޓުމަށް ހުކުމް ކުރާ ކަމަށެވެ.

ޝަހުމް މިހާރު ވެސް ހުރީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖަލު ބަންދުގައެވެ. އެއީ 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ހިންގި މާރާމާރީއެއްގައި ދައުލަތުން ކުރި ނިރުބަވެރިކަމުގެ ކުށް ސާބިތުވި ކަމަށް ކަނޑައަޅައި އިއްވާފައިވާ ހުކުމެކެވެ.

ޝިމާޒުގެ މައްޗަށް ސާބިތުވަނީ މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށް އެކަނި ކަމަށް ރިޔާސަތުން ވިދާޅުވެއެވެ. އެއީ އަހުސަން މަރަން ޝަހުމާއެކު އޭނާ އެއްބަސްވިކަން ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ރިޔާސަތުން ވިދާޅުވިއެވެ.

އެހެންވެގެން ޝަހުމްގެ މައްޗަށް އިއްވީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމުގެ އަދަބެވެ. އެއީ ދައުލަތުން ވެސް އެދިފައިވާ ގޮތަށް އަސާސީ އަދަބު ކަމުގައިވާ 10 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމް ދެ ދަރަޖަ މަތިކޮށް އިއްވާފައިވާ ހުކުމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖަމަލު ފޮޑި

    ތިން މަސް ވީމާ ޕެރޯލްގެ ދަށުން ދޫކޮށްލާ...

    30
  2. މއކ

    ތީތަންފީޒް ކުރާނެ ހުކުމެއް ނޫން. ހުކުމް ކޮއްލުމަކުން އިންސާފް ލިބުނީކީނޫން. ނިކަންތަންފީޒް ކޮއްބަލަ. ކެރޭނެތަ؟!؟

  3. ޙަސަނާ

    އިބްރާހީމަށް ފެނުނީމާ އެއް ދުވަހަށް އަދަބު ލުއިކޮށްފައި އަނެއް ދުވަހު ދޫކޮށްލާނެ. މި ވެރިކަމުގައި މަރުގެ އަދަބެއް ނުދޭނެ. މަރުގެ އަދަބަކީ މި ސަރުކާރު ގަބޫލުކުރާ އަދަބެއް ނޫން. ޕާޓީގެ ބޮޑެތި މީހުން އޮތީ މަރުގެ އަދަބާ ދެކޮޅަށް ވާހަކަދައްކާފައި.

  4. ފަރީސް

    ތިހިން ހުކުމް ކުރޭ، އެކަމް އަމަލުން ނުފެންނާނީ

  5. ދޮންބެ

    އެހެންވެގެން ޝަހުމްގެ މައްޗަށް އިއްވީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމުގެ އަދަބެވެ. އެއީ ދައުލަތުން ވެސް އެދިފައިވާ ގޮތަށް އަސާސީ އަދަބު ކަމުގައިވާ 10 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމް ދެ ދަރަޖަ މަތިކޮށް އިއްވާފައިވާ ހުކުމެކެވެ.

    މީކިހިނެތްވާކަމެތް؟

  6. Anonymous

    "2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ހިންގި މާރާމާރީއެއްގައި ދައުލަތުން ކުރި ނިރުބަވެރިކަމުގެ ކުށް ސާބިތުވި ކަމަށް ކަނޑައަޅައި އިއްވާފައިވާ ހުކުމެކެވެ" ދައުލަތުންވެސް ޓެރަރިޒަމް ހިންގަނީތަ؟

  7. ޙހހހ

    މަރުގެ ހުކުމް މާނަކޮށްދީބަ ، އެއީ ދޫކޮށްލުންތަ!10 އަހަރު ފަހުން އަދި ހައިކޯޓަށް ، އަދި ސްޕްރީމްކޯޓަށް އުމުރުގައި ބާކީއޮއްވާ ދެވޭނެބާ

  8. ޝަރީއަތް

    ކުށް ކުރާ މީހާ އާއި ކުށުގައި އެހީތެރިވާ މީހާ އަށް ލިބެންޖެހޭނީ ހަމަ އެއް އަދަބެއް.ތި މައްސަލައިގަ ހެއްކަކީ ސައިކަލުގައި އިން ދެމީހުން އެގުން.

    ގިވް ޖަސްޓިސް... ދެވަނަ މީހާއައްވެސް މަރުގެ އަދަބު

  9. ބަރުގޮނު

    ޝަރުޢީ ހުރިހާ މަރުޙަލާއެއް ނިމި މަރަށްމަރު ހިފުމަށް އިސްލާމީ ޝަރީޢަތުން ޙުކުމް ކުރުމުން ، އެޙުކުމަށް ބަދަލުގެނައުމުގެ އެއްވެސް އިޚްތިޔާރެއް ވަލިއްޔުލް އަމްރަށް ނުވަތަ ސަރުކާރަށް އޮންނާނެ ބާވައޭ ހިތަށް އަރާ. އެފަދަ އިޚްތިޔާރެއް އޮންނަނަމަ އެއީ ރަގަޅު ގޮތަކަށް އޮންނަ އިޚްތިޔާރެއްތޯ..؟؟ އިސްލާމީ ޝަރީޢަތަށްވުރެ އިންސާނުން ހަދާ ޤާނޫނު މާ މަތީ އެއްޗަކަށް ވަނީތޯ.؟؟ އީޔޫއިން ވެސް ވަނީ މަރަށްމަރު ނުހިފުމަށާއި އަދިވެސް ބައެއް ޙައްދުތަށް ތަންފީޒު ނުކުރުމަށް ދިވެހި ސަރުކާރަށް ހުށަހަޅާފައި...

  10. ޢަލިބެ

    މިދެހުކުމުގެ ތަފާތަކީކޮބައިތޯ؟ މަރަންހުކުމް ކުރިމީހާަވެސް އަދި ޖަލަށްލުމަށްހުކުމް ކުރިމީހާވެސް ހުންނާނީ ޖަލުގަ.

  11. ވަރަށް ދެން

    ހުކުމް ކުރިޔަސް ހުކުމް ތަންފީޒު ނުކުރެވެންޏާ ތި ހުކުމް ގެ އެއްވެސް ބޭނުމެއް ނެތެއްނު. އަޅެ ހެޔޮނުވާނެ އެންމެ މީހަކަށް ވެސް ތި ހުކުމް ތަންފީޒު ކޮށްބަލަ. ލަދެއް ނުގަނޭތަ އިސްލާމީ ގައުމެކޭ ބުނެ ތިކަހަލަ ކުށްވެރިންނަށް ހައްގު އަދަބު ނުދީ ބައިތިއްބަން

  12. ކަފުން

    ދަޅަދެއްކުމަށް މަރުގެއަދަބު ނުދެއްވާ އަންމަބުނީތީ ފަރަށްނުދާށެވެ.