މޯލްޑިވްސް އިންލަންޑް ރެެވެނިއު އޮތޯރިޓީ (މީރާ) އާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރ.އޭ) އާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލްއެވެ. އަދި އެލް.އާރ.އޭގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް، އިބްރާހިމް ރަޝީދު މޫސާއެވެ.

މީރާއިން ބުނީ ސޮއި ކުރެވުނު އެމް.އޯ.ޔޫގެ ދަށުން ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން ސަރވިސް ޗާޖު ނަގާ ފަރާތްތަކުން އެލްއާރްއޭއަށާއި މީރާއަށް ހުށަހަޅަންޖެހޭ ލިއެކިޔުންތައް ދެ އިދާރާއަށް ހުށަހަޅަން ޖެހުމުގެ ބަދަލުގައި ހަމަ އެކަނި މީރާއަށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި، މި އެމްއޯޔޫގެ ދަށުން އެލްއާރްއޭ އަށް ބަލައިގަންނަ ފައިސާތައް މީރާއިން ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން ސަރވިސް ޗާޖު ނަގާ ފަރާތްތަކުން ސަރވިސް ޗާޖާއި ގުޅޭ މައުލޫމާތު ހުށަހެޅުމަށް ހާއްސަ އޮންލައިން ސިސްޓަމެއް މީރާގައި އުފައްދާފައިވެއެވެ. އަދި މިހާރު މި ސިސްޓަމް މެދުވެރިކޮށް ބަލައިގަންނަ މައުލޫމާތު އެލްއާރއޭ އާއި ހިއްސާ ކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުނެއެވެ.