މިއަހަރުގެ ޖެނުއަރީން އޮގަސްޓު މަހާ ހަމަޔަށް 8،003 ގައިދީން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ކަރެކްޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އޮގަސްޓުގެ ނިޔަލަށް، 6366 ގައިދީއަކު ޑޮކްޓަރަށް ދައްކަން އެދިފައިވެއެވެ. އޭގެ ތެރެއިން 6216 ގައިދީއަކު ވަނީ އެކި ބަލިތަކުގައި ޑޮކްޓަރަށް ދައްކާފައެވެ. އެންމެ ގިނައިން ޑޮކްޓަރަށް ދެއްކުމަށް އެދިފައިވަނީ ޖެނުއަރީ މަހުއެވެ. އެއީ 1043 ގައިދީންނެވެ.

އެގޮތުން މިހާތަނަށް ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކަން 1141 ގައިދީއަކު އެދިފައިވެއެވެ. އެއަދަށްވުރެވެސް އިތުރަށް، 1787 ގައިދީއަކު ވަނީ ހާއްސަ ބަލިތަކާ ބެހޭ ޑޮކްޓަރުންނަށް ދައްކާފައެވެ. އެންމެ ގިނައިން ގައިދީން ދައްކާފައިވަނީ އިންޓަނިސްޓް ޑޮކްޓަރުންނަށެވެ. ދެވަނަ އަށް އެންމެ ގިނައިން ދެއްކީ ލޯ ގެ ބަލިތަކާއި ބެހޭ ޑޮކްޓަރުންނަށެވެ. ތިން ވަނައަށް އެންމެ ގިނައިން ގައިދީން ދައްކާފައިވަނީ ނަފްސާނީ ބަލިތަކުގެ ޑޮކްޓަރުންނަށެވެ.

ގައިދީންނަށް ބޭސް ފަރުވާ ދިނުމުގެ ގޮތުން ކަރެކްޝަނުން ވަނީ ޓެލެކޮންސަލްޓޭޝަންގެ ހިދުމަތާއި އާންމު ބަލިތަކުގެ ހާއްސަ ކެމްޕޭނުތަކުގެ އިތުރުން މާފުށީ ޖަލުގައި މެޑިކަލް ސެންޓަރެއް ގާއިމްކޮށް ހިދުމަތްދޭން ފަށާފައެވެ.

ކަރެކްޝަނުގެ މެޑިކަލް ސެންޓަރު 2 އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ޖެނެރަލް އޯޕީީޑީގައި ބަލި މީހުން ބެލުމާއި، އެމެޖެންސީގައި ފަރުވާދިނުމާ، އެކްސްރޭ، ފިޒިއޮތެރަފީ މައިނާ ސާޖަރީ އަދި ޕްލާސްޓަރު އެޅުމުގެ އިތުރުން ބޭސް އެޅުމުގެ ހިދުމަތް ހިމެނެއެވެ.

މާފުށީ ޖަލުގައި ނަފްސާނީ ބަލިތަކުގެ ފަރުވާދޭން ހާއްސަ ޑޮކްޓަރެއް ގެނައުމާއި، ގައިދީންގެ ބޭސްފަރުވާ ކަންތައް ރަނގަޅުކުރަން އައިޖީއެމްއެޗްއާ އެކު އެމްއޯޔޫގައި ސޮއިކޮށްފައިވާ ކަމަށް ކަރެކްޝަނުން މައުލޫމަތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަނިލް

    މާތް ކަލާކޯ، މިވަރަށް ގައިދީން ރާއްޖޭގައި އެބަތިބިތަ އެހެންވެ ދޯ ޖަލުގައި ގައިދީންތައް ގޮތް ނޭގޭ މަރުވަނީ

  2. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    ރާއްޖޭގެ ޖަލު ތަކުގައި ތިބި ގައިދީންގެ އަދަދު ކިހާވަރެއްތޯ؟ 8000 ގައިދީން އެބަތިބިތޯ؟ ގަބޫލުކުރަން ވަރަށްދަތި. މަށަށް ލަފާކުރެވެނީ ތިޔަ ހިސާބު ތިޔަނަގަނީ ޑޮކްޓަރަށް ދައްކާ އަދަދުހެން. ތިޔަ މުއްދަތުގައި އެކަކު 10ފަހަރުވެސް ޑޮކްޓަރަށް ދައްކާފާ އޮވެދާނެ. ހިސާބުންދައްކާގޮތުން އެއީ ތިޔަބަލަނީ 10މީހުން ޑޮކްޓަރަށް ދެއްކިކަމަށް. ޖަލުގައި ތިބި ގައިދީންގެ އަދަދަށްވުރެ ޑޮކްޓަރަށް ދެއްކި އަދަދު ގިނަވަނީ ކިހިނެއްވެގެންތޯ؟ކަރެކްޝަންގެ ހިސާބު ހަދަން ސިކުނޑި ހަމަނުޖެހޭމީހުން ތިބިހެން ހީވަނީ.

  3. އެތާ އުޅޭ ކުއްޖެއްގެ ފަހަރި އެއް.

    ޑޮކްޓަރަށް ދެއްކީމަ ނިމުނީ ދޯ. ޓެސްޓްތައް ހަދާފަ ދެން ނުދެއްކިޔަސް ހެޔޮ؟ ބަލި ޖެހިފަ ހުރެގެން އެތައް ދުވަހެއްގެ ވޭނުގަ އުޅޭ މީހުން އެތާ އެބަތިބި.. އެމީހުން ކުށެއް ކޮށްފަތިއްބަސް ބޭސް ފަރުވާ ކުރުމަކީ އެމީހުންގެ ޙައްގެއް.. އަވަސް ފަރުވާ ލިބެންޖެހޭ... ތި އަދަދު އިތުރު ވުމަކުން ވާނެ އެއްވެސް ކަމެއް ނެތް..