ރ. ކިނަޅޮސް ބަނދަރަށް އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ވަރަށް ނެރު ފުންކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ކިނޮޅަހު ބަނދަރުގެ ނެރުމައްޗާ ދިމާލުން ވަރަށް ބޮޑަށް ވެލި އަރައި ރަށަށް އަރައިފޭބުމަށް ހުރަސްތަކެއް އެޅިފައިވާތީ އެރަށުގެ ރައްޔިތުން ވަނީ މުޒާހަރާ ކޮށްފައެވެ.

އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ފެށިއެވެ.

އެގޮތުން މި ވަގުތު ބަނދަރަށް ވަދެ ނުކުތުމަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމަށް އެމްޓީސީސީން ވަނީ އާދީއްތަ ދުވަހު އެރަށަށް ގޮސްފައެވެ.

އަދި އެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަތަމައް ހިއްސާކުރަމުން އެމްޓީސީސީން ބުނީ ބަނދަރަށް އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ވަރަށް ނެރު ފުންކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށާއި، އިތުރަށް އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ކިނޮޅަސް ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް، މަޝްރޫޢުގެ ޑިޒައިން މަސައްކަތް ނިންމާ ހަވާލުކުރާނެ ފަރާތެެއް ހޯދުމަށް ބީލަން ހުށަހެޅުމަށް ފުރަތަމަ އެމިނިސްޓްރީން ހުޅުވާލީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ކަމަށެވެ.

އެއިއުލާން ކުރުމުގެ ފަހުން ކައުންސިލުން ޑިޒައިނަށް އިތުރު ބަދަލު ގެނައުމަށް އެދުމުން، އެ ބަދަލުތަކާއެކު އަލުން ޑިޒައިން ބަދަލުކުރުމަށްފަހު ބީލަން ހުށަހެޅުނީ ޖުލައި މަހުގެ ތެރޭގައި ކަމަށާއި ނަމަވެސް އެމުއްދަތުގެ ތެރޭގައި ބީލަން ހުށަހެޅި އެއްވެސް ފަރާތަކަށް ބީލަން ކާމިޔާބު ނުކުރެވުނުކަން މިނިސްޓްރާއަށް އެނގިފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން ޑައިރެކްޓް އެވޯޑްގެ އުސޫލުގެ ދަށުން ބިޑަށް ހުޅުވާލުމެއް ނެތި އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.