އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް މުދާ އުފުލުމަށް ދެ ކޮޅުވެއްޓި ގެނެސް އޮޕަރޭޝަންތައް ފަށައިފިއެވެ.

އިންޑޮނޭޝިއާ އިން ގެނައި މި ދެ އުޅަނދުގެ އޮަޕަރޭޝަން މިއަދު ވަނީ ފަށާފައެވެ.

އޭގެ ތެރެއިން "އިތާ" ނަމަކަށް ކިޔާ ކޮޅުވެއްޓިއަކީ 250 މެޓްރިކް ޓަނުގެ، 42.10 މީޓަރު ދިގުކޮޅުވެއްޓިއެކެވެ. މި ކޮޅުވެއްޓީގައި 5000 ބަސްތާ އުފުލުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން ގެނައި ކޮޅުވެއްޓިއަކީ"އައިލަ"އެވެ. އެ ކޮޅުވެއްޓިއަކީ 200 މެޓްރިކް ޓަނުގެ، 37.50 މީޓަރުގެ ދިގުމިނުގެ ކޮޅުވެއްޓިއެކެވެ. މިއީ 4000 ބަސްތާ އުފުލުމުގެ ކެޕޭސިޓީ ހުންނާނެ ކޮޅުވެއްޓިއެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަހީރު ވިދާޅުވީ، މި ދެކޮޅުވެއްޓީގެ ސަބަބުން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓުތަކަށް މުދާ އުފުލުމުގައި އެހެންބަޔަކަށް ބަރޯސާނުވެ ފަސޭހަކަމާއިއެކު މުދާ އުފުލޭނެ ކަމަށެވެ.

އެސްޓީއޯ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ އަބްދުލް ވާހިދް މޫސާ ވިދާޅުވީ، ކޮންމެ އަހަރަކު ލަކުޑި އުޅަނދު ކުއްޔަށް ހިފުމަށާއި ބެލެހެއްޓުމަށް ވަރަށް ބޮޑުހަރަދެއް ހިނގާ ކަމަށާއި، މި ގެނައި ދެ ކޮޅުވެއްޓީގެ ސަބަބުން މިހަރަދު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށެވެ.