އައްޑޫސިޓީން އިތުރު 20 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، މިއަދުގެ 18:00 އާއި ހަމައަށް އެސިޓީން ފައްސިވެފައިވާ 20 މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި 17 މީހަކާއި ދެ ބިދޭސީން ކަމަށެވެ.

އޭގެ ތެރެއިން 12 މީހުންނަކީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވެފައިވާ މީހުންނެވެ. އަދި ފްލޫ ކްލިނިކަށް ދައްކައިގެން ހަތް މީހަކު ފައްސިވެފައިވާއިރު، ވަކި ތަރުތީބެއް ނެތި ނެގި ސުންކުން އެކަކު ވަނީ ފައްސިވެފައެވެ. މި ވޭދަނަތަކުގެ ތެރެއިން 16 ވޭދަނައަކީ ހިތަދޫން ފެނިފައިވާ ވޭދަނައެވެ. އަދި ބާކީ ހަތަރު ވޭދަނައަކީ ފޭދޫން ފެނިފައިވާ ވޭދަނައެވެ.

މިއާއި އެކީ އައްޑޫގައި މިވަގުތު ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 216 އަށް އަރާފައެވެ. އެއީ ހިތަދޫން ފައްސިވެފައިވާ 112 މީހަކާއި މަރަދޫން 16 މީހެއް، މަރަދޫފޭދޫން 26 މީހެއް، ފޭދޫން 60 މީހަކާއި މީދޫން ދެ މީހެކެވެ.

އައްޑޫން މިހާތަނަށް 1،680 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 1،461 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، މި ބަލި ޖެހިގެން އެ ސިޓީން ތިން މީހަކު ވަނީ ނިޔާވެފައެވެ.