އައްޑޫސިޓީން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،600 އަށްވުރެ މައްޗަށް އަރައިފިއެވެ.

އައްޑޫގައި ހުންނަ އިކުއެޓޯރިއަލް ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެސިޓީން މިއަދު އިތުރު 20 މީހަކު ކޮވިޑަށް ފައްސިވެ، ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 1،680 އަށް އަރާފައެވެ.

މިއަދު އެސިޓީން ފައްސިވެފައިވާ 20 މީހުންގެ ތެރޭގައި ހިމެނެނީ ކުރިން ފައްސިވެފައިވާ ގާތުން އެއްތާވި 12 މީހަކާއި ފްލޫ ކްލިނިކަށް ދައްކައިގެން ފައްސިވި ހަތް މީހެއްގެ އިތުރުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުން ފައްސިވެފައިވާ އެކަކެވެ. އެއީ 1 ދިވެހިންނާއި ދެ ބިދޭސީންނެވެ.

އެސިޓީން 1،680 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، މިވަގުތު މި ބައްޔަށް ފައްސިވެފައި ތިބީ 216 މީހަކު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އައްޑޫގެ އަވަށްތަކަށް ބަލާއިރު، މިވަގުތު އެންމެ ގިނަ މީހަކު ކޮވިޑަށް ފައްސިވެފައިވަނީ ހިތަދޫންނެވެ. އެގޮތުން ހިތަދޫގައި މި ބަލި ޖެހިފައިތިބި 112 މީހަކު ތިބިއިރު، ދެން މިބައްޔަށް ފައްސިވެފައިވާ އެންމެ ގިނަ މީހަކު ތިބީ ފޭދޫގައެވެ. އެގޮތުން ފޭދޫގައި 60 މީހަކު ތިބިއިރު، މަރަދޫ ފޭދޫގައި 26، މަރަދޫގައި 16 އަދި މީދޫގައި ދެ މީހަކު އެބަ ތިއްބެވެ.

އައްޑޫން މިހާތަނަށް 1،680 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 1،461 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، މި ބަލި ޖެހިގެން އެ ސިޓީން ތިން މީހަކު ވަނީ ނިޔާވެފައެވެ.