އުފެދުމުގައި ދިމާވާ ސިއްހީ ހާލަތެއް ކަމަށްވާ ސްނައިޕަލް ބިފިޑާ ނުވަތަ ސްޕައިނަލް ޑައިސްރަފިޒަމްގެ ހާލަތު ތަހައްމަލު ކުރަމުން އަންނަ ފުރާވަރުގެ އަހުމަދު ޝައްޔާން ހަލީމް އޭނާގެ ދިރިއުޅުމުގެ ގިނަ ދުވަސްތައް ހޭދަ ކުރީ އެ ބަލީގެ ސަބަބުން ތަހައްމަލްކުރަން ޖެހޭ ވޭނާއި ތަކުލީފުގައެވެ.

(ސްޕައިނަލް ޑައިސްރަފިޒަމް) އަކީ އުފެދުމުގައި ގުދުރަތީ ގޮތުން ސްޕައިނަލް ކޯޑަށް ދިމާވާ ނުކުޅެދުންތެރި ކަމަށް ކިޔާ ނަމެކެވެ.

މާލެ އަށް އުފަން އުމުރުން އެންމެ 16 އަހަރުގެ ޝައްޔާން އަކީ އެންމެ ތުއްތު އިރުން ފެށިގެން މި ބައްޔަށް މެދު ނުކެނޑި ފަރުވާ ހޯދަމުން އަންނަ ކުއްޖަކަށް ވާއިރު އޭނާ އަށް ޝިފާއެއް ހޯދައި ދިނުމުގެ އުންމީދުގައި ތަފާތު އެތައް އޮޕަރޭޝަންތަކެއްވެސް ކޮށްފައިވެއެވެ. ނަމަވެސް 20 ވަރަކަށް އޮޕަރޭޝަންކޮށްގެން ވެސް ޝައްޔާންގެ ހާލަތު ބަދަލުވާ ގޮތެއް ނުވިއެވެ.

އުނަގަނޑުން ތިރިއަށް އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ އިރު އެންމެ ބޮޑަށް އަސަރުކުރީ އޭނާގެ ފަޔަށެވެ. މި ހާލަތުގެ ސަބަބުން ދިމާވި އުނދަގުލާއެކު ދިރިއުޅުން ވޭތުކުރަމުން އައި ޝައްޔާން އަށް 2014 ގައި ކުރިމަތިވި ހާދިސާއެއްގެ ސަބަބުން އިތުރު ތަކުލީފުތަކަކާ ބައްދަލުވިއެވެ. އެ އަހަރުގެ މާޗް މަހު އޭނާ ކުޅެން ގޮސް އުޅެނިކޮށް ޓިނުގަނޑެއްގައި ޖެހި އޭނާގެ ފައި ކަފައިގެން ދިޔުން ވެގެން ދިޔައީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމަކަށެވެ.

އޭގެ ފަހުން ފުންނާބު ހަލާކުވާން މެދުވެރިވި އިރު ޝައްޔާން އަށް ދިމާވެފައިވާ ސްޕައިނަލް ޑައިސްރަފިޒަމްގެ ހާލަތުގެ ސަބަބުން ފާރުގަނޑު ފަސޭހަވުމަށް ހުރަސް އެޅުނެވެ. ސަބަބަކީ އެ ހާލަތުގެ ސަބަބުން އޭނާގެ ނާރުތަކުގެ ބާރު ދަށްވުމެވެ. ޝައްޔާންގެ ފައިގެ ފުންނާބު ވަނީ ފާރުވެ އިންފެކްޓްވެ، އެހިސާބުން ފެށިގެން އޭނާއަށް ހިނގާ ބިނގާވެ އުޅުމަށް ވަނީ ދަތިވެފައެވެ. އަދި ބައެއް ކަހަލަ ޒަރޫރީ ކަންކަން އަމިއްލަ އަށް ކުރަން ވެސް އޭނާ އަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ޝައްޔާންގެ މަންމަ އައިމިނަތު ވަހީދާ "ވަގުތަށް" ކިޔައި ދިން ގޮތުގައި ޝައްޔާން އަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން އޭނާގެ ފައި ބުރިކޮށްލީ މީގެ ތިން މަސް ދުވަސްވަރު ކުރިންނެވެ. މިހާރު އާއިލާ އިން ބޭނުން ވަނީ ޝައްޔާން އަށް މަސްނޫއީ ފަޔެއް ޖަހައިގެން އާދައިގެ ދިރިއުޅުމެއް ވޭތުކުރެވޭނެ ދުވަހެއް މިންވަރުކުރެއްވުމެވެ. ނަމަވެސް އެކަމަށް ބޮޑެތި ޙަރަދުތަކެއް ހޭދަވާ އިރު އާސަންދައިން އެހީތެރިކަމެއް ނުލިބުމުން އެ އާއިލާ ވަނީ އާއްމުންގެ އެހީތެރިކަމަށް ބޭނުންޖެހިފައެވެ.

"ފައި ބުރިކޮށްލާ މިހާރު ފާރުގަނޑުވެސް ރަނގަޅު. މިހާރު ބޭނުންވަނީ ފައި ޖަހަން. އެކަމަކު މިކަމަށް އާސަންދައިން އެހީއެއް ނުލިބޭ. އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް އާއްމުންގެ އެހީއެއް އަޅުގަނޑުމެންނަށް ލިބުމަކީ. ޓިކެޓްވެސް ނަގަން ޖެހެނީ އަމިއްލަ އަށް." އޭނާ ބުންޏެވެ.

ބަލި ހާލަތުގެ ސަބަބުން ތައުލީމީ ހަޔާތުގެ ބޮޑު ބައެއް ދީލާލި ޝައްޔާން އަށް މަސްނޫއީ ފައިޖެހުމުގެ މަރުހަލާ ކާމިޔާބުކަމާއެކު ކަޑައްތު ކުރެވިއްޖެ ނަމަ އޭނާގެ ތައުލީމީ ހުވަފެންތަކާ ދިމާއަށް އަލުން ހިނގައިގަނެވޭނެއެވެ. ތައުލީމަށް ޝައުގުވެރިކަން ހުރި ޝައްޔާންގެ އުންމީދަކީ މި ހާލަތުން އަރައިގަނެ އޭނާ އަށް ރަނގަޅު އިލްމީ ކުރިމަގެއް ލިބުމެވެ.

ޝައްޔާން އާއި ޝައްޔާންގެ އާއިލާއިން އެދެނީ އޭނާ އިންޑިއާއަށް ފަރުވާ ހޯދުމަށް ދިއުމަށް އެހީވެދިނުމަށެވެ.

އެހީތެރިވުމަށް:

އައިމިނަތު ވަހީދާ: 9866445، 9132445

އެކައުންޓް ނަމްބަރު:

އައިމިނަތު ވަހީދާ: 7704161864101.