ވޮއިސް ރިކޮގްނިޝަން ނުވަތަ އަޑު ދެނެގަންނަ، ދައްކާ ވާހަކަތައް ލިޔުމުގެ ގާބިލްކަން ލިބިފައިވާ އެޕްލިކޭޝަނެއް މެދުވެރިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާތައް ލިޔުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ ހުރިހާ މުވައްޒަފުންވެސް ވަރަށްބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރައްވައިފައެވެ. އަދި މިހާރު ޔައުމިއްޔާ ލިޔުމާއި ގުޅޭ ދެ އެޕްލިކޭޝަންއެއްގެ މަސައްކަތް ކުރަމުންދާކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޔައުމިއްޔާ ތަރުޖަމާކުރުމުގެ މަސައްކަތް ކުރާނެ އެޕްލިކޭޝަންއަކާއި ވޮއިސް ރިކޮގްނިޝަން މެދުވެރިކޮށް ޔައުމިއްޔާ ލިޔާނެ އެޕްލިކޭޝަން އެއްގެ މަސައްކަތް ހިމެނޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ވޮއިސް ރިކޮގްނިޝަން އެޕްލިކޭޝަނެއް ތަރައްގީކުރުމަށް ބަޔަކާ އެކުގައި މަސައްކަތް ކުރަމުން މިދަނީ. އެހެންނަމަވެސް އެ މަސައްކަތަށް ދުވަސް ނަގާނެ. ހަމައެއާއެކު ޔައުމިއްޔާ ތަރުޖަމާ ކުރުމަށް ޓްރާންސްލޭޝަން އެޕްލިކޭޝަން އެއްގެ މަސައްކަތްވެސް ކުރިއަށް އެބަދޭ." އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު މަޖިލީހުގެ ޖަލްސާ އާއި ކޮމިޓީގެ ޔައުމިއްޔާތައް ބަލަހައްޓަނީ އިދާރީ މުވައްޒަފުން މެދުވެރިކޮށް ވަކިވަކިން ހުރިހާ ލިޔެކިޔުންތަކެއް ލިޔެގެންނެވެ. އެ ޔައުމިއްޔާތައް މަޖިލީހުގެ ވެބްސައިޓް މެދުވެރިކޮށް އާއްމުންނަށް ފެންނަ ގޮތަށް ޝާއިއުކޮށްފައި ހުރެއެވެ.

ނަޝީދު ވަނީ މަޖިލީހާއި ވެސްޓް މިނިސްޓަރ ފައުންޑޭޝަން ފޯ ޑިމޮކްރަސީ އާއި ގުޅިގެން ހިންގާ ޕްރޮޖެކްޓާއި، ލޮކްސަބަރ އާއި ގުޅިގެން ހިންގާ ޕްރޮޖެކްތެއް، ޔޫރަޕިއަން ޔޫނިއަން އާއި އެކު ހިންގާ ޕްރޮޖެކްޓެއްގެ އިތުރުން ސްރީލަންކާގެ ޕާލިމެންޓާއި އެކު މަޖިލީހުން ހިންގާ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.

ނަޝީދު ފަސް މަހެއްހާ ދުވަސް ފަހުން ރާއްޖެ ވަޑައިގެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ފަށާފައި ވަނީ މޭއި ހަ ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަން އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހުގައެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ ރާއްޖެ އަށް ވަޑައިގަންނަވާނީ އެ ހަމަލާ ދިން ބަޔަކު ހޯދުމުން ކަމަށާއި އެހެން ނޫންނަމަ ރާއްޖެ ވަޑައިގަތުމަކީ ރައްކާތެރިކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ނަޝީދު ވަނީ އޭރު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސދު

    ތިޔަ ފެންވަރުގެ ވޮއިސް ރެކޮނިޝަން އެޕެއް ހެދިފައިހުރީ ކޮންތާކުތޯ!!!

  2. ޑޮންޑޮންކަތީބު

    ޔައުމިއްޔާ ލިޔަން ދެ އެޕްލިކޭޝަނެއް.... ތީދޯ މިގައުމުގަ ނުވެއޮތް ކަމަކި ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް