މާލެއިން ލިބިފައިވާ ބިންކޮޅު ސަރުކާރަށް ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއު އާއި ގުޅޭ ކަންކަން ކުރުމުގައި މި ވަގުތު ހުންނެވީ އަތް ބަނދެވިފައި ކަމަށާއި މި ވަގުތު އެ މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް އަސްލަމް ހާޒިރުކޮށް އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި، ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ "ވެށި ފަހި މާލެ" ފަދައިން މާލެއިން ލިބިފައިވާ ބިން ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް ހިންގުމަކީ އެމްޑީޕީގެ ވައުދަކަށް ވާއިރު މި ސަރުކާރުން އެފަދަ ކަމެއް ހިންގަން ނިންމާފައިވޭތޯ އަދި ނިންމާފައިވާ ނަމަ އެ މަސައްކަތް ރޭވިފައިވާ ގޮތަކީ ކޮބާތޯ ސުވާލުކުރައްވާފައެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދުގެ ނަޝީދުގެ ވެރިކަމުގައި "ވެށި ފަހި މާލެ"ގެ ނަމުގައި ކުރިއަށް ދިޔަ އެ މަޝްރޫއުގެ ތެރެއިން މާލެއިން ލިބިފައިވާ ބިންކޮޅު ސަރުކާރަށް ދޫކޮށްލި ބައެއް މީހުންނަށް ހުޅުމާލެއިން ގޯތި ދީފައިވެއެވެ. އެހެންނަމަވެސް އޭގެ ތެރޭގައި ގޯތި ނުލިބޭ މީހުން އަދިވެސް އެބަތިބި ކަމަށް އެމްޑީޕީގެ ފަރާތުން ވަކާލާތުކުރަމުން ދާއިރު އެ ފަރާތްތަކަށް އެތަން ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިންވެސް އަސްލަމް ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

ހަސަން ލަތީފުގެ ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ އޭސީސީއިން އެކަމާއި ގުޅުން ހުރި ބައެއް ކަންކަން ބައްލަވާތީ އެ މަޝްރޫއު އާއި ގުޅުން ހުރި ކަންކަން ކުރިއަށް ނުގެންދެވުމަށް ރައީސް އޮފީސް މެދުވެރިކޮށް އަންގަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ބިން ދޫކޮށްލި ފަރާތްތަކަށް ފްލެޓް ލިބެންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންނަމަވެސް އޭނާ ވެސް މަސައްކަތް ކުރަން ޖެހެނީ ރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް ކަމަށް ވުމުން މިވަގުތު އަތް ބަނދެވިފައިވާ ކަމަށެވެ.

"މާލެއިން ބިން ދޫކޮށްފައި ތަނެއް ދިނުމުގެ ވިސްނުން އޮތީ ގުޅީފަޅުގައި އަޅުގަނޑުމެން ހިއްކާ ހިއްކުމާއި އެކީގައި އަންނަ 1200 ލޮޓެއްގެ ވާހަކަ. އެއާއި ގުޅުވާފައި ވެށިފަހި ޒާތުގެ ޕްރޮގްރާމެއް ހިންގާނީ." އޭނާ ވިދާޅުވިއެވެ.

މާލެއިން ކުޑަ ބިންކޮޅެއް ލިބިފައިވާ މީހުން އެ ބިންކޮޅު ސަރުކާރަށް ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް މި އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ މާރޗް މަހުގެ ތެރޭގައި ވިދާޅުވެފައެވެ. ރައީސް ވަނީ ބޯހިޔާވަހިކަމަށް ހާއްސަ ދެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި އޭގެ ތެރެއިން އެއް މަޝްރޫއަކީ ލޯން މަޝްރޫއެއް ކަމަށް ވިދާޅުވެފައެވެ. އަނެއް މަޝްރޫއަކީ މާލެއިން ކުޑަ ބިންކޮޅެއް ލިބިފައިވާ މީހުން އެ ބިންކޮޅު ސަރުކާރަށް ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މާބޮޑު ތަފްސީލަކެއް ރައީސް ހާމައެއް ނުކުރައްވައެވެ.

މާލެ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓް އެޅުމަކީ މި ސަރުކާރުގ ރިޔާސީ ވައުދަކަށްވީ ނަމަވެސް މި ދައުރުގެ ތެރޭގައި 15،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިހާރުވެސް 1،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށި ފައުންޑޭޝަންގެ މަސައްކަތް ނިމިފައިވާއިރު އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެމްބީސީސީއާއެކު އެގްރިމަންޓް ކޮށްފައިވާ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަން ރީނދޫ

    ރާފުޅިން އަތް ދޫކޮށްލާފައި ،ދެން ނޯވޭ އެއްކަމެއް ވެސް ކުރާނެ ވަގުތެއް.

  2. އާދަންބެ

    ގޭ ދޫކުރާ ވާހަކަ ބުނާއިރަށް 90 އަކަފޫޓުގެ ތަންތަން ކޮޅު 10 ކުދިންގެ ނަންމައްޗަށް ރަޖިސްޓްރީކޮށް ކޮންމެ ކުއްޖަކަށް ގޯއްޗެއް ހޯދާފަ އެބަހުރި ކުރިންވެސް.

  3. ޙހހހ

    އަތެއް ފާވެސް ބަންނަންވީ ، ނަޝީދުވެރިކަމުގައިވެސް މަނިކުފާނު ތިކަން ކޮށްފައި އޮތީ ކިހިނެއްތޯ ، މާލޭގައި ކުދިން ބިންކޮޅު ތިބި މީހުން ދައުލަތަށް ބިން ދިނީމަ ހުޅުމާލެއިން އެމީހުން ބިން ދިނީ ، މިއަދު ބައްލަވާ މާލެއިން ދުކޮށްލިބިންވެސް. ހުޅުމާލެބިންވެސް ހަމަ އެމީހުން އަތުގައި ، އަދި ތިބީވެސް އެމް. ޑީ.ޕީ މީހުން ، މިކަން ސާފްކޮށްދީބަލަ

  4. ހާލަތު

    ކާކުހޭ ބުނީ ނުދާށޭ، ލ.ގަމުންވެސް މިދޭތެރެއަކުން ގޯތީ ދީފި އެހެން ރަށްރަށުން އެރަށުގަ ވަޒަންވެރިވާން ބޭނުން ފަރާތްތަކަށް ކެޓަގަރީއެއް ހާއްްސަކޮށްގެން، ހއ ދިއްދޫއިންވެސް ރޯހައުސް ދޫކޮށްފި އެގޮތަށް.. މާލެއަށޭ އައްޑޫއަށޭ ނަންނުކިޔަސް އެއީ ހުރިހާ ދިވެހިންނަށް އާންމުކޮށް ހުޅުވާލާފަ އޮތް ފުރުސަތުތަކެއް.. މާލޭ މީހުންގެ ކިތަށްބިން އެބައޮތް އަތޮޅުތަކުގަ؟ ހދ ހަނިމާދޫބަލާ ލ.ގަން ބަލާ.. އޮޅުވާލަން ނޫޅުއްވާ ފުރުސަތު ނެތީއެއް ނޫން ދާން ބޭނުން ނުވަނީ..

  5. ޢިޔާބު

    ހުސްދޮގު ވައުދު. ދެން ކިޔާ ދެއަތާ ދެފަޔާ ބަނދެވުނީއޭ

    10
  6. އަބްދޫ

    މާލެ އިން 600 އަކފޫޓް ނުވަތަ އެހެން އަދަދެއްގެ އަކަފޫޓް ބިމެއްދޫކޮޑްލީމަ ހުޅުމާލެއިން 2000 ނުވަތަ 1500 އަކަފޫޓް ހިލޭ ބިންދިނުމަކީ ވަކިބަޔަކަށް ނަޖާ އިޒް ފައިދާހޯދާދިނުމާއި އަލިއްލަ ނަޖައިޒް ސަޕޯޓް ގަތުމަށް ކުރެވޭ ކަމެއްކަމަށް ބެލެވިދާނެ. ހުޅުމާލެ އެކޭ މާލެ އެކެ ތަފާތެއްނެތް. އޭނަދޫކުރަނި 600 އަކަފޫޓްނަމަ 600 އަކަފޫޓް ހުޅުމާލެއިން ދޫކުރެވިދާނެ އެ 600 އަކަފޫޓާއެކު 1500 އަކަފޫޓްގެ ބިން ދޫކުރާނަމަ އިތުރުވާ 900 އަކަފޫޓަށް ބިމުގެ އަގު ލިބެންވާނެ. މާލޭގެ ބިމަކީ ބަންޑާރަ ބިމެއްނަމަ 1500 އަކަފޫޓަށް ވެސް ފައިސާ ލިބެންވާނެ. މިނޫންގޮތަކަށް ހުޅުމާލެ އިން ދުކޮށްފަ މިހާރު ހުރި ބިންތަކުގެ މައްސަލަވެސް ބެލެން ވާނެ. ދަވްލަތުންއެތައްރައްޔިތުންގެ ބޮލުގަ ދަރަނިއަޅުވާފަ ބިންހިއްކާފަ ރައްޔިތުންގެ ޖިއެސްޓީން ފައިސާދައްކާފަ ވަކިބަޔަކަށް ހުޅުމާލެއިން ހިލޭ ބިންދުލެއްނުކުރެވޭނެ .

  7. އަހުމަދު

    ދެއަތް ބަނދެވި ދެލޮލަށް މިރުސް އެޅިފައި ހުއްޓަސް މަޤާމުގައިހުރެގެން ރައްޔިތުންނަށް ދޯކާދޭންޖެހޭތަ