އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯ ޑރ.މުހައްމަދު ސޯލިހު އެހެން ކްލިނިކެއްގައި މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.

އެ ތުހުމަތުތައް ކުރެއްވީ ފޭދު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިހާދުއެވެ. އޭއައިއެޗް ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކޮށް ހޮސްޕިޓަލްގެ މެނޭޖަރުކަމުގެ މަގާމަށް ޑރ.ސޯލިހު، އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ނިހާދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ސީއީއޯއާ ބައްދަލުކުރަން ގުޅުއްވާލުމުން ފޯނަށް ޖަވާބު ދެއްވާ ފަރާތުން ވިދާޅުވަނީ ސޯލިހު، ބަލި މީހުން ބަލަމުން ގެންދަވަނީ އަމިއްލަ ކްލިނިކެއް ކަމަށްވާ މެޑިކާގައި ކަމަށެވެ. ސީއީއޯއަށް އައްޔަންކުރެއްވުމުގެ ކުރިންވެސް ސޯލިހު ވަނީ މެޑިކާގައި ސާޖަންއެއްގެ މަގާމާއި، މެނޭޖިން ޑިރެކްޓާ އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

މުސާރައާއި ބޮޑެތި އިނާޔަތް ލިބިލައްވާއިރުވެސް ސޯލިހަށް އޭއީއެޗް ރަނގަޅަށް ނުހިންގޭ ކަމަށް ވިދާޅުވެ ނިހާދު ފާޑުވިދާޅުވިއެވެ.

"އެއްލައްކަ ރުފިޔާގެ މުސާރަ، ގެޔާއި ސެކްރެޓްރީ، ބޮޑެތި އިނާޔަތްދިފައި ބެހެއްޓީ އެއީއެޗް ހިންގުވަން. އެކަމަކު ކުރައްވަނީ އެހެން ކަމެއް" ނިހާދުގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ސޯލިހު، މަގާމަށް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރުންގެ ނައިބުންނާއި އެއް ފެންވަރެއްގައެވެ. ނަމަވެސް މުސާރައާ އިނާޔަތްތަކާއި އެކު މަހު މުސާރައެއްގެ ގޮތުގައި 110،000 ލިބިވަޑައިގަންނަވައެވެ. އޭނާގެ މަހު މުސާރައަކީ 50،000އެވެ. އެކޮމޮޑޭޝަން އެލަވެންސްގެ ގޮތުގައި 15،000 އަދި އެހެނިހެން އެލަވެންސްގެ ގޮތުގައި 45،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ މުސާރައަށްވުރެވެސް ބޮޑު މުސާރައެކެވެ.

ސޯލިހަކީ މޯލްޑިވްސް އެންޓި ޑޯޕިން އެސޯސިއޭޝަންގެ ރައީސްއެވެ. މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އާއި، މޯލްޑިވްސް އޯތޯޕީޑިކް އެސޯސިއޭޝަން އަދި މޯލްޑިވިއަން މެޑިކަލް ސްޓޫޑެންޓްސް އެސޯސިއޭޝަންގެ އެއް ބާނީންގެ ތެރޭގައިވެސް ސޯލިހު ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރބރ

    އަދި ތިދެއްވާ މުސާރަ ކުޑައީ 1 މިލިޔަން ލިބޭގޮތް ހަށްދަވާ ދެއްވާ އެވަރުންވެސް ހިތެއް ނުފުރޭނެ

  2. ބައްސާމް

    ދައުލަތުގައި ފައިސާނެތިގެން ސިވިލްސަރވިސް ގެ އިދާރީ ދަށްފަންތީގެ މުވައްޒަފުންނަށް އެންމެ 6000 ރ އެވެ. އަނބިދަރިންނާ ފިރިދަރިން ގެ ހުރިހާ ޚަރަދެއް ކުރަންޖެހެނީ އެއިންނެވެ. އަދި ގެދޮރުއަޅަން ޖެހެނީވެސް ހަމަ އެފައިސާ ކޮޅުންނެވެ. މިއީ އިންސާފުހެއްޔެވެ. އަބުރުވެރި ދިރިއުޅުމެއް އުޅެން ޖެހެނީ ހަމަ އެއްބައެއްހެއްޔެވެެ.؟ ޓީޗަރުންނާ ނަރުހުންނަށް މިހާރުވެސް ރަނގަޅު މުސާރައެއް ލިބެއެވެ. އެކަމަކުވެސް އެމީހުންނަށް މުސާރަ ބޮޑުކޮށްދޭ ވާހަކަ ރައީސް ވިދާޅުވިއިރު ސިވިލްސަރވިސްގެ އެހެން މުވައްޒަފުންނަށް އަބުރުވެރި އުފާވެރި ދިރިއުޅުން އުޅެން ނުޖެހެނީހެއްެޔެވެ؟

    16
  3. ޗޮކުން

    ތީނޫންތޯ މުޅި ގައުމު ހިނގަމުންއަންނަ ގޮތަކީ. ޒިންމާ އަދާ ނުކުރާއިރުވެސް ވަޒީފާގައި. މިއީ ކޮރަޕްޝަން ނޫންތޯ. ކޮބާތޯ މޮނިޓަރިންގް އޮތޯރިޓީތައް

    12
  4. އަބުދުﷲ

    މިކަމުން އެބަ އެނގޭ މުސާރައޭ ކިޔާފަ ދައުލަތުގެ މުޅި އާމްދަނީ ބަޔަކު ކަމުން ދިޔަޔަސް އޭއީ ކަމެއްކުރާ ކުރެވޭ ކަމެއް ނޫންކަން . ނުހައްގު މުސާރައިގެ ނިޒާމުގެ ސަބަބުން ދަހިވެތިކަން އިތުރުވުން ފިޔަވާ ވާކަމެއް ނެތްކަން.

    12
  5. ހުސޭނުބޭ

    އެހާ މުސާރަ ކުޑަވީމާ މަސައްކަތްނުކުރެވެނީ. އަދި އިތުރު އެއްލައްކަ ރުފިޔާ ދެއްވާ!

  6. ޙެހެހެ

    ނިހާދު ބަލަ ސޯލިހަކީ މަޖްލީސް ނައިބު ރައީސް ގެ ފިރިމީހާގެ ޅިޔަނޭ . ޢެމީހުންގެ ވެރިކަމެކޭމީ. ޢެހެން ވެރިކަންތަކުގަވެސް ކަންހިގަނީ މިގޮތަށޭ. ސޯލިހަކީ ޑޮކްޓަރެއް އެހެން ކުލިނިކުގަވެސް ބެލޭނެ. h

  7. ހ. ހުސައިން

    ސަރުކާރު ހިންގާ ޕާޓީ ބަދަލުވިއެއްކަމަކު ތިއިންކަމެއް ބަދަލެއް ނުވާނެ. އެންމެ ބޮޑަށްވެސް ވާނެކަމަކީ ތިޔަ އިނާޔަތް ލިބޭފަރާތް ބަދަލުވުން. އެހެންވީމާ، އިހުލާސްތެރިކަމޭ، ހަމަހަމަކަމޭ އިންސާފޭ ކިޔާ ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނުފެނޭ. މީގަ އޮތް ހަމައެކަނި ގޮތަކީ އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރުން.

  8. ސޭޑް މޯޑް

    މިހާރުން މިހާރަށް ބޭރުކުރަން ޖެހޭ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ޙާލަތު ވަރަށް ދަށް. ހަމަ ދަންނަވާލަން ބޭނުންވަނީ ސަރުކާރުތަކުން އަހަރެމެން ކަހަލަ އެކްޓިވްސްޓުންނާއި ނާޤާބިލު މީހުންނަށް ވަޒީފާ ދިނުން ހުއްޓާލާފަ ކަންކަން ކުރެވޭ މީހުންނަށް ވަޒިފާ ދޭށޭ. އެހެން ނޫން ނަމަ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި އިންތިހާބުން ޕާޓީތައް ބަލިވެދާނެ