ގދ. މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭގެ ކޮންޓްރެކްޓްގެ އެއްބަސްވުމުގައި އަންނަ ހަފްތާގައި ސޮއިކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގދ. މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އަށް ދިމާވި މައްސަލަ ހައްލުކޮށް އެ ކޯޒްވޭ އަލުން ހަދަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ. މިއަދު މިނިސްޓަރ އަސްލަމް މަޖިލީހަށް ހާޒިރުކުރުމުން މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ އެ މަސައްކަތުގެ އަދާހަމަތަކާއި މެދު ސުވާލުކުރައްވާފައެވެ.

ފިރުޝާންގެ ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވަނީ އެ މަސައްކަތުގެ ޓެންޑަރ މަރުހަލާ ނިމިފައިވާ ކަމަށާއި ދެން އޮތީ ޕްރޮޖެކްޓު ބަޔަކާއި ހަވާލުކޮށް، ކޮންޓްރެކްޓަރުންނާއި އެކު ސޮއިކުރުމުގެ މަރުހަލާ ކަމަށް ވިދާޅުވެފައެވެ.

"ޓެންޑަރ ޕްރޮސެސް ވަނީ ނިމިފައި. ކޮންޓްރެކްޓްގައި ސޮއިކުރުމަށް ތައްޔާރުވެގެން މިހާރު މިތިބީ. އަޅުގަނޑު ރާއްޖެއިން ބޭރުގައި ހުއްޓާ ޓެންޑަރ ޕްރޮސެސް ނިމުނީ. ހުއްދަ ލިބުމާއި އެކު އެ މަސައްކަތް ކުރަންޖެހިފައި މިއޮތީ. ހިތް އޮތީ އަންނަ ހަފްތާގައި ސޮއިކުރާނަމޭ." މިނިސްޓަރ ވިދާޅުވިއެވެ.
.
ކޯޒްވޭގެ މަސައްކަތް އަލުން ކުރާ އިރު މިހާރު ދިމާވެފައިވާ ރާޅު އެޅުމުގެ މައްސަލަ އަށް ވެސް ހައްލެއް އަންނާނެ ކަމަށް ޕްލޭނިން ނިނިސްޓްރީން ވިދާޅުވެއެވެ. ކޯޒްވޭގެ މަސައްކަތް ކުރަނީ އާ ޑިޒައިނަކަށް ކަމަށް ޕްލޭނިން މިނިސްޓްރީ އިން ވިދާޅުވެފައިވެއެވެ.

މިހާރުގެ ކޯޒްވޭ އެއްކޮށް ބަދަލުކުރަން ނިންމާފައި ވާއިރު އެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ފެންބޮޑުވުމުގެ ފުރުސަތު ކުޑަ ޑިޒައިނަކަށް ކަމަށް އެ މިނިސްޓްރީ އިން ފާހަގަކުރައްވައެވެ.

މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭއާ މެދު އެ ދެ ރަށުގެ ކައުންސިލްގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ. މި މައްސަލަ މީގެ ކުރިން ވެސް މަޖިލީހުގައި މަޑަވެލީ ދާއިރާގެ މެމްބަރު ފިރުޝާން ވަނީ މަޖިލީހުގައި ތަކުރާރުކޮށް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އެ ކޯޒްވޭ ވަނީ ދަތުރު ނުކުރެވޭ ވަރަށް ކަނޑާލާފައެވެ. އެއް ފަޅެއްގައި ގުޅިފައި އޮންނަ މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ހަދާފައިވާ ކޯޒްވޭ ކަނޑާލީ ކޮން ބައެއް ކަމެއް އަދި ސާފު ނުވެއެވެ. އެ ކޯޒްވޭގެ ސަބަބުން ހޯނޑެއްދު އަށް ގެއްލުންވާތީ އެތަން ނަގާދިނުމަށް ހޯނޑެއްދޫ ކައުންސިލުން ވަނީ މީގެ ކުރިން ޕްލޭނިން މިނިސްޓްރީގައި އެދިފައެވެ.

ކޯޒްވޭގެ މަސައްކަތް ފުރަތަމަ ފެށީ 2016 ވަނަ އަހަރެވެ. ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި އެ ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު ހުންނަ އިރު ފުޅާމިނުގައި ހަތް މީޓަރު ހުންނާނެއެވެ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅައިލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށް ވެސް ހިމެނޭ ގޮތަށެވެ. އެ ކޯޒްވޭގެ ސަބަބުން އެ ދެ ރަށަށް ލިބޭ ގެއްލުންތައް މަޖިލީހުން ފާސްކުރި ރިޕޯޓެއްގައި ވެސް ވަނީ ފާހަގަކޮށްފައެވެ.