ހިއުމަން ރައިޓްސް ކޮމިޝަންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓުދެއްވީ އެންމެ ހަތަރު މެމްބަރުންނެވެ. އެ މައްސަލަ ބައިގަންނަން ނުފެންނަ ކަމަށް 36 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވަނީ އެޗްއާރުސީއެމްގެ ބައެއް މެމްބަރުން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްލާނެ ކަމުގެ ބިރުދައްކަމުންދާކަމަށް ތުހުމަތުކޮށްފައެވެ. އެއާއި އެކު ވަޒީފާގެ ބިރުވެރިކަން އެތަނުގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ 84 މައްސަލަ އެއް ފާހަގަވެ ބައެއް މުވައްޒަފުން އެކަންކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މުވައްޒަފުންނަށް އިތުރު ފުރައްސާރަ އާއި ހަނގާކުރުމާއި ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ހިސާބުން ބައެއް މުވައްޒަފުން ވަޒީފާއިން އިސްތިއުފާދީފައި ވާއިރު، ބައެއް މުވައްޒަފުންނާއި މެމްބަރުންނާއި މެދު ޒާތީ މައްސަލަތައް ޖެހިފައިވާ ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މި ވަގުތު އެޗްއާރުސީއެމްގައި މިނިވަން މުއައްސަސާއެއްގެ ޒިންމާ އަދާކުރުމަށް ބުރަވާ ވަރަށް އެތަނުގެ މައްސަލަތައް ބޮއްސުންލާފައިވާ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން މެމްބަރުންނާއި މުވައްޒަފުންނާއި މެދު ޖެހިފައިވާ މައްސަލަ ބަލާ މުވައްޒަފުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ހޯދައިދިނުމަށް އެ މައްސަލައިގައި ގޮވާލާފައިވެއެވެ. މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ވެސް އެ މައްސަލައިގައި ވަނީ ގޮވާލާފައެވެ.

މި މައްސަލަ މަޖިލީހަށް ބަލައި ނުގަތް ނަމަވެސް ރައީސް ނަޝީދު ވަނީ އެއްވެސް ބައެއްގެ ހައްގެއް ގެއްލޭނަމަ އެފަދަ މައްސަލަތައް މަޖިލީހުގެ ތެރެއިން ބެލޭނެ ނިޒާމް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އެޗްއާރުސީއެމް އަކީ މިނިވަން މުއައްސަސާއަަކަށް ވުމާއި އެކު އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހަޅުއްވައިގެން ކުރިއަށްދެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.