ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެއާ އިންޑިއާ ކުޅޭ މެޗަށް ދިވެހި ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ޖަލްސާވެސް ގައުމީ ޓީމް ޖޯޒީގައި ކުރިއަށް ގެންގޮސްފިއެވެ.

ހެނދުނު ކުރިއަށް ދިޔަ ހަތަރު ވަނަ ދައުރުގެ 22 ވަނަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއެވެ. މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަދި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުން ތިއްބެވީ ގައުމީ ޓީމުގެ ޖޯޒީ ލައިގެންނެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ސިޓީ ކައުންސިލްގައި ބިދޭސީންގެ އަދަދު މަދުކޮށް ދިވެހި މުވައްޒަފުން އިތުރުކުރުމާއި މާލޭގެ ވިޔަފާރިތައް ފުޅާކުރުމާއި ގުޅޭ ގޮތުންނެވެ.

ސީޓީ ކައުންސިލުން ގައުމީ ޓީމަށް ހިތްވަރު ދެއްވާފައިވާއިރު ޔޫތް މިނިސްޓްރީއާ އާއި އުރީދޫ އާއި ގުޅިގެން މިރޭގެ މެެޗް ކާނިވަލުގެ ބޮޑު ސްކްރީންގައި ދެއްކުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މެޗް ބެލޭނެ އިންތިޒާމް ސިޓީ ކައުންސިލުން ހަމަޖެއްސީ ޓިކެޓްގެ ތާށިކަމާ ހެދި ބައެއް ފަރާތްތަކަށް ޓިކެޓް ހޯދަން އުނދަގޫތައް ކުރިމަތިވާތީއެވެ.

ގައުމީ ފުޓްބޯޅަ ޓީމް ކުޅޭ ކޮންމެ ފަހަރަކުވެސް ޓީމަށް ތާއިދު ކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުން މެޗް އޮންނަ ދުވަހު ޑިއުޓީއަށް ނިކުންނަނީ ގައުމީ ޖޯޒީގައެވެ.