ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެ ވާދަކުރާ ފުޓްބޯޅަ މެޗް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ބެލޭނެ އިންތިޒާމް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަމަޖައްސައިފިއެވެ.

ރާއްޖެ ކުޅޭ މެޗު ބޮޑު ސްކްރީންގައި ބެލޭނެ އިންތިޒާމު ހަމަޖެއްސީ ހިޔާ ފްލެޓުގެ އެޗް އަށަކާ ދިމާލަށް އޮންނަ ހުސް ޖާގައިގައެވެ.

އެ ސަރަހައްދުގައި ސްކްރީން ބަހައްޓާފައި މިވަނީ އެތަނުގައި ގިނަ އަދަދެއްގެ ކުނި ޖަމާވެ ހިޔާގައި ދިރިއުޅޭ މީހުންނަށް ދަތިތައް ދިމާވާތީވެ އެތަން ސާފު ކުރުމަށް ފަހުގައެވެ.

ރާއްޖެ ކުޅޭ މެޗް ހުޅުމާލޭގެ ފެސް އެކެއްގެ އިތުރުން މާލޭގައިވެސް ބޮޑު ސްކްރީންގައި ބެލޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. މާލޭގައި މެޗް ދައްކާނީ ކާނިވާ ސަރަހައްދުގައެވެ. އެހެން ފަހަރުތަކާއި ހިލާފަށް މި ފަހަރު ޓިކެޓް ލިބުމުގައި ތާށިތަކެއް ވަނީ ދިމާވެފައެވެ.

ރާއްޖެއަކީ އެންމެފަހުން 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމްކަމަށް ވާއިރު އެފަހަރު ރާއްޖެ ތަށި ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ. އޭގެކުރިން 2008 ގައި ވެސް ރާއްޖެ ތަށި އުފުލާލީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ. އެހެންކަމުން މިރޭގެ މެޗަކީ އެ މެޗަކަށް ގިނަ ބަޔަކު ޝައުގުވެރިވާ މެޗެކެވެ.

ރާއްޖެ އާއި އިންޑިއާ މިހާތަނަށް މާލޭގައި ތިން ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. މީގެތެރެއިން އިންޑިއާ މޮޅުވީ އެއް ފަހަރެވެ. އެއީ 2008 ގެ ސާފް ޗެމްޕިއަންޝިޕުގައެވެ.

ދެ ޓީމުގެ ވާދަވެރިކަމަށް ބަލާ އިރު އިންޑިއާ އިން ވަނީ ނުވަ ފަހަރު ރާއްޖެ ބަލިކޮށްފައެވެ. ރާއްޖެ އަށް އިންޑިއާ ބަލި ކުރެވުނީ އެންމެ ތިން ފަހަރެވެ. ދެ ޓީމު އެއްވަރުވީ އެންމެ މެޗެއްގައެވެ.