ވައްކަމުގެ މައްސަލައެއްގައި ހައި ކޯޓުން މީހެއްގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަނިކޮށް އެމީހާ ހައި ކޯޓުން އިއްޔެ ފިލައިފިއެވެ.

ވައްކަމުގެ މައްސަލަ ސާބިތުވެގެން ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލީ މއ. ވިއަވަތި ޝިނާހް އާމިރެވެ.

ޑިސެމްބަރު 29، 2013 ގައި މާލޭގެ ގެއަކަށް ވަދެ ކަބަޑެއްގެ ތެރޭގައި ހުރި 170،000ރ. އާއި 10،000 ތައިލެންޑް ބާތު އަދި ސޮނީ ބްރޭންޑުގެ ކެމެރާއެއް ވަގަށް ނެގި މައްސަލައިގައި ޝިނާހްގެ އިތުރުން ތ. މަޑިފުށި، އެދުރުގެ ޝައްފާން ލުތުފީގެ މައްޗަށް ދައުވާ ކުރިއެވެ. އެކަމަކު ކްރިމިނަލް ކޯޓުން ކުށް ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމް ކުރި އިރު، ޝިނާހްގެ މައްޗަށް ހުކުމް ސާބިތެއް ނުވެއެވެ.

ޝިނާހްގެ މައްޗަށް ކުށް ސާބިތު ނުވީ އެކަށީގެންވާ ހެކި ނެތުމުންނާއި ވަގަށް ނެގި ތަކެއްޗަށް ޝައްފާން ޒިންމާ ނެގުމުންނެވެ.

ނަމަވެސް މި މައްސަލަ ހައި ކޯޓުން އިސްތިއުނާފް ކުރުމުން ޝިނާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމިއެވެ.

ޝިނާހުގެ މައްޗަށް ހުކުމް ކުރުމުން ހުކުމް ތަންފީޒު ކުރަން ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކުރަންދެން އޭނާ ބަހައްޓާފައި ހުރީ ހައި ކޯޓުގެ ލޮބީ އޭރިއާގައެވެ. ޝިނާހް ފިލީ މުވައްޒަފުންނަށް އޮޅުވާލުމަށްފަހު ކަމަށްވެއެވެ. އޭނާ ފިލި ފަހުން މިހާތަނަށް އައިއިރު ހޯދިފައެއް ނުވެއެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ ޝިނާހް ފިލާފައިވާ ކަން ހައި ކޯޓުން އަންގާފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ފަހު ކަރެކްޝަންސްއާ ހަވާލު ކުރަން ކޯޓުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން މިހާރު ދަނީ ޝިނާހް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.