ސްރީ ލަންކާގައި ދިރިއުޅެނިކޮށް، މީސް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ހައްޔަރުކުރި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހުން ބެލޭނެ ކަމަށް ނިންމައިފިއެވެ.

ޝުމްބާ ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރ 01 ވަނަ ދުވަހުގެ ރޭ ސްރީލަންކާގެ ކޮލަމްބޯ އިންނެވެ.

އޭނާ ހައްޔަރުކޯށްފައި ވަނީ ރައީސް ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި ލޯންޗް ގޮއްވާލި މައްސަލައިގައި ނަމަވެސް އެމައްސަލައިގައި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒަށް ބިރުދެއްކި މައްސަލައެއްގައެވެ.

އިންތިގާލީ އޮފީހަށް މި މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން އެވެ.

އެ މައްސަލަ ބެލޭނެ ކަން މިހާރު އެއޮފީހުން ޝުމްބާއަށް ވަނީ އަންގާފައެވެ.

މުހުތާޒް ވިދާޅުވީ، ޝުމްބާ ރާއްޖެއިން ބޭރުގައި ހުއްޓާ ގާނޫނާއި ހިލާފަށް ހައްޔަރުކޮށް، ރާއްޖެ ގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލަ ބަލައިދިނުމަށް އޭނާގެ ފަރާތުން މިއަދު އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފައިވާ ކަަމަށެވެ.

މި މައްސަލައިގައި ޝުމްބާ އެދިފައި ވަނީ، އޭނާގެ އިންސާނީ ހައްގުތަކަށާއި، ކަރާމަތަށް އަރައިގަނެ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އޭނާއަށް އަނިޔާ ކުރި ފަރާތްތަކާއި، އެކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ކަަމަށް އޭނާ ފާހަގަކުރައްވާފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ދައުވާކޮށްދިނުމަށެވެ.

"މީގެ އިތުރުން ދައުލަތުގެ ފަރާތުން އަޅުގަނޑުގެ ކިބައިން މާއާފަށް އެދުމަށް އަޅުގަނޑު އެދެމެވެ". އޭނާ އެދޭ ގޮތް ކަމަށް ހުށަހެޅި މައްސަލާގައި ވެއެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސސ

    މުޅި ދައުލަތުގެ މުއައްސަސާތަށް ފެއިލް ވެފައިވާ ވަގުތަކު އަންބޮޑި އޮފީހުން ތިޔަކުރާ މަސައްކަތަށް ޝުކުރު ! އެކަމަކު ތިޔަ އަންބޮޑި އޮފީހަށް ކުރެވޭނީ ކޮންކަމެއްތޯ !

  2. ލލ

    އަންބޮޑި އޮފީހުން ޗަރުކޭސް ކުޅެނީ !

  3. ސަޓޯ

    ދަރިން ބޮޑު ނުވަނީސް ނެޓު ގުޅާފަ ކޮންޕިއުޓަރު ދިނީމަ ވާގޮތް ފެނޭއެއްނު ؟؟؟