އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ގާއިމް ކުރަން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ މައްސަލާގައި އެއްވެސް އިރެއްގައި ދެ ޚިޔާލަކަށް ވާހަކަ ދައްކަވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން މާޗު މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވިދާޅުވެފައިވަނީ އެ ޒާތުގެ އެއްބަސްވުންތަކަކީ ކޮންމެހެން މަޖިލީހަށް ސަރުކާރުން ފޮނުވަން ޖެހޭ އެއްބަސްވުންތަކެއް ނޫން ކަމަށެވެ.

ނަޝީދު އިޝާރާތް ކުރެއްވި ކަމަކީ ތަރައްގީގެ މަޝްރޫއުތަކުގެ އެހެން އެއްބަސްވުންތައް ވެސް މަޖިލީހަށް ސަރުކާރުން ޚިއްސާ ނުކުރާ ކަމުގައެވެ. އެހެންވިޔަސް އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުމަކަށް އޮތް ކަމަކީ އޭގައި ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާނެ ކަމެއް އޮވެދާނެތީއެވެ.

ރާއްޖޭން ބޭރުގައި ފަސް މަހަށް ވުރެ ގިނަ ދުވަހު އުޅުއްވުމަށް ފަހު، އިއްޔެގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ އެ އެއްބަސްވުން މަޖިލީހަށް ޚިއްސާ ކުރަން ޑިފެންސް މިނިސްޓްރީގައި އެދޭނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ކުރެއްވި ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ މިސްރާބު އަދިވެސް ހުންނެވީ އެއް ދިމާއަށް ކަން ކުރިން ޖަލްސާގައި ދެއްކެވި ވާހަކަ ރަނގަޅަށް އަޑުއަހާލުމުން އެނގޭނެ ކަމަށެވެ.

"މާޗު މަހު ހަތަރުވަނަ ދުވަހުގެ ޖަލްސާއެއްގެ ވާހަކަ ފާޙަގަ ކުރިން، އަޅުގަނޑުގެ އެ ވާހަކަ ރަނގަޅަށް އައްސަވާ، އެނގޭނެ އަޅުގަނޑުމެންގެ މިސްރާބު މި ހުރީ ހަމަ އެއް ދިމާއަކަށް ކަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ދިރާސާކުރާނެ ކަމަށާއި އެ އެއްބަސްވުމާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލާފައި މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވާނެ ކަމަށެވެ. ދެން އޭގައި މެންބަރުން ގޮތެއް ނިންމަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން އެ އެއްބަސްވުން ހާމަ ކުރާނެތޯ ސުވާލު ކުރުމުން އެއަށް ނަޝީދު ސީދާ ޖަވާބެއް ނުދެއްވައެވެ. މީގެ ކުރިން ވެސް ސަރުކާރުން އާންމުނުކޮށް ހުރި ބައެއް ލިޔެކިއުންތައް މަޖިލީހުން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓްތަކަކާއި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ހިމެނެއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނާ ލިޔެކިއުންތަކެއް މީގެ ކުރިން މީޑިއާގައި ލީކްވެފައިވެއެވެ. އެއެއްބަސްވުން ބުނާ ގޮތުގައި އިންޑިއާ ސިފައިން އުތުރުތިލަފަޅުގައި ތިބޭނެއެވެ. އެއީ ހަގީގަތަކަށް ވެއްޖެނަމަ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ ސަރަހައްދުތަކުގެ އަދަދު ހަތަރަކަށް އަރާނެއެވެ. މިހާރު ވެސް އައްޑޫ ސިޓީ ގަމާއި، ލ.ކައްދު އަދި ހދ.ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަބީލު

    މި ނަޝީދަކީ ދިވެހިން ކުރިމަތި ވެފައިވާ ބޮޑު މުސީބާތެއް! މީނަ ދައްކާ ވާހަކަ ތަކުގެ ސަބަުން ލިބޭ ގެއްލުމަށް ޒިންމާވާންނީވެސް ހަމަ މީނަ! ރައްޔިތުންގެ އަތުންނެގޭ ޓެކުސް ފައިސާކޮޅުން ހޮޓަލުގެ ޚަރަދާ ސިކިއުރިޓީއާ މިކަންކަމަށް ޚަރަދު ކުރާކަށް ނުޖެހޭ! އެފައިސާއިން ޚަރަދުރަންވާނީ ރައްޔިތުން ދިމާވާ ދަތިތައް ހައްލުކުމުމަށް!