ބ. ތުޅާދޫގެ މުޖުތަމައު ތެރެއިން ކޮވިޑް-19 ފެނި، ރަށް މޮނިޓަރިންގްގެ ހާލަތަަށް ގެނެސްފިއެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް "ވަގުތު" އަށް ވިދާޅުވީ އެރަށް މޮނިޓަރިންގްގެ ހާލަތައް ގެނެވިފައިވަނީ ތަރުތީބެއްނެތި ނެގި ސުންކުތަކެއް ކޮވިޑަށް ފައްސިވުމާއި ގުޅިގެން ކަމަށެވެ.

އާދިލް ވިދާޅުވީ ތަރުތީބެއް ނެތި ސުންކު ނަގާފައިވަނީ ދަތުރުކޮށްފައި ރަށަށް އައި މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން، މިއަދާއި ހަމައަށް ފަސް މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ.

ފައްސިވީ ވޭދަނަތަކާއި ގުޅިގެން މިހާރު ވަނީ އިތުރު ސުންކުތަކެއް ނަގާފައިކަން އާދިލް ފާހަގަ ކުރެއްވިއެވެ. އާދިލް ވިދާޅުވީ މިއަދު ނެގި ސުންކުތަކުގެ ނަތީޖާ ލިބޭނެ ކަމަށް ލަފާކުރެވެނީ މާދަމާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގައި ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު މިހާރު ވަނީ 15 އަށް އަރާފައެވެ.