އެމްޓީސީސީ އަށް ބިދޭސީން ރެކްރޫޓްކުރުމުގެ މަސައްކަތް ހަވާލުކުރި ގޮތާއި ގުޅޭ މައްސަލާގައި އެ ކުންފުނީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔާތުގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިރޭ ހާމަކުރި ގޮތުގައި އެ މައްސަލާގައި ޒިޔާތުގެ މައްޗަށް އުފުލުމަށް އެދިފައިވަނީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން އެ މައްސަލައިގެ ތަފްސީލް ހާމަކުރަމުން ވިދާޅުވީ އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރުމަށްޓަކައި، 20 ޖުލައި 2017 ގައި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާއެކު އެކުންފުނިން އެއްބަސްވުން ހަދާފައިވާ ކަމަށެވެ.

ނަމަވެސް، އެ ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމުގައި އެމްޓީސީސީން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް، ބިދޭސީން ރެކްރޫޓްކުރުމަށް ހާއްސަ ޖޮބް އޯޑަރެއް ތައްޔާރުކޮށް، އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި ދެ ކުންުފުންޏަކަށް ފޮނުވާފައިވާ ކަމަށް އޭސީސީން ވިދާޅުވެފައިވެއެވެ.

އަދި އެ ޖޮބް އޯޑަރ އަށް ހުއްދަ ދީފައިވަނީ ޒިޔާތު ކަމަށް ބަޔާންކޮށްފައި ވެއެވެ.

އަދި އެ ޖޮބް އޯޑަރ އަކީ، 15 އެޖެންސީއަކާއެކު އެއްބަސްވުން ގާއިމްކުރުމަށްފަހު، އެމްޓީސީސީން ތައްޔާރު ކޮށްފައިވާ ފުރަތަމަ އޯޑަރާ ގުޅިގެން ރެކްރޫޓްމަންޓް އެޖެންސީތަކުން ޝަކުވާ ހުށަހެޅުމާގުޅިގެން، އެ އޯޑަރ ކެންސަލް ކޮށް، ތައްޔާރުކޮށްފައިވާ ދެވަނަ އޯޑަރ ކަމަށް އޭސީސީން ވިދާޅުވެފައި ވެެއެވެ. އަދި އެއީ ރެކްރޫޓްމަންޓް އެޖެންސީތަކާއެކު އެމްޓީސީސީން ވެފައިވާ އެއްބަސްވުމާ ހިލާފަށް، އެ ދެ ކުންފުނިން ބިދޭސީ މުވައްޒަފުން ގެނައުމަށް ހަދާފައިވާ ހާއްސަ އޯޑަރއެއްކަން ފާހަގަކުރެވޭ ކަމަށާއި، އެ ދެ އެޖެންސީ ފިޔަވައި އެހެން ރެކްރޫޓްމަންޓް އެޖެންސީތަކަށް އެ ޖޮބް އޯޑަރ ފޮނުވާފައިނުވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ފުރަތަމަ ޖޮބް އޯޑަރަށް ބަލާއިރު، އެއްބަސްވުން ހަދާފައިވާ ހުރިހާ ރެކްރޫޓްމަންޓް އެޖެންސީތަކަށް އެމްޓީސީސީން ފުރަތަމަ އޯޑަރ އީމެއިލްކޮށްފައިވީ ނަމަވެސް، ރެކްރޫޓްމަންޓް އެޖެންސީތަކުން ފޮނުވާފައިވާ ބިދޭސީންގެ މައުލޫމާތުތަކަށް ބިނާކޮށް އެމްޓީސީސީން ބިދޭސީންގެ ލިސްޓު ތައްޔާރުކޮށްފައިވަނީ، ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ދެ ކުންފުންޏަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށް ވިދާޅުވެފައިވެއެވެ.

އެގޮތުން ދެވަނަ އޯޑަރަށް ބަލާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ގެނައުމުގެ އުސޫލަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެން އެމްޓީސީސީއާއެކު އެއްބަސްވުން ހަދާފައިވާ ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކަށް ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ނުގެނެވޭނެކަމަށާއި، ނަމަވެސް، އެ ދެ ކުންފުންޏަށް އިމިގްރޭޝަނުން ހާއްސަ ހުއްދައެއް ދީފައިވާކަމަށް އެ އޯޑަރއާގުޅޭ ހުއްދައިގެ ލިޔުމުގައި، ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވެފައިވެެއެވެ. ނަމަވެސް، އޭސީސީން ބެލިބެލުމުން، އިމިގްރޭޝަނުން ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކުގެ ތެރެއިން އެއްވެސް އެޖެންސީއަކަށް ބިދޭސީން ގެނައުމުގައި ހާއްސަ ލުއިފަސޭހައެއް ދީފައި ނުވާކަން އެނގެއެވެ.

އަދި އެ ދެ ކުންފުނިން 33 ބިދޭސީން ރާއްޖެއަށް ގެނެސްފައިވާކަން ތަހުގީގުން އެނގޭ ކަމަށް އޭސީސީން ވިދާޅުވެފައިވެއެވެ.

އެހެންކަމުން ހަމައެކަނި ދެ ކުންފުންޏެް މެދުވެރިކޮށް އެމްޓީސީސީއަށް ބިދޭސީން ގެނައުމަށް ނިންމާފައިވާ ޖޮބް އޯޑަރއަކީ އެކުންފުނީގެ ޒިޔާތުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެ ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމާއި، އެކަމުގެ ސަބަބުން އެ ދެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަހުގީގަށް ލިބިފައިވާ މައުލޫމާތާއި ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބުދުﷲ

    މައުމޫންގެ ވެރިކަމުގެ ރިސްވަތު އާއްމުވުމުގެ ނަތީޖާ ......!!!!!!އެއްވެސް މީހަކު ނުހުންނާނެ މިނުބަެއި އަމަލުން ސަލާމަތްވާނެ.

  2. ހ.އާހަމަ

    ވައްކަމުގެ އާއިލާއެއް

  3. ކޮތަރު

    ހަމައެކަނި ވައްކަމަކަށް ނުވަނީ ކަޅުޑޮލަރުދަބަސް އުފުލުން އެހެން ނޫންތޯ؟؟؟