ސުޕްރީމް ކޯޓުގެ ޗެމްބަރު ފަނޑިޔާރަކަށް، އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ހަމަޖައްސަވައިފި އެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން އެއް އަހަރުގެ މުއްދަތަކަށް ޗެމްބަރު ފަނޑިޔާރު ކަމަށް އާދަމް މުހައްމަދު އަބްދުﷲ އައްޔަން ކުރެއްވީ އުއްތަމަ ފަނޑިޔާރެވެ.

ޗެމްބަރު ފަނޑިޔާރަކީ އެ ކޯޓުގައި ހިނގާ މައްސަލަތަކުގައި ހިމެނޭ ވަކީލުންގެ ޗުއްޓީގެ ކަންކަން ބެލެހެއްޓުމާއި ވަކީލު ނުވަތަ ބަދަލުގައި ހިމެނޭ ފަރާތް ބަދަލުކުރަން ނުވަތަ އެފަދަ ފަރާތެއް މައްސަލައިން ތަނާޒުލްވާން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމާއި މައްސަލައެއްގައި ހިމެނޭ ފަރާތެއް އުނިކުރުމަށް ނުވަތަ އިތުރު ކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާ ފަނޑިޔާރެވެ. މީގެ އިތުރުން އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތައް ހުށަހެޅުމުގެ ހުއްދަ ދިނުމާ މެދު ގޮތެއް ނިންމުމާއި ކަފާލާތުގެ މައްސަލަތަކާ މެދު ގޮތެއް ނިންމުމާއި ރަޖިސްޓްރާގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަކީ ވެސް ޗެމްބަރު ފަނޑިޔާރުގެ މަސްއޫލިއްޔަތެކެވެ.

އުއްތަމަ ފަނޑިޔާރަކަށް އެންމެ ފަހުން އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދުގެ މަގާމު ހުސްވުމުން އާ އުއްތަމަ ފަނޑިޔާރަކު އައްޔަންކޮށް، ބެންޗުން ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން ވަނީ އައްޔަންކޮށްފަ އެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމުގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ބެންޗަށް އައްޔަން ކުރައްވައިފަ އެވެ.