ބައިނަލްއަގްވާމީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ގޮތަށް ނިންމައިފިއެވެ.

އެޗްޑީސީއާ ދިރާގު ގުޅިގެން ކުރިއަށް ގެންދާ އެ ހަރަކާތް އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު 6:30 އިން 8:30އަށް ހުޅުމާލޭ ރުއްގަނޑު އެކެއް ސަރަހައްދުގައެވެ. އެ ހަރަކާތުގައި މަޖާ ކުޅިވަރުތަކާއި، އެކި ކަހަލަ ހަރަކާތްތައް އޮންނާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

65 އަހަރުން މަތީގެ ގްރޫޕްތަކަށް ހާއްސަކޮށް ބާއްވާ އެ ހަރަކާތުގައި ރަޖިސްޓާ ކުރަން ގުޅަން ޖެހޭނީ 7924392 ނަންބަރަށެވެ.

ބައިނަލްއަގްވާމީ އިސްރަށްވެހިންގެ ދުވަހަކީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހާ ދިމާކޮށް ނޭޝަނަލް ސްޓޭޓިސްޓިކް އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރުން ފެށިގެން ދޮށީ އުމުރުގެ އާބާދީ ވަނީ ފަސް ގުނައަށް ރާއްޖޭގައި ވަނީ އިތުރުވެފައެވެ. އެ އަަހަރު ތިބި ދޮށީ އުމުރު މީހުންގެ އަދަދަކީ 16،607 އެވެ. އޭގެ ހަތް އަހަރު ފަހުން 2020 ވަނަ އަހަރު ދޮށީއުމުރުގެ އާބާދީ އަކީ 18،598އެވެ.

މި އަހަރަށް ކޮށްފައިވާ އަންދާޒާތައް ދައްކާ ގޮތުން މިހާރު ތިބި ދޮށީ އުމުރުގެ މީހުންގެ އާބާދީއަކީ 19،528 އެވެ. އޭގެ ތެރެއިން 6980 މީހުންނަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކެވެ. އަދި 12،547 މީހުންނަކީ ރަށްރަށުގައި އުޅޭ މީހުންނެވެ.

މީގެ 15 ވަރަކަށް އަހަރު ފަހުން މި އަދަދު 89،945 އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ 52 އިންސައްތަ ފިރިހެނުންނާއީ 48 އިންސައްތަ އަންހެނުންނެވެ.

ބަލިތަކަށް ބަލާއިރު 46 އިންސައްތަ މީހުންނަކީ ލޭ މައްޗަށް ދާ މީހުންނެވެ. ހަކުރު ބަލީގެ މީހުންގެ އާބާދީއަކީ 28 އިންސައްތައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދަކީ 45 އިންސައްތައެވެ.