އުތުރުތިލަފަޅު އެއްބަސްވުމުގެ ހިމެނޭ ކަންކަމުގެ ތެރެއިން "ދިޔަރެސް" ނޫހުގެ އަހްމަދު އަޒާން ހޯދަން އެދުނު މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޛް އަހުމަދު އާހިދު ރަޝީދު، ޑިފެންސް މިނިސްޓްރީއަށް އަންގައިފިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމަކީ އުތުރުތިލަފަޅު ތަރައްގީ ކުރުމާއި ގުޅޭ ގޮތުން އިންޑިއާ ސަރުކާރާއި އެކު ދިވެހި ސަރުކާރުން ވެފައި އޮތް އެއްބަސްވުމެކެވެ.

އެއްބަސްވުމުގައި ހިމެނޭ މައުލޫމާތު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދަމުން ގެންދިޔައީ އެމައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތައް ނުރައްކާ ވާނެ ކަމަށް ބުނެއެވެ.

މި މައްސަލައާ ގުޅިގެން މިއަދު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އޮތް އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ މި މައްސަލާގައި ޑިފެންސް މިނިސްޓްރީން ބުނި ގޮތަށް އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ މައުލޫމާތަކީ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތު ކަމުގައި ޤަބޫލުނުކުރެވޭ ކަމަށެވެ.

އަޒާން އެދުނީ އުތުރުތިލަފަޅު އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ ތެރެއިން މައިގަނޑު ހަކަމެއްގެ މައުލޫމާތު ހާމަކޮށްދިނުމަށެވެ.

ހޯދަން އެދުނު މައުލޫމާތުތައް

  • އުތުރުތިލަފަޅުގައި ތިބޭނެ އިންޑިއާގެ ޓެކްނިކަލް މުވައްޒަފުން ނިސްބަތްވާ މުއައްސަސާ ހާމަކޮށްދޭން.
  • އެއްބަސްވުމުގެ ދަށުން އިންޑިއާ މީހުންނަށް ރާއްޖޭގައި ތިބެވޭނެ މުއްދަތު.
  • އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބޭނީ އިންޑިއާގެ ޓެކްނިކަލް ކިތައް މީހުންކަން.
  • އެއްސްވުމުގެ ދަށުން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓް ރޭޓް، އަދި އަނބުރާ ދައްކަން ޖެހޭ މުއްދަތާއި އެފަދަ އެހެނިހެން ތަފްސީލް.
  • އެއްބަސްވުމުގެ ދަށުން އަންނަ ޓެކްނިކަލް މުވައްޒަފުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭނެނަމަ އެކަމުގެ ތަފްސީލް.
  • އެއްބަސްވުމުގެ ދަށުން އަންނަ ޓެކްނިކަލް މުވައްޒަފުންގެ ކެއުމާއި އެހެނިހެން ހަރަދުތައް ދިވެހި ސަރުކާރުން ބަލަހައްޓާނަމަ އެކަމުގެ ތަފްސީލް.

ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރެއިން ލޯނާއި ގުޅޭ އެއްބަސްވުމެއްގައި ޑިފެންސް މިނިސްޓްރީން ސޮއި ކޮށްފައި ނުވާތީ އެމައުލޫމާތު ދެވެން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން އެންގިކަން އިންފޮމޭޝަން ކޮމިޝަނަރު ފާހަގަ ކުރެއްވެވިއެވެ. ކޮމިޝަނަރު ވިދާޅުވީ އެކަމާއި ގުޅޭ މައުލޫމާތު ހުރި އިދާރާއަކަށް ބަދަލުކުރުމަކީ ގާނޫނު އޮތް ގޮތުން ޑިފެންސް މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. އެމައުލޫމާތު ހޯދުމަށް ފަހު މައުލޫމާތު ހޯދަން އެދުނު ފަރާތައް މައުލޫމާތު ފޯރުކޮށްދޭން އިންފޮމޭޝަން ކޮމިޝަނަރު އެންގެވިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު ހާމަކުރަން ޑިފެންސަށް އައިކޮމް އިން އެންގިއިރު ރައްޔިތުންގެ މަޖިލީހުން ވެސް މިހާރު ވަނީ އެއެއްބަސްވުން މަޖިލީހަށް ފޮނުވުމަށް ޑިފެންސް މިނިސްޓްރީގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޒީ

    އެނދެގެންހުރި ފޮށާ ދާގަނޑުން ދޫވެގެން ވެއްޓެނީ~ ﷲ އަކްބަރު

  2. އިބްރާހިމް

    ފާޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭރުގެ ސިފައިން (އިންޑިއާސިފައިން) ރާއްޖޭގައި ބައިތިއްބަން ގޮވަމުންދާއިރު ޤައުމީ ސަލާމަތަށް ނުރައްކާވީކަމަކަށް ނުވޭ.

  3. ހަކީމު

    ކަލޯގެ ދުވަސް ދުއްވާލާކަށް ދެން މާގިނަ ދުވަހެއް ނުނަގާނެ.

  4. ހަސަން

    ޔަގީން ވާކަމަކީ އޭގެ މުހިއްމު ބައި ފޮރު ވާނެކަން