ޕިކަޕަކުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ އަންހެނަކާއި ފިރިހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހުންނަކީ، 2021 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ މަގެއްގެ މަތީގައި ޕާކު ކޮށްފައި އޮތް ޕިކަޕަކުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ބައެއް ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ދުއްވާފައިވަނީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ވަނީ އެނގިފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޕިކަޕަކުން އެމީހުން ވަގަށް ނެގީ ކޮންއެއްޗެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ވިދާޅުވީ މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 497362 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އާއްމު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.