ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ޖޫރިމަނާގެ ހުކުމާ އެއް ގޮތަށް އޭނާ ފައިސާ ދެއްކެވިކަން ކްރިމިނަލް ކޯޓުގެ ރިކޯޑުގައި ނެތް ކަމަށް އެ ކޯޓުން މިއަދު ބުނެފިއެވެ.

ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަދީބާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އުފުލި އެންމެ ހަ ދައުވާއަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް މީގެ އަހަރު ދުވަސް ކުރިން އިއްވިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބު ޖޫރިމަނާ ދެއްކި ކަން ކްރިމިނަލް ކޯޓުގެ ރިކޯޑުގައި ނެތް ކަމަށެވެ. ޖޫރިމަނާ ފައިސާ ދެއްކިކަން ކްރިމިނަލް ކޯޓަށް އެންގިނަމަ، އެ ކަމެއް ކޯޓުގެ ރިކޯޑުގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓަށް އެންގުން ލާޒިމު ކުރާ އުސޫލެއް ނެތް ނަމަވެސް، މިފަދަ މައްސަލަތަކުގައި ޖޫރިމަނާގެ ފައިސާ ދެއްކިކަން ކްރިމިނަލް ކޯޓަށް އާންމު ގޮތެއްގައި އަންގައެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މޭސްތެރިޔާ ކަމުގައި ކްރިމިނަލް ކޯޓުގައި ވެސް އިއުތިރާފްވެފައިވާ އަދީބު މި ވަގުތު ހުންނެވީ ވެސް ގޭބަންދުގައެވެ. ޖަލު ހުކުމް އިއްވިތާ ދުވަސްތަކެއް ނުވެ އޭނާ ބޭސްފަރުވާގެ ކަންކަމަށް ކަމަށް ބުނެ ގޭބަންދަށް ބަދަލުކުރިއެވެ.

އަދީބުގެ ޖޫރިމަނާ ފައިސާ ދެއްކިކަން ކްރިމިނަލް ކޯޓުގެ ރެކޯޑުގައި ފެންނަން ނެތްއިރު، ޚިޔާނާތުގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހުކުމުގައި ހިމެނޭ ފަސް މިލިއަން ޑޮލަރު އަދި ނުދައްކަވައެވެ.

އެ ފައިސާ ހޯދަން ސިވިލް ކޯޓަށް ދާން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވަނިކޮށް، ސުޕްރީމް ކޯޓުގައި ހިނގަމުންދާ އިސްތިއުނާފް މަރުހަލާގެ ޝަރީއަތުގައި ޖޫރިމަނާ ފައިސާގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރަން ވަނީ އަމުރެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަބޫ

    100މިލިއަންޑޮލަރުކާލީމަ 2 މިލިއަންރުފިޔާޖޫރިމަނާއެއް ޕީޖީހަމަޖެހޭމީހެއްތޯވެސް ބަލަންއެބަޖެހޭ އެއްމިލިއަން ލިބުނުކަމައްބުނާމީހާ 5 މިލިއަނުންކުރީ ރީނދޫގާނޫނެއްއޮވޭބީ މިކަމުގެ