އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ތެރެއިން ތިން ގާޒީންގެ ލީކުވި އޯޑިއޯތަކުގެ ތަހުގީގާ ގުޅޭ އެއްވެސް ކަމެއް ސާފު ނުވާތީ އިދިކޮޅު ލީޑާޝިޕް ފުލުހުންގެ އިދާރާއަށް ދާން ނިންމައިފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕް ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ވަޑައިގަންނަވާނީ މިއަދު މެންދުރުފަހު 1:30 ހާއިރުއެވެ.

މި ގާޒީންގެ އޯޑިއޯ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފަށައި ގާޒީންގެ އަޑުގެ ސާމްޕަލް ނަގައިގެން އެ ތަކެތި ފުލުހުންނާ ޚިއްސާކުރިއެވެ. އެ ތަކެތި ތަހުލީލު ކުރަން ފުލުހުން ވަނީ އޭގެ ތަޖުރިބާ ހުރި އަމިއްލަ ފަރާތަކާ ހަވާލުކޮށްފައެވެ.

ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

ދެން އެ މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

މި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ނިންމާލިއިރު، ދެން އޮންނާނީ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވާ އަޑުއެހުމެވެ. އެ އަޑުއެހުން އޮންނާނެ ތާރީޚެއް އަދި ސުޕްރީމް ކޯޓުން ހާމައެއް ނުކުރެއެވެ. ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ތަންފީޒު ކުރަން ފަސްކުރަން އަމުރެއް ނެރެފައެވެ.

މި ވަގުތު ގޭބަންދުގައި ހުންނެވި ޔާމީންގެ މައްޗަށް އުފުލަމުންދާ ދައުވާތަކާއި އިއްވާފައިވާ ހުކުމަކީ އިންސާފުން ބޭރުން ހިންގާފައިވާ ކަންކަން ކަމުގައި ޕީޕީއެމްއާއި ޕީއެންސީ އަދި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ދެކެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރުޅިއަރާ

    ތިޔަ ހުރިހާ ސާމްޕަލެއްވެސް ވާނީ ނައްސި، ވ.ސާފު އިނގޭތޯ. މީ ތޯތޯ ސަތުކާރެއްނޫނޭ

    3
    1
  2. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    ސްޕްރީމް ކޯޓުން ޔާމީނަށް ކަފާލާތު ނުދިނީ ވަރަށް އަވަހަށް މައްސަލަ ނިންމާތީ ކަމަށްބުނެ. ޔާމީނުގެ މައްސަލަ ސްޕްރީމް ކޯޓުން އިންސާފުވެރިކަމާއެކު ނިންމާފިނަމަ ސްޕްރީމްކޯޓްގެ ފަނޑިޔާރު އަލީ ރަޝީދު މަގާމުން ވަކިކުރަން ޖެހޭނެ. އެހެންކަމުން ތިޔަމައްސަލަ އަވަހަކަށް ނުނިންމާނެ. ސްޕްރީމްކޯޓްގެ އަގު ރައްޔިތުން ކުރިމަތީ ވެއްޓޭނެ. އެހެންކަމުން ހައިކޯޓްގެ ހުކުމަށްތާއީދުކޮށް މައްސަލަ ނިންމާނީ. ހަނދާނާ ތާރީޚަށްޓަކައި މިކޮމެންޓް ރައްކާކޮށްފާބާއްވާ. މިނޫންގޮތަކަށް ނުވާނެ. ސަރުކާރުގެ ނުފޫޒުމުޅި ޖުޑިޝަރީގައިއޮތީ.