އައްޑޫ ގަމުގައި ހުންނަ ފްލައިން ސްކޫލް ހިންގަން ޖޮއިންޓްވެންޗާ ކުންފުންޏެއް އުފައްދަން އައިލެންޑް އޭވިއޭޝަން(އައިއޭއެސް) އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ޝަރީފްއެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު މިހާދެވެ.

އެމްއެންޔޫއިން ބުނީ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ގައުމީ ޔުނިވަސިޓީއާއި އައިލެންޑް އޭވިއޭޝަންއާ ގުޅިގެން ގައުމު ބިނާކުރުމަށް ހެދިފައިވާ ޕްލޭންތަކާއި އެއްހަމައެއްގައި މަސައްކަތްކުރުން ކަމަށެވެ

. އެ ފްލައިން ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ ޗެކް ރިޕަބްލިކްގެ ތަޖުރިބާކާރު ފްލައިން އެކަޑަމީއިންނެވެ. އެގައުމަށް ނިސްބަތްވާ ފްލައިން އެކަޑަމީ ހޮވިފައިވަނީ އޯޕަން ބިޑަކުން ކަންކަމަށާއި ޖޮއިންޓް ވެންޗާ ކުންފުނިން ހިންގާ ފްލައިންގ ސްކޫލް މިއަހަރު ނިމުމުގެ ކުރިން ހުޅުވޭނެކަންވެސް އެ ރަސްމިއްޔާތުގައި ވަނީ ފާހަގަކޮށްފައެވެ.

ފްލައިން ސްކޫލު މީގެ ކުރިން ހިންގަމުން އައީ ސްރީލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)އިންނެވެ. އޭއޭއޭގެ ގިނަ މައްސަލަތަކެއް ފެންމަތިވެ އެތަނުގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ޝަކުވާތަކާއެކު ގަން އެއާޕޯޓް ކުންފުނިން ނިންމީ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް އާނުކުރާށެވެ. އޭގެ ފަހުން ފްލައިން ސްކޫލް ހިންގަން ހަވާލުވީ އެވިޑް ކޮލެޖުންނެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވަނީސް އެވިޑުންވެސް އެއްބަސްވުން ބާތިލް ކުރިއެވެ.

އައިއޭއެސްއިން މަސައްކަތް ކުރަމުން ދަނީ، އަންނަ އަހަރު ފެށޭ ހިސާބުގައި ފްލައިންގ ސްކޫލް އޮޕަރޭޝަނަލައިޒް ކުރުމަށެވެ. އަދި، ޕްރޮޖެކްޓް ޝެޑިއުލާ އެއްގޮތަށް ކަންކަން ކުރެވެމުންދާ ކަމަށާއި، ލީޒް އެގްރިމަންޓެއްގެ ދަށުން އައްޑޫ އެއާޕޯޓްގައި ހުރި ދެ އިމާރާތް (ހެންގާ ހިމެނޭހެން) އެ ކުންފުންޏަށް ދޫކުރެވިދާނެތޯ އައްޑޫ އެއާޕޯޓުގައި ސިޓީއަކުން އެދިފައިވާ ކަމަށް އައިއޭސްއިން މައުލޫމާތުދެެއެވެ.

ފްލައިން ސްކޫލް އޮޕަރޭޝަނަށް ގެނައުމަށް އައްޑޫ އެއާޕޯޓުގައި އިތުރަށް ގާއިމްކުރަންޖެހޭ ވަސީލަތްތައް ގާއިމްކުރުމުގެ އެ ކުންފުނިން އަންނަނީ ތައްޔާރީތައް ވަމުންނެވެ.

ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓިފައިވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވުމާއި ރީފަންޑް ނުލިބުމާއި، އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭނގުމުގެ ސަބަބުން އެ ދަރިވަރުންނަށް ދިމާވަމުންދާ މާލީ ނަފްސާނީ އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް ހިއްސާކުރައްވާފައެވެ.

ސަރުކާރުން ވަނީ ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީހުން ފެށިގެން ހަ މަސްދުވަސް ފަހުންކަމުގައި ކަނޑައަޅާފައެވެ. ކޯސް ފުރިހަމަ ކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.